ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ރަސްމީ ދަތުރުފުޅެއްގައި ޔުގަންޑާއަށް ފުރާވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ވިދާޅުވީ މިއީ ކޮމަންވެލްތުގައި ހިމެނިވަޑައިގަންނަވާ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 27 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތަރުފުޅެއް ކަމަށެވެ. މި ދަތުރުފުޅަށް ފަހު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ވަކި ތާރީޚެއް މަޖިލިހުގެ އިދާރާއިން ހާމަކުރައްވާފައެއްނުވެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ޔުގަންޑާއަށް ފުރާވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ނިންމާލާއި މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. މަޖިލިހުގެ ޖަލްސާތައް އަލުން ފަށާނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.
މިއީ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން އަސްލަމް، ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.