ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ

ނަހުލާ، މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ

މި އަހަރު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައީ ވާދަކުރައްވަން ނިންމަވާފައިވާކަން، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ކުރީގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ އިއުލާނުކުރައްވައިފިއެވެ.

މިކަން ހާމަކުރައްވައި އެކަމަނާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް، ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

އެހެންކަމުން، ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުން އެކަމަނާއަށް ތާއީދުކޮށް، ވޯޓު ދެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

ކުރީގެ ވަޒީރު އަޢިޝަތު ނަހުލާ ސިޔާސީ ހަޔާތްޕުޅު ފެއްޓެވީ 2018 ވަނަ އަހަރު އޭރުގެ ސަރުކާރުން އެކަމަނާގެ ފިރިކަލުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލި ދާއިރާ ތަމްސީލުކުރައްވާ މެމްބަރު އޮނަރަބަލް ޤާސިމް އިބްރާހިމްއާއި ދަރިކަލުން ސިޔާދު ގާސިމް ކުށެއްނެތި ޖަލައްލައި ކުރި އަނިޔާތަކާ ގުޅިގެންނެވެ.

2018 ވަނަ އަހަރު އުފެދުނު ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެބިނެޓްގައި ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މިނިސްޓަރގެ މަޤާމް އެކަމަނާ އަދާކުރެއްވިއެވެ. އެކަމަނާއަކީ ރާއްޖޭގެ ތާރީހުގައިވެސް، ޓްރާންސްޕޯޓް މިނިސްޓްރީ ހިންގެވި ފުރަތަމަ އަންހެން މިނިސްޓަރެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަން އެކަމަނާ ނިންމެވީ، ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުންގެ އަޑުއުފުލައި ދާއިރާގެ ރައްޔިތުންނަށް ކުރިމަތިވަމުން އަންނަ ދަތިތަކަށް ހައްލު ހޯދައިދެއްވުމަށް ބޭނުންވާ މުހިންމު ހިދުމަތްތަކެއް ސަރުކާރާ ގުޅިގެން ޤާނޫނު ހަދާ މަޖިލީހުގެ ތެެރެއިން ކޮށްދިނުމަށް ކަމަށްއ އެނގިފައިވެއެވެ. އެހެންކަމުން، މި ގޮނޑި ކާމިޔާބުކުރުމަށް ދާއިރާގެ ރައްޔިތުންނާ ހެޔޮއެދޭ ފަރާތްތަކުގެ އެއްބާރުލެއްވުމަށް އެކަމަނާ އެދިވަޑައިގެންފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު