ޖޮއިންޓް ވެންޗަރ އުސޫލުން ތިންހާސް ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ފްރޭމްވޯރކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލްއެވެ. ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރީ ރާއްޖޭގެ ރިޕްރެޒެންޓޭޓިވް، އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓަޑްގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ހުސެންއެވެ.
އެފްޑީސީގެ ފަރާތުން މިމަޝްރޫއު ކުރިއަށް ގެންދިޔުމަށް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ، ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓަޑާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓަޑްއާ ގުޅިގެންންކަމަށް އެފްޑީސީއިން ވިދާޅުވެއެވެ.
އެފްޑީސީއިން ވިދާޅުވީ، މިއެއްބަސްވުމުގެ ދަށުން ރާއްޖޭގައި 3000 ސޯޝަލް ހައުސިން ޔުނިޓް ޑިޒައިން ކުރުމާއި ފައިނޭންސް ކުރުމާއި ޢިމާރާތްކުރުމުގެ މަސައްކަތްކުރާނީ ހަވާލުކުރެވިފައިވާ ޖޮއިންޓް ވެންޗާރއިންކަމަށެވެ.
3000 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް އެފްޑީސީއިން ޖޮއިން ވެންޗަރއަކާއެކު ފްރޭމްވޯރކް އެއްބަސްވުމެއްގައި ސޮއިކޮށްފި
📃 Press release | https://t.co/oavh82wXZn pic.twitter.com/3dYDDNdkCm
— Fahi Dhiriulhun Corporation Limited (@Fdc_mv) January 4, 2024
މިމަޝްރޫޢުގެ ދަށުން ހައުސިންގ ޔުނިޓު ތަރައްޤީކުރާ ސަރަޙައްދުތަކެއް އަދި ކަނޑައަޅާފައި ނުވާކަމަށާއި، މިމަޝްރޫއު ކުރިޔަށްގެންދާނެ ސަރަހައްދެއް ކަނޑައަޅާނީ އެކޯޕަރޭޝަނާއި ސަރުކާރުން ކަނޑައަޅާ ސަރަޙައްދުތަކުގައިކަމަށް އެކުންފުނިން ވިދާޅުވިއެވެ.
އެކުންފުނިން މިހާރުވެސް އިންޑިއާގެ 2 ކުންފުންޏަކާއި ޙަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންނެވެ. މިގޮތުން މިއަހަރުގެ މާރިޗު ހިސާބުގައި 3 ޓަވަރެއްގެ ޢަމަލީ މަސައްކަތް އެއްކޮށް ނިމޭނެކަމަށް އެފްޑީސީއިން ބުނެއެވެ. އަދި ބޯހިޔަވަހިކަމާއި ގުޅޭ ވުޒާރާގެ ފަރާތުން ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު ޙަވާލުކުރެއްވިހާ އަވަހަކަށް އެގްރިމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަމަށް އެފްޑީސީއިން ބުނެއެވެ. އެގޮތުން މިކަމަށް ބޭނުންވާ ޕޯޓަލް އާއި އެހެނިހެން އިދާރީކަންކަން ތައްޔާރުކޮށްފައިވާކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.