"ދިވެހި މަސްއޮޑިއެއް އެކުލެވިގެންވަނީ، އޭގެ ފަށަނުގެ ދެފަރާތަށް އިންދޭ ގެތިގެންވާ މަޑޫތަކަކުން"

ދިވެހި މަސްއޮޑިއެއް އެކުލެވިގެންވަނީ، އޭގެ ފަށަނުގެ ދެފަރާތަށް އިންދޭ ގެތިގެންވާ މަޑޫތަކަކުން ކަމުން، ޤައުމެއް ތަރައްޤީވުމުގައި ވެސް ދެ ފަރާތެއްގެ މި ދެންނެވި ބަދަހި ގުޅުން ހިމެނިގެންވާ ކަމަށް  ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ ދިވެހިރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ތަރައްޤީ ފެށިގެން އަންނަންވާނީ ތިރިން މައްޗަށް ކަމަށާއި، ތަރައްޤީގެ ވިސްނުންތައް އުފަންވާންވާނީ ރައްޔިތުންގެ ސިކުނޑިތަކުގައި ކަމަށެވެ. އެ ރައްޔިތުން އެކަމުގެ މަސްއޫލިއްޔަތު ހަވާލުކުރާ ފަރާތްތަކުގެ ތެދުވެރިކަމާއި ވަފާތެރިކަމާއެކު، އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުން ކަމަށެވެ.

"ދިވެހި މަސްއޮޑިއެއް އެކުލެވިގެންވަނީ، އޭގެ ފަށަނުގެ ދެފަރާތަށް އިންދޭ ގެތިގެންވާ މަޑޫތަކަކުންނެވެ. ހަމަ އެފަދައިން، ޤައުމެއް ތަރައްޤީވުމުގައި ވެސް ދެ ފަރާތެއްގެ މި ދެންނެވި ބަދަހި ގުޅުން ހިމެނިގެންވެއެވެ. އެއީ ރައްޔިތުންނާއި ވެރީންނެވެ. ވެރީން ރައްޔިތުންނަށް ރަޙުމުހުރި ބަޔަކަށްވުމެވެ ވަޢުދަށް ކަމޭހިތުމެވެ. ރައްޔިތުން ވެރީންނަށް ކިޔަމަންވުމެވެ. އެއްބާރުލުން ދިނުމެވެ. ޤައުމެއްގެ ތަރައްޤީގެ ބިންގަލަކީ އަދި ކުރިބޯށްޓަކީ ވެސް މިއެވެ." ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފާއިތުވި އަހަރަކީ ދިވެހީން ވަރަށް މުހިންމު ނިންމުންތަކެއް ނިންމި އަހަރެއް ކަަމަށާއި، ވަރަށް ކުލަގަދަ ތަޞައްވުރުތަކެއް ކުރެހި އަހަރެއް ކަމަށެވެ.

"ދިވެހިރާއްޖޭގައި ބޭރުގެ އެއްވެސް ޢަސްކަރީ ބާރެއް އޮވެގެންނުވާނެކަން ދިވެހީން ނިންމިއެވެ. ދުނިޔޭގެ އެހެން ޤައުމުތައް ހާސިލުކުރާ ފަދަ ކުރިއެރުމާއި ތަހުޒީބާއި ތަރައްޤީ ބޭނުންކަން ނިންމިއެވެ. އެ ކަމަށްޓަކައި ފިކުރީ ގޮތުން ޖީލުތައް އިސްލާމީ، ދިވެހި ޤައުމީ ސިފަތަކާއެކު ބިނާކުރަން ވެއްޖެކަމަށް ދިވެހީން އެއްބަސްވިއެވެ. ހަމަ އެހެންމެ، ޢުމްރާނީ ގޮތުން އެންމެ ޒަމާނީ ގެދޮރުވެރިކަމާއި ރަށްވެހިކަމަށް ތައްޔާރުވިއެވެ." ރައީސް ވިދާޅުވިއެވެ.

ދިވެހީންގެ މި ނިންމުންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި އާ ސަރުކާރެއް ހޮވައި، އެ ސަރުކާރާ މި އަމާނާތް ހަވާލުކުރިކަން ފާހަގަކުރައްވަމުން، އާ އަހަރަށް ދިވެހީން ދެކޭ ހުވަފެންތައް ބިނާވެފައި ވަނީ މި އުންމީދުތަކާއި ތަޞައްވުރުތަކުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި، މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ، ތަރައްޤީގެ ވަރަށް ޚާއްޞަ މޫސުމެކެވެ. މިއީ އަޅުގަނޑުމެންގެ ސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވަޢުދުތަކެއް އަކުރުން އަކުރަށް ސީދާ ސުންގަޑިއަށް ފުއްދަމުންދާ ދުވަސްތަކެކެވެ." ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ތަރައްޤީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުން ބޭނުންވާ ކަމަށާއި، ތެދުވެރިކަމާއި އިޚްލާޞްތެރިކަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން، އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމަށާއި، އާ އަހަރަކީ އިވޭ އަޑުތަކާއި، ލިބޭ މަޢުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް ހެދުމަށާއި، އާ އަހަރަކީ ޙަޤީޤަތް ޤަބޫލުކޮށް، އާ އުންމީދުތަކާއި، އާ ކުރިއެރުންތަކާ އެކު ހަލުވިކޮށް ކުރިޔަށްދާ އަހަރެއް ކަމުގައި ހެދުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެން ދިވެހީންނަކީ އެއް ޤައުމެކެވެ. އެއް ބައެކެވެ." ރައީސް ވިދާޅުވިއެވެ.

އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ޚިޠާބު ނިންމަވާލެއްވީ، ދޮގު ބަސްތައް އުފެއްދުމާއި، ދޮގު މަޢުލޫމާތުތައް ފެތުރުން ފަދަ ނޭދެވޭ އައިބު އަމަލުތަކުން އަޅުގަނޑުމެންގެ ދޫތަކާއި އަތްތައް ސަލާމަތް ކުރެއްވުން އެދި ދުޢާކުރައްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު