2023ގެ ބަނޑުން ވިހެއި ސިޔާސީ ޙަޤީޤަތް

2023 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރައްވަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމްގެ) ގެ ރައީސް އަދި އިދިކޮޅު ކޯލިޝަނުގެ ލީޑަރު ޔާމީން ނިންމެވިއެވެ.

ރައީސް ޔާމީން އަކީ ކުރިން ޕްރޮގްރެސިވް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅި ފަރާތެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއްގެ ހުންނަންޖެހޭ ޝަރުތުތައް ރައީސް ޔާމީންގެ ކިބައިގައި ހަމަނުވާކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމިއެވެ. އަދި ދިމާވެދާނެ ހާލަތަކަށް ބަލައި، ޕީޕީއެމްއަށް އިތުރު ކެންޑިޑޭޓަކު ނެރެން އިތުރު ވަގުތުދިނުމަށް ވެސް އެ ޕާޓީން އެދުނެވެ. އެ މައްސަލަ ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން، އީސީގެ ނިންމުމަށް ތާއީދުކުރިއެވެ.

މި މައްސަލައިގެ އަޑުއެހުމުގައި އީސީގެ ފަރާތުން ބުނެފައިވަނީ، ކެންޑިޑެސީ ފޯމު ހުށަހަޅާ ދުވަހަށް ބަދަލު ގެނެސްފިނަމަ، ނުކުންނާނެ ނޭދެވޭ ނަތީޖާތަކުގެ ސަބަބުން އެ ފުރުސަތު ދެވެން ނެތްކަމަށެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދިޔައިރު، ޕީޕީއެމްގެ ލީޑާޝިޕުން ބުނަމުންދިޔައީ މުއިއްޒުއަކީ އިދިކޮޅު ކޯލިޝަނުގެ "ޕްލޭން ސީ" ކަމަށެވެ. "ޕްލޭން އޭ" އަކީ ރައީސް ޔާމީން ކަމަށާއި، "ޕްލޭން ބީ" އަކީ ސުޕްރީމް ކޯޓުން ހޯދާ ފުރުސަތުގެ ތެރެއިން އެ ޕާޓީން ނެރޭ އިތުރު ކެންޑިޑޭޓެއް ކަމަށް ވެސް އެ ޕާޓީގެ ލީޑާޝިޕުން ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން، އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ރަނގަޅުކަމަށް ކުރި ހުކުމާ ގުޅިގެން ރައީސް ޔާމީން ވަނީ، އިންތިޚާބު "ބޮއިކޮޓް" ކުރަން ވެސް ޕްރޮގްރެސިވް ކޯލިޝަންގެ ސެނެޓަށް ލަފާދެއްވާފައެވެ. އެހެންނަމަވެސް ސެނެޓުން ނިންމީ، ރައީސް ޔާމީންގެ ލަފާފުޅާ ޚިލާފަށް، އިންތިޚާބު ބޮއިކޮޓް ނުކުރާށެވެ.

އިންތިޚާބުގައި ޕީޕީއެމުން ޕީއެންސީގެ ކެންޑިޑޭޓު، ޑރ. މުއިއްޒުއަށް ތާއީދު ނުކުރާނެކަމަށް ބެލެވޭކަމަށް ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ބުނަމުންދަނިކޮށް، އިންތިޚާބަށް ވަރަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ޕީޕީއެމް އިން  ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކޮށް، އެއީ ޕްރޮގްރެސިވް ކޯލިޝަނުގެ ކެންޑިޑޭޓުކަމަށް ކަނޑައެޅިއެވެ. އެއީ ޕްލޭން "ސީ" އެވެ.


ޕްލޭން "އޭ" އަކީ ރައީސް ޔާމީން ވާދަ ކުރެއްވުމެވެ. ޕްލޭން "ބީ" އަކީ، އެމަނިކުފާނަށް ވާދަ ނުކުރެއްވޭ ހާލަތުގައި ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރުމެވެ. އަދި ޕީއެންސީގެ ފަރާތުން ރިޔާސީ ޓިކެޓު އަރުވައިފައިވާ، ޑރ.މުޙައްމަދު މުޢިއްޒު ވާދަ ކުރެއްވުމަކީ ޕްލޭން "ސީ" އެވެ.


ދެން ފެނިގެންދިޔައީ، ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައެޅި އެމަނިކުފާނުގެ ގާނޫނީވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަޙްމަދު ކުރެއްވި ޓުވީޓެކެވެ. އޭނާ ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް އަދި ދިވެހިންނަށް އެންމެ ރަނގަޅު ގޮތަކީ ޕްރޮގްރެސިވް ކޯލިޝަންގެ ސެނެޓާއި އާންމު މެމްބަރުންނާއި ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާ އެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރެއްވުން ކަމުގައި ޔާމީން ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.

އެހެންވެ، ސެނެޓްގެ ވިސްނުމާ އެއްގޮތަށް ޔާމީން، އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވައި ޕީއެންސީން ނެރޭ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާކަމަށް އޭރު އޭނާ ވިދާޅުވިއެވެ.

މިއާއެކު "ނޯ ޗޮއިސް" ގައި ނެރެން ކަނޑައަޅާފައި ހުރި "ޕްލޭން ސީ" ކެންޑިޑޭޓު، ޕްރޮގްރެސިވް ކޯލިޝަންގެ ހަމައެކަނި ކެންޑިޑޭޓު، އަދި "ޕްލޭން އޭ" އަށް ވިއެވެ. އެއީ ޕްރޮގްރެސިވް ކޯލިޝަނުން ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމެެވެ. ޕްރޮގްރެސިވް ކޯލިޝަނުގެ "ޕްލޭން އޭ" ކެންޑިޑޭޓު، ޑރ. މުޢިއްޒުގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަޠީފެވެ.

ސުޕްރީމް ކޯޓުގެ "ބޮޑު ހުކުމަށް" ފަހު ޕްރޮގްރެސިވް ކޯލިޝަންގެ ތެރޭގައި "ކޯޅުން" ބޮޑުވެ، ޕީޕީއެމް އޮފީސް ތެރޭގައި ވެސް ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގިއެވެ.

"ޕީޕީއެމްގެ އާންމު މެމްބަރުންނަށް ޕީޕީއެމް އޮފީހަށް ވަދެވޭނެ" ކަމަށް ބުނެ އެ ޕާޓީގެ އޮފީހަށް ބަޔަކު ވަންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވިއެވެ. މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޕީޕީއެމްގެ ސެނެޓު ބައްދަލުވުމެއް ކުރިއަށްދަނިކޮށް، އެތަށް ބަޔަކު ވަދެފައިވާ މައްސަލައެއް އެ ޕާޓީގެ ފަރާތުން ހުށަހެޅުމާ ގުޅިގެން އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވަމުން އައިއިރު، ސިޔާސީ މަސްރަޙް ވަރަށް ބޮޑަށް ހަލަބޮލިވިއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން 2023 ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން މަސްދުވަހަށް ވެފައިވަނިކޮށް، ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ސާފުވިއެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކެމްޕެއިނެއް ހިންގައި، 53 އިންސައްތަ ވޯޓުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރައީސް ޔާމީން ބޭނުންފުޅުވީ އިންތިިޚާބު ބޮއިކޮޓް ކުރާށެވެ. އެމަނިކުފާނަށް ވެރިކަމަށް ނާދެވޭތީއެވެ. ޕީޕީއެމް ޕީއެންސީގެ ވެރިކަމެއް 2023 ގައި ޤާއިމު ނުކުރެވުނަސް އެމަނިކުފާނަށް މުހިއްމުވީ އެ ގޮތެވެ. ނަމަވެސް، އާންމު މެންބަރުންނާއި ސެނެޓުގެ އަޣްލަބިއްޔަތު އޮތް ގޮތުން މަޖުބޫރީ ހާލަތެއްގައި ޕްލޭން ސީ، ޑރ. މުޙައްމަދު މުޢިއްޒަށް ތާޢީދު ކުރެއްވީއެވެ. އެއީ އެމަނިކުފާނުގެ ހިތާ ދެކޮޅަށް ނިންމެވި ނިންމެވުމެއް ކަން ސާފުކޮށް ފެންނަން އެބައޮތެވެ.

މިއީ ސިޔާސީ ޙަޤީޤަތެވެ. އަދި ކިތަންމެ ވަރަށް އޮބަހައްޓަކައި މުއްބާރު ކުރިއަސް ބާރަކީ އެހެން ގޮތަކަށް އަންނަ ކަމެކެވެ. އިސާހިތަކު އެހެން ގޮތަކަށް ބަދަލުކުރައްވަފާނެތެވެ. ވިސްނުމާއި ފިކުރާއި ޚިޔާލާތު އެ ފުށްމިފުށަށް ޖައްސަވާފާނެއެވެ.

2023ގެ ބަނޑުން ވިހެއި ސިޔާސީ ޙަޤީޤަތަކީ، ރައީސް މައުމޫނަށް ޕީޕީއެމް ލިބިދާނެ ކަމަށްޓަކައި، ބެކަޕް ޕާޓީއެއްގެ ގޮތުގައި ރައީސް ޔާމީން އުފެއްދެވި ޕީއެންސީގެ އާޚިރު ފައިދާ މިވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށެވެ. ރައީސް ޔާމީނަކަށް ނޫނެވެ. މިކަމުން އަންގައިދެނީ، ޕްލޭންތައް ކިތަންމެ ގިނަޔަސް އަދި ތިބާ ބޭނުންވާ ގޮތަށް ކަންކަން ނުދާނެ ކަމެވެ. ވަކި މީހަކަށްވުރެ ރައްޔިތުންގެ އަޑުގަދަ ވާނެކަމެވެ. ރައްޔިތުންގެ ބާރުގަދަ ވާނެ ކަމެވެ. ސިޔާސީ ގޮތުން ކުރިއަރާދާން މުލައްދަނޑިން ކިތަންމެ ބާރެއް ލައި، މުށުތެރެއަށް ލާން އުޅުނަސް އެކަން ނުވާނެ ކަމެވެ. ވަކި މީހަކަށްވުރެ ޕާޓީ މުހިއްމުކަމެވެ. ޕާޓީއަށްވުރެ ޤައުމު މުހިއްމު ކަމެވެ. ވަކި ފަރުދަކަށްވުރެ ޤައުމު މާ ބޮޑު ކަމެވެ.

ހަމައެހެންމެ، ވެރިކަމަށް ވަޑައިގަތުމަށް ރައީސް މުޢިއްޒު ގެންގުޅުއްވި ހަމަތަކުގައި ވަނީ ކެތްތެރިކަމާއި ޙިކުމަތްތެރިކަމެވެ. މީހަކަށް ބަދުބަހެއްވެސް ވިދާޅެއް ނުވެއެވެ. ރައްޔިތުންގެ އިޙްތިރާމާއި ލޯބި ހޯއްދެވީ، އެތައް ހުރަސްތަކެއް ގިރާކުރައްވައިގެންނެވެ. އަބުރުކަތިލުމަށް ޖެހި ހުރިހާ މަޅިއެއްވީ ފެއިލްއެވެ. ތާޢީދު ހޯއްދެވުމުގައި އިސްކަން ދެއްވީ ޕާޓީގެ ހަމަޖެހުމަށެވެ. ކުރިމަތިވި ހުރިހާ ފިއްތުއްތަކެއް ކަޑައްތުކުރެއްވީ ހިމޭންކަމާއެކުގައެވެ. ކުރި ތުހުމަތުތަކަށް ޖަވާބުދާރީވީ، ވިސްނުންތެރިކަމާއެކުގައެވެ. އެންމެ ބޮޑަަށް ފާހަގަވެގެންދިޔައީ، ރައީސް ޑރ. މުޢިއްޒުއަކީ ރަނގަޅު ދަނޑިވަޅުގައި، ހާލަތާ ގުޅޭގޮތުން އެންމެ އެކަށޭނަ ފިޔަވަޅު އަޅުއްވަން ކެރިވަޑައިގަންނަވާ މޮޅު ބޭފުޅެއްގެ ގޮތުގައެވެ. ހުށިޔާރު ބޭފުޅެއްގެ ގޮތުގައެވެ.

ކޮންމެއަކަސް، ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެ ހަފުތާއެއް ނުވަނީސް ރައީސް ޔާމީން ޕީޕީއެމް ދޫކޮށްލައްވައިފިއެވެ. ފޯންކޯލަށް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެއެވެ. އެމަނިކުފާނު އުފައްދަވަނީ ޕީއެންއެފްގެ ނަމުގައި އައު ސިޔާސީ ޕާޓީއެކެވެ. މަހަކަށްވުރެ ގިނަ ދުވަސްވީއިރުވެސް ތިންހާސް މެންބަރުން ހަމައެއް ނުކުރެވުނެވެ.

މިއީ ޢިބުރަތެކެވެ. ސިޔާސީ ޙަޔާތުގެ ޞަފްޙާތަކުން ދަސްކޮށްދޭ ފިލާވަޅެކެވެ. އެހެންކަމުން ވެރިކަން ކުރަން ފުުރުޞަތު ދެއްވާށެވެ. އެހެން މީހަކަށްވެސް ވެރިކަން ކުރެވިދާނެ ކަން ޤަބޫލުކުރައްވާށެވެ. އެގޮތަށް ޢަމަލުކޮށްގެން މެނުވީ، ރައްޔިތުންގެ ތާޢީދާއި ލޯތްބާއި އިޙްތިރާމް ލިބޭކަށް ނޯންނާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު