ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް މާލެސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށް، އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި މާލީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.މުޙައްމަދު ޝަފީޤެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ޢަބްދުލްރަޝީދެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ މޭޔަރ އަޙްމަދު ނަރީޝްއެވެ.
An MoU was signed today to transfer all municipal services provided in Hulhumalé by @hdcmaldives to @MaleCitymv. (1/2) pic.twitter.com/y5uKqhU6ih
— Ministry of Finance (@MoFmv) January 4, 2024
ހުޅުމާލޭ މުނިސިޕަލް ޚިދުމަތް މާލެ ސިޓީގެ ދަށަށް ބަދަލުކުރައްވާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިކަން ރަސްމީ ސިފައެއްގައި ކުރުމަށްޓަކައި އިއްޔެ ވަނީ އެމްއޯޔޫއެއްގައި ސޮއިކުރައްވާފައެވެ.
މި އެއްބަސްވުމުގެ ދަށުން ސަރުކާރުންވަނީ މުނިސިޕަލް ޚިދުމަތްދޭ އޮފީހާއި މެޝިނަރީތަކާއި ބިންތަކާއި މުވައްޒަފުންނާއި އެހެނިހެން ތަކެތި އެއް މަސް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކޮށް ނިމޭނެކަމަށް ވިދާޅުވެފައެވެ. އަދި މިޚިދުމަތް ދިނުމަށްޓަކައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރާ ކުރިން ލިބެމުން އައިހެން އެއް އަހަރު ދުވަހަށް ލިބޭނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ.
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރަށްވެހިވުމާއި ގުޅޭ ކަންކަން މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ބަލަހައްޓަމުންދަނީ މާލެ ސިޓީ ކައުންސިލުންނެވެ. މީގެ ކުރިން އެކަން ކުރަމުން އައީ އެޗްޑީސީންނެވެ. ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ހަމައެހެންމެ، މިއީ ރައީސްގެ ހަފްތާ14ގެ ދަށުން ކުރުމަށް ނިންމަވާފައިވާ އެއް މަސައްކަތްވެސްމެއެވެ.