މި ދުވަސްވަރު، ދުނިޔޭގެ ކަޅި ހުއްޓިފައިވަނީ، ފަލަސްޠީނުގެ މުޖާހިދުންނާއި، ހައްދުފަހަނަޅާފައިވާ އިޒްރޭލްގެ ބާބޭރިއަން ސިފައިންނާ ދެމެދު ފެށިފައިވާ ހަނގުރާމައަށެވެ.
މި ހަނގުރާމައަށް މުޖާހިދުން ދީފައިވާ ނަމަކީ، (އަޤްޞާގެ ޠޫފާން) އެވެ.
ފަލަސްޠީނުގެ މުޖާހިދުން މި ހަނގުރާމަ ފެށީ، އޮކްޓޯބަރ ހަތެއްގެ ފަތިހުގެ ވަގުތެއްގައެވެ. މުޖާހިދުންގެ ފުރަތަމަ ޙަމަލާގައި އިޒްރޭލުގެ ތަފާތު ދިމާތަކަށް އެތައްހާސް ރޮކެޓެއް އެއްފަހަރާ ފޮނުވާލިއެވެ. އަދިހަމަ އެއާއެކު، ފޯރވީލް ވެހިކަލްތަކުގެ އިތުރުން މޮޓޯސައިކަލާއި ގްލިޑަރ ތަކުގެ އެހީގައި އިޒްރޭލްގެ ތެރެއަށް ވަދެ، ދިން ވަރުގަދަ ޙަމަލާތަކަށްފަހު، އިޒްރޭލްގެ ސިފައިންގެ ތެރެއިން ބަޔަކު އަސީރުކޮށް، އެ މީހުންގެ ޢަސްކަރީ އާލާތްތަކުގެ ތެރެއިން ބައެއް ޣަނީމާކޮށްގެން އެނބުރި ޣައްޒާއަށް އައުމުގައި މުޖާހިދުން ކާމިޔާބު ހޯދިއެވެ.
މުޖާހިދުންގެ މި ޙަމަލާއަކީ ކިތަންމެ ކުޑަ ހިނދުކޮޅަކަށް ދިން ޙަމަލާއެއްކަމުގައި ވިޔަސް، މިއީ، އިޒްރޭލު ހަމަ ބިމަށް ތިރިވެގެންދިޔަ ޙަމަލާއެކެވެ. އަދި މިއީ މުޖާހިދުންގެ ފެކްޝަންތަކުން އިޒްރޭލުގެ ގަޔަށް ހަރާލި ވިހަގަދަ ކަށްޓެކެވެ.
މުޖާހިދުންގެ ހަނގުރާމައިގެ އުކުޅުތަކުގެ ތެރެއިން އެންމެ ފާހަގަކުރެވެނީ ކަށިޖެހުމާއި ޒީރޯ ޑިސްޓެންސެވެ. މި އުކުޅުތަކުގެ ސަބަބުން އެންމެ މިޒަމާނުގެ ހަތިޔާރު އެޅި ޞުހްޔޫނީ ޢަދުއްވުންގެ ލަޝްކަރަށް، ޣައްޒާ ވެފައިވަނީ، (ހަނގުރާމައިގެ ޕަޒްލް) އަކަށެވެ!
މުޖާހިދުން ނިކުންނަނީ ބިމުގެ އަޑިންނާއި ޞުހްޔޫނީން ގެ ޙަމަލާތަކުން ފުނޑުފުނޑުވެފައިވާ ބިނާތަކުގެތެރެއިންނެވެ. މުޖާހިދުން ޢަދުއްވުންގެ މައްޗަށް ފާޅުވަނީ ބިރުވެރި ހިޔަނިތަކެއް ފަދައިންނެވެ. ޢަދުއްވުންގެ ގަޔަށް ކަށި ޖެހުމަށްފަހު، އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި ލޯމަތިން ގެއްލިދެއެވެ.
މި ހަނގުރާމައިގައި މުޖާހިދުން ބޭނުންކުރާ އުކުޅުތަކަށް އެ މީހުން ދަނީ، ޚާއްޞަ އިޞްޠިލާޙުތަކެއް ބޭނުންކުރަމުންނެވެ. މި ސިލްސިލާގެ 2 ވަނަ ބައިގައި އެ އުކުޅުތަކާ ބެހޭ ތަފްޞީލް ގެނެސްދެވޭތޯ ބަލާނަމެވެ.
•••✧•✧•✧•✧•✧•✧•✧•✧•••
އެޑިޓަރުގެ ބަސް:
އައްޝައިޚް ޙަސަން ލަޠީފް މޫސާ އަކީ "ފިޔަ އޮންލައިން" އަށް ސިލްސިލާ ގޮތެއްގައި ލިޔުއްވަމުން ގެންދަވާ ކުޅަދާނު ލިޔުންތެރިއެކެވެ. އެމަނިކުފާނަށް ވަނީ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވީ، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ އިސްލާމްދީން އުނގަންނައިދިނުމުގެ ރޮނގުންނެެވެ.
އައްޝައިޚް ޙަސަން ލަޠީފަކީ 1989 ވަނަ އަހަރުން ފެށިގެން ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ހަރުދާނާ ޝަޚްޞިއްޔަތެވެ. އަލްމަދީނަތުލް މުނައްވަރާގެ އިސްލާމިކް ޔުނިވަރސިޓީން ދީނީ ތަޢުލީމް ލިބިވަޑައިގެން ހުންނެވި، ޚިދުމަތްތެރިއެކެެވެ. އައްޝައިޚް ޙަސަން ލަޠީފް މޫސާއަކީ ޤައުމީ ޔުނިވަރސިޓީގެ އެސޯސިއޭޓް ލެކްޗަރަރގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އައްޝައިޚް ޙަސަން ލަޠީފް މޫސާ އަކީ ހުކުރު ޚުޠުބާ ލިޔުއްވުމުގެ އިތުރުން، ދީނީ ފޮތްތައް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ.