މަޙްޝަރު ދުވަހުގެ ހޫނުން ރައްކާތެރިވާ އެއްބަޔަކީ ރަސްކަލާނގެއަށް އަޅުކަންކުރުންމަތީ ބޮޑުވި ޒުވާނާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުލޫއަކަށް ކަނޑައަޅާފައިވަނީ "މަޙްޝަރުގެ ހޫނުން ރައްކާތެރިވާށެެވެ" މިއެވެ.
ޤިޔާމަތް ދުވަހަކީ ބޮޑުވެގެންވާ ދުވަހެއްކަމަށާއި އެދުވަހަކީ ބިރުވެރި ދުވަހެއްކަން ޙުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ޤިޔާމަތް ދުވަހު އިރު ހުންނާނީ މީސްތަކުންގެ ބޯތަކާއި ނުހަނު ކައިރީގައިކަމަށް ކީރިތި ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވާކަމަށާއި އިރުގެ ގަދަ އަވީން ހިޔާވަހިކަމެއް ލިބޭނެ މަގުތަކެއް ލޮބުވެތި ރަސޫލާ ﷺ ބަޔާންކޮށްދެއްވާފައިވާކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
"ﷲ ގެ ހިޔާވަހިކަންނޫން އެހެން ހިޔާވަހިކަމެއް ނުވާދުވަހު މާތް ﷲ 7 ބާވަތެއްގެ މީހުންނަށް ހިޔާވަހިކަން ދެއްވައެވެ. އެއީ އަދުލުވެރި އިމާމާއާއި، އޭނާގެ ވެރި ރަސްކަލާނގެއަށް އަޅުކަންކުރުންމަތީ ބޮޑުވި ޒުވާނާއާއި، މިސްކިތައް ހިތްޖެހިފައިވާ މީހާއާއި، ﷲގެ ވަޖުހަފުޅަށްޓަކައި އެކަކު އަނެކަކުދެކެ ލޯބިވާ މީހާއާއި، ހަސަބާއި ނަސަބުން މަތިވެރި އަންހެނަކު ފާހިޝްކަމަކަށް އެދުމުން އެކަމަށް އިންކާރުކުރާ މީހާއާއި، އޭނާގެ ކަނައަތުންދޭ ސަދަގާތް ވައަތަށްވެސް ނޭނގޭހާ ސިއްރުން ސަދަގާތްދޭ މީހާއާއާއި އެކަނި ތަނެއްގައި އިނދެ ﷲ ހަނދުމަކޮށް އޭނާގެ ދެ ލޮލުން ކަރުނަ އޮހޮރުވާމީހާއަށެވެ". ޚުތުބާގައި ބުނެފައިވެއެވެ.
މި ހަދީސްފުޅުގައި އެންމެ ފުރަތަމަވެސް އަދުލުވެރިވެރިން ގެންނެވުމުގެ ހިކުމަތް ބަޔާންކޮށްދެމުން ހުތުބާގައިބުނީ ވެރިމީހާ ރަނގަޅުވެއްޖެނަމަ ރައްޔިތުން ރަނގަޅުވާނެކަމަށެވެ. އަދި އެފަދަ ވެރިއެއްގެ ގިޔާދަތުގެ ދަށުން ގައުމު ތަރައްގީވެ ފާގަތިކަން އާއްމުވާނެކަމަށާއި މާތް ނަބިއްޔާގެ 4 ހަލީފާއިންނަކީ މިރޮނގުން އުއްމަތަށް ލިބިގެންދިޔަ ހެޔޮ ނަމޫނާތަކެއްކަން ހުތުބާގައި ފާހަގަކުރިއެވެ. އެބޭކަލުން އެންމެ އިސްކަމެއްދެއްވީ ރައްޔިތުންގެ މެދުގައި އަދުލު އިންސާފު ގާއިމުކުރެއްވުމަށާއި އަނިޔާވެރިކަން ނައްތާލެއްވުމަށްކަމަށް ހުތުބާގައި ބުނެދިނެވެ.
"ދަރަނިވެރިޔާއަށް ލުއިކޮށްދޭ މީހާއަށް ގިޔާމަތް ދުވަހުން މާތް ﷲ އެކަލާނގެ ޢަރްޝީގެ ހިޔާވަހިކަން ދެއްވާނެއެވެ." ޚުތުބާގައި ބުނެފައިވެއެވެ.
ޤިޔާމަތް ދުވަހުން ހިޔާވަހިކަން ލިބޭ އަނެއް ބައެއްގެ ގޮތުގައި ޚުތުބާގައި ފާހަގަކޮށްފައިވަނީ އަދުލުވެރި ވެރިޔާއެވެ.
"ކީރިތި ރަސޫލާ ﷺގެ އަލްޚުލަފާރާޝިދޫން އަކީ މިކަމުގައި އުންމަތަށް ލިބިގެންވާ ހެޔޮ ނަމޫނާތަކެކެވެ. އެބޭކަލުންނަކީ އުންމަތަށްޓަކައި ޤުރުބާންވެ ވަޑައިގެންނެވި ބޭކަލުންނެވެ. އެބޭކަލުން އެންމެ އިސްކަމެއް ދެއްވާފައިވަނީ ރައްޔިތުންގެ މެދުގައި އަދުލް އިންސާފު ކުރެއްވުމަށާއި އަނިޔާވެރިކަން ނައްތައިލެއްވުމަށެވެ." ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައިވާގޮތުން މަޙްޝަރު ދުވަހުގެ ގަދަ އަވީން ހިޔާވަހިކަމެއް ލިބޭކަމަށް ރަސޫލާ ﷺ ގެ ހަދީޘްފުޅުގައި ބަޔާންވެގެންވާ އަނެއް ބަޔަކީ މާތް ﷲއަށް އަޅުކަން ކުރުންމަތީ ބޮޑުވި ޒުވާނާއެވެ.
އެގޮތުން ފުރާވަރުގެ އުމުރުގައި ހަވާނަފްސުގެ ގޮވުންތަކަށް އިޖާބަ ނުދީ ﷲ ގެ އަމުރުފުޅުތަކަށާއި ނަހީތަކަށް އިޖާބަދިން ޒުވާނާއަކީ ﷲއަށް ތެދުވެރި އިހްލާސްތެރި ޒުވާނާކަމަށް ބުނެފައިވެއެވެ. އެފަދަ ޒުވާނާއަށް ޤިޔާމަތް ދުވަހު މާތް ﷲގެ ޢަރްޝީގެ ހިޔާވަހިކަން ދެއްވާނެކަމަށްވެސް ބުނެފައިވެއެވެ.
"ދުންޔަވީ މަސްއޫލިއްޔަތުތަކަށް ވެސް އޭނާ ސަމާލުކަން ދޭނެއެވެ. އޭނާއަށް މާތް ﷲ ހިތްހަމަޖެހުން ދެއްވާނެތެވެ. ދުންޔަވީ ކަންކަމާ ހުރެ މިސްކިތަށް ދިއުމަށް އޭނާ ފަހެއް ނުޖެހޭނެއެވެ. " ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައިވާގޮތުން މާތް ﷲގެ ހިޔާވަހިކަން ލިބޭ އަނެއް ބަޔަކީ އެކަލާނގެ ވަޖުހުފުޅަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވެ އެކުގައި އުޅެ އެގޮތުގައި ވަކިވެދިޔަ ދެމީހުނެވެ.
ގިޔާމަތްދުވަހު އިރު ހުންނާނީ މީސްތަކުންގެ ބޯތަކާއި ނުހަނު ކައިރީގައިކަމަށް ވީއިރު އިރުގެ އަވީން ސަލާމަތްވެ އަރުޝީގެ ހިޔާވަހިކަން ލިބުމަށްއެދި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ހުތުބާގައި ބުނެދިނެވެ.