Thursday, 25 July 2024

ސިއްޙީ ދާއިރާގެ ކުރީގެ ޚިދުމަތްތެރިން އަލުން ޚިދުމަތަށް ނުކުމެވޭނެ ގޮތް ހަދަން ނިންމައިފި

އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ނަރުހުންނާއި، އެހެނިހެން ޞީއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކަށައެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތު، އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މިދިޔަ އަހަރުގެ ފަހުގެ ކެބިނެޓު ބައްދަލުވުމުގެ ނިންމުންތައް ހާމަކުރައްވަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމް އިބްރާހީމް ވިދާޅުވީ، ހެލްތް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ބިނާކޮށް ވަރަށް ފުޅާކޮށް މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ މިހާރުން މިހާރަށް ވަޒީފާ އަށް ނުކުންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައި އަދި ޚިދުމަތަށް އަލަށް ވަނުމަށް ބޭނުންވާ ނަރުހުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން މިހާރުން މިހާރަށް ވަޒީފާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދެއްވުމުގެ ގޮތުން، ބަޖެޓުގައި ހިމެނިފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން އެ ފަރާތްތަކަށް އަދާކުރެވޭނެ މަގާމެއް އޮތްނަމަ، މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސެވުމުގެ އާންމު އުސޫލުގެ ދަށުން މިކަން ކުރެއްވުމުގެ ބަދަލުގައި، ޚާއްޞަ ސްކީމެއްގެ ދަށުން، ޞިއްޙީ ދާއިރާއަށް ޚާއްޞަ އަވަސް ރެކްރޫޓްމަންޓް ޕްރޮސެސްއެއްގެ ތެރެއިން، މިފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމަށްވަނީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައެވެ. އަދި 8 ގަޑިއަރަށްވުރެ މަދުން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް، އެފަރާތްތަކުން މަސައްކަތްކުރާ ވަގުތަށް ރިޢާޔަތްކޮށް، އުޖޫރައެއް ކަނޑައަޅުއްވައި، ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ ތެރެއިން އެފަރާތްތަކަށް އެގޮތަށް މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށްވެސްވަނީ އެމަނިކުފާނު ނިންމަވާފައެވެ.

ރައީސް އޮފީހުން ވިދާޅުވީ، 55 އަހަރުވެފައިވާ ނުވަތަ ރިޓަޔަރވެފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އަނބުރާ ނުކުންނަން ބޭނުންވާ ފަރާތަކީ، ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން ނެރުމަށް މަގު ފަހިކޮށްދިނުމަށްޓަކައި އެކުލަވައިލައްވާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ނުވިނަމަވެސް، އެ ފަރާތަކީ ޞިއްޙީގޮތުންނާއި، ތަޢުލީމާއި، ތަޖުރިބާ އަދި ހުނަރުގެ ގޮތުން ޤާބިލު ފަރާތެއްކަމަށްވާނަމަ، އިދާރީ އޮނިގަނޑުގައި އެ ފަރާތަކަށް ދެވޭނެ މަގާމެއް އޮވެއްޖެނަމަ، އެފަރާތެއް އެ މަގާމަށް ނެގުމުގެ ފުރުޞަތު ދެވޭނެ ގޮތް ހަމަޖެއްސެވުމަށްވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު