ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް (އެމްޑީއޭ) ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދުގެ ބައްޕާފުޅު އަވަހާރަވެއްޖެއެވެ.
ނ. ކުޑަފަރީ، މުޙައްމަދު ޤާސިމް އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.
ޤާސިމް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތީ، އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދެނިކޮށެވެ.
ގާސިމްގެ ޖުމްލަ ނުވަ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ސިޔާމް އާއި އޭނާގެ އެއްބަނޑު އެއްބަފާ ހަބޭފުޅުންނާއި އެހެން ބަނޑަކަށް ލިބިވަޑައިގެންނެވި ތިން ބޭފުޅުންނެވެ.
ޤާސިމްއަކީ ކުޑަފަރިއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޤަދަރުހުރި ބޭފުޅެކެވެ. އެގޮތުން އެ ރަށުގެ ކަތީބުކަމާއި ސްކޫލުގެ ނާޒިރުކަންވެސް ޤާސިމް ވަނީ ކުރައްވާފައެވެ.