ބައިނަލްއަޤްވާމީ އާޓްސް ސްކޫލެއްގެ ފެކަލްޓީއެއް ޤާއިމުކޮށް، ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރަން ނިންމަވައިފި

ބައިނަލްއަޤްވާމީ އާޓްސް ސްކޫލެއްގެ ފެކަލްޓީއެއް ޤާއިމުކޮށް، ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ކަންކަމުގެ ތެރޭގައި ދައުލަތުގެ ގިނަ ވުޒާރާތައް އެކުލެވޭގޮތަށް ނޭޝަނަލް ކްރިއޭޓިވް އިކޮނޮމިކް ކޮމެޓީގެ ނަމުގައި ކޮމެޓީއެއް އެކުލަވާލައި އެ ކޮމެޓީން ޤައުމީ ފެންވަރުގައި ކްރިއޭޓިވް އިކޮނޮމީއެއްގެ ސްޓްރެޓެޖީއެއް އެކުލަވާލުމަށް ނިންމެވުން ހިމެނެއެވެ.

ކްރިއޭޓިވް އިކޮނޮމީއަކަށް ދަރިވަރުން ބައްޓަންކުރުމަށް ތަޢުލީމީ މަންހަޖުގައި ހުރިކަންކަން ދެނެގަތުމާއި ބައިނަލްއަޤްވާމީ އާޓްސް ސްކޫލެއްގެ ފެކަލްޓީއެއް ޤާއިމުކުރުމާއި ސަރަޙައްދީ ފެންވަރުގެ ޕްރޮޑަކްޝަން ހައުސްއެއް ޤާއިމުކުރުން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށާއި، ފަންނީ އަދި އީޖާދީ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑެއް އެކުލަވާލައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)ގެ ބެލެނިވެރިކަމުގެ ދަށުން އެފަންޑުން ޚިދުމަތްދިނުމަށް ހަމަޖެއްސެވުން ވެސް މީގެ ތެރޭގައި ކަމަށްް ރައީސް އޮފީހުން ވިދާޅުވެއެވެ. އެގޮތުން ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ތެރޭގައި ކްރިއޭޓިވް އިކޮނޮމީގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އިންކިއުބޭޓަރ ޚިދުމަތް ފޯރުކޮށްދިނުމާއި ފަންޑުކޮށްދިނުން ހިމެނޭ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި، ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ކަންކަމުގެ ތެރޭގައި ސިޓީތައް ތަރައްޤީކުރާއިރު އިނޮވޭޝަން ހަބްސް އަދި ޓެކްނޮލޮޖީ ޕާކްފަދަ އުމްރާނީ ވަޞީލަތްތައް ހިމެނޭގޮތަށް ޤައުމީ މާސްޓަރ ޕްލޭން އެކުލަވާލުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު