Thursday, 25 July 2024
މޯލްޑިވްސް ޒަކާތު ހައުސް އިފްތިޠާޙުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

"ދިވެހިރާއްޖޭގެ ޒަކާތު ހައުސް" ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ މެނިފެސްޓޯގައިވާގޮތަށް ޒަކާތާބެހޭ މުސްތަޤިއްލު ވަކި މުވައްސަސާއެއްގެ ގޮތުގައި 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފިއެވެ. އެމަނިކުފާނު ދިވެހިރާއްޖޭގެ ޒަކާތު ހައުސް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ މިއަދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި މިކަމަށްޓަކައި ކުރިއަށްދިޔަ ހަރަކާތުގައެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ ބޭނުމުގައެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. އަދި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ. މީގެ އިތުރުންވެސް މި މުވައްސަސާގެ ތެރެއިން ޒަކާތުގެ އިލްމު ފެތުރުމާއި، ޒަކާތުގެ ހުކުމްތަކާމެދު އާންމުންނާ ވިޔަފާރިތަކާ ދައުލަތުގެ އިދާރާތައް ހޭލުންތެރިކުރުން ހިމެނެއެވެ. ހަމަ އެއާއެކު މިއަދު ޒަކާތް ލިބިގަންނަ މީހާ މާދަމާ ޒަކާތް ނެރޭ ތަނަސް މީހަކަށް ބަދަލުކުރުމުގެ އަޒުމުގައި މުހިންމު އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގުންވެސް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ޒަކާތަކީ އިސްލާމްދީން ބިނާވެފައިވާ 5 އަސާސުގެތެރެއިން އެއް އަސާސެވެ. ކީރިތި ޤުރުއާނުގައި ޒަކާތުގެ ވާހަކަ 33 ފަހަރު ބަޔާންވެފައިވެއެވެ. އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއުކުރައްވައި ޝަރީޢަތުގެ އަސާސެއްކަމުގައި ކަނޑައެޅުއްވުމުގެ ހިކުމަތަކީ އިޖުތިމާޢީ އަދާލަތު ޤާއިމުކުރުމެވެ. ދޭދޭ ފަރުދުން އެކަކު އަނެކަކަށްޓަކައި ބާއްވަންޖެހޭ އުހުއްވަތްތެރިކަމުގެ ގުޅުން އޭގެ އެންމެ މަތީ ދަރަޖައިގައި ޤާއިމުކުރުމަށް މަގުފަހިކުރުމެވެ. ޒަކާތުގެ ނިޒާމު ޝަރީޢަތުގައި ކަނޑައަޅުއްވާފައިވަނީ ދައުލަތުން އިސްވެ ޤާއިމުކުރަންޖެހޭ ޝަރުޢީ އަދި ދީނީ އަސާސީ ޚިދުމަތެއްގެ ގޮތުގައެވެ. ކަނޑައެޅިފައިވާ މިންވަރު ޒަކާތް ވާޖިބުވާ ފަރާތްތަކުގެ އަތުން ނަގައި އަދުލުވެރިކަމާއެކު ޒަކާތުގެ ހައްޤުވެރިންނަށް ފޯރުކޮށްދިނުމަކީ އިސްލާމީ ވެރިކަމުގެ ޒިންމާއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު