މާލެއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަންކަން ރައީސް ފައްޓަވާފައިވާ ކަމަށާއި އެމަނިކުފާނު މޭޔަރު ކަމަށް ބޭނުންފުޅުވަނީ އެކަންކަމަށް އެއްބާރުލުން ދެއްވާނެ ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ޕީއެންސީން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ އެއް މަސް ދުވަހުގެ ތެރޭގައި މާލެއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަންކަން ރައީސް ފައްޓަވާފައިވާ ކަމަށާއި އެމަނިކުފާނު މޭޔަރު ކަމަށް ގެންނަން ބޭނުންފުޅުވަނީ އެކަންކަމަށް އެއްބާރުލުން ދެއްވާނެ ބޭފުޅެއް ކަމަށެވެ.
ސަރުކާރަކުން އައްޔަން ކުރައްވާފައިވާ ވަޒީރުންގެ މަޖިލީހަކަށް ފުރަތަމަ ފަހަރަށް ރުހުން ނުދީ މަޖިލީހުގެ ނަން ހަޑިކޮށްލާފައިވާކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހަށް ރުހުން ނުދީ ދިގުދަންމާލާފައިވާ ކަމަށާއި މިއީ މިހާތަނަށް އެއްވެސް ސަރުކާރަކާ ދޭތެރޭ މަޖިލީހުން ކޮށްފައިވާ ކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރުންގެ މަޖިލީހަށް ރުހުން ނުދީ މަޖިލީހުގެ މިއަހަރުގެ ދައުރު ވަނީ ނިންމާލާފައެވެ. މިކަމާ ގުޅިގެން ބައެއް މެންބަރުންނާއި ރައްޔިތުންގެ ވެސް ފާޑުކިޔުން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް ވަނީ އަމާޒުވެފައެވެ. އެއީ ތަރައްޤީގެ ވިސްނުމާ ދުރުކަމެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ އެފަދަ ބަޔަކަށް ފުރުޞަތު ދީފިނަމަ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގެންގުޅޭ ތަރައްޤީ ފަހަތައް ސޮއްސައިލާނެ ކަމަށް ވިދާޅުވެފައެވެ.
މި މަހު ބާއްވާ މާލެ ސިޓީ މޭޔަރުގެ އިންތިޚާބު މުހިންމުވެފައިވާ ސަބަބުގެ މައްޗަށް އަލިއަޅުވާލައްވަމުން، އެ އިންތިޚާބު މުހިންމުވެ ވާދަވެރިކަން އިތުރުވެފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު ދެއްކެވި ނަމޫނާގެ ސަބަބުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު މޭޔަރުގެ މަޤާމުގައި ހުންނެވިއިރު އޭރުގެ ސަރުކާރުގެ ފިއްތުންތަކާއެކު ވެސް މާލެއަށް ބޮޑެތި ބަދަލުތަކެއް ގެންނެވި ކަމަށާއި، ނަތީޖާއެއްގެ ގޮތުން މިއަދު މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން އެމަނިކުފާނުގެ ޚިދުމަތް ގަބޫލުކުރައްވާ ކަމަށެވެ.