Thursday, 25 July 2024

އެސްއީޒެޑްގެ ސޯލާ ޕްރޮޕޯޒަލް ދިރާސާކުރަން ފަށައިފި

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ތަކަށް އިންވެސްޓު ކުރަން ހުޅުވާލި ފުރުސަތުގައި ފުރަތަމަ ޕްރޮޕޯޒަލްގެ ގޮތުގައި ލިބުނު އިޔާދަކުރަނިވި ހަކަތައިގެ ބިޔަ ޕްރޮޖެކްޓު އިންވެސްޓު ބޯޑުން ދިރާސާ ކުރަން ފަށައިފިއެވެ.
އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން 110 މެގަވޮޓުގެ ކަރަންޓު ހާސިލުވެގެންދާ ޕްރޮޕޯޒަލެއް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން އިއުލާނުކުރައްވާފައެވެ.

އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެސްއީޒެޑްގެ ދަށުން ލިބިފައިވާ ފުރަތަމަ ޕްރޮޕޯޒަލް ބޯޑް އޮފް އިންވެސްޓްމަންޓްސް އިން ދިރާސާކުރަން ފަށާފައިވާ ކަމަށެވެ.

އެއީ 110 މެގަވޮޓުގެ ސޯލާ އަދި ބެޓެރީ ސްޓޯރޭޖްގެ މަޝްރޫއުއެއް ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ އެސްއީޒެޑްގެ ގާނޫނުގެ ތެރެއިން އެންމެ މަދުވެގެން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ޖެހޭ ގޮތަށް ކަނޑައަޅައި، އިންވެސްޓް ކުރާނެ ނުވަ ދާއިރާއެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން މެނުފެކްޗަރިން މަސައްކަތްތަކާއި ޓްރާންސްޝިޕްމެންޓް ބަނދަރާއި ޓާޝަރީ ހޮސްޕިޓަލާއި އިންޓަނޭޝަނަލް ފައިނޭންސިން ދާއިރާ އާއި އިޔާދަކުރަނިވި ހަކަތަ ފަދަ ދާއިރާތައް އޭގެ ތެރޭގައި ހިމެނެއެވެ.

އެސްއީޒެޑް ގާނޫނު ފާސްކުރީ 2014 ވަނަ އަހަރު އެވެ. އެ ގާނޫނު ބުނެފައިވާ ގޮތުން، އިންވެސްޓްކުރަން ޖެހޭ ދާއިރާތަކާއި އަދަދު ކަނޑައަޅުއްވާނީ ރައީސެވެ.

އަދި އެސްއީޒެޑުގެ މަޝްރޫއުތަކުގެ ތެރެއިން ދައުލަތަށް ބޮޑެތި އާމްދަނީތަކެއް ލިބޭނެ ކަމަށް ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަންދާޒާކުރި ނަމަވެސް، އެ ދައުރު ނިމުނު އިރު ވެސް އެސްއީޒެޑްގެ ދަށުން މަޝްރޫއުއެއް ފެށިފައެއް ނުވެއެވެ. ރައީސް ޔާމީންގެ ދައުރު އެސްއީޒެޑްގެ ތެރެއިން 150 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ގަރާރު ނެރުއްވިއެވެ.

ހަމައެހެންމެ، އެސްއީޒެޑްގެ ތެރެއިން ހިންގާ މަޝްރޫއުތަކާ ގުޅޭ ތަފްސީލުތައް ބޯޑް އޮފް އިންވެސްޓްމެންޓްގެ މަޝްވަރާއާ އެކު ކޮންމެ އަހަރެއްގެ ފެބްރުއަރީގެ ކުރިން ގަރާރަކުން އެކަން ހާމަކުރާނެ ކަމަށް ރައީސް މުއިއްޒު ނެރުއްވި ގަރާރުގައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު