މާލެ އަތޮޅު ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު އެހެންތަނަކަށް ބަދަލުކޮށް، އެރަށުގައި އިޤްތިޞާދީ ޚާއްޞަ ސަރަޙައްދެއް ތަރައްޤީކޮށް ބައިނަލްއަޤްވާމީ މާލީ މަރުކަޒެއް ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަރނޭޝަންލް އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުއާއި، ސްޕެޝަން އިކޮނޮމިކް ޒޯން ތަރައްޤީކުރުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލެއަތޮޅު ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ސްޓޯރޭޖު އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ގިނަވެގެން 18 މަހާއި 24 މަސްދުވަހުގެތެރޭގައި އެ މަސައްކަތް ނިންމަވާނެކަމަށާއި، އެތަނަކީ އެސްއީޒެޑު ނުވަތަ ޚާއްޞަ އިޤްތިޞާދީ ސަރަހައްދަކަށް އެތަން ކަނޑައަޅައި، ބައިނަލްއަޤްވާމީ މާލީ މަރުކަޒެއް އެރަށުގައި ޤާއިމްކުރައްވާނެކަމަށެވެ.
President Dr @MMuizzu attends the inauguration of Velana International Airport and Economic Zone Development Project. Vice President @HucenSembe along with senior government officials also attended the event. pic.twitter.com/zVtyqpWLD5
— The President's Office (@presidencymv) January 4, 2024
ފުނަދުއާއި މާލެ އަދި ފުނަދުއާއި ހުޅުލެ ބުރިޖަކުން ގުޅުވާލައި، ޕަބްލިކް ޓްރާންސްޕޯޓް ނިޒާމަކާއި މޮނޮ ރެއިލް ނިޒާމެއް ޤާއިމްކޮށް ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ޤާއިމްކުރައްވާނެކަމަށާއި، ބައިނަލްއަޤްވާމީ މާލީ މަރުކަޒެއް ޤާއިމްކުރުމަށް ބޭނުންވާ ކުންފުނި ހެދުމުގެ މަޝްވަރާ އަންނަ އާދިއްތަ ދުވަހު ކެބިނެޓުގައި ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ސީޕްލޭން ޓަރމިނަލްވެސް އެހެން ސަރަހައްދަކަށް ބަދަލުކުރައްވާނެކަމަށް އިޝާރާތްކުރައްވައި، އެއަރޕޯޓު ތަރައްޤީކުރުމާއި އެހެން މަސައްކަތްތައްވެސް ބާރު ދުވެލީގައި ކުރިއަށްދާނީ ސީޕްލޭން ޓަރމިނަލް އެހެން ތަނަކަށް ބަދަލުކުރެވިގެންކަން ރައީސް ވިދާޅުވިއެވެ.