އާރޓްސް ސެޓްފިކެޓް 3 ގެ ކޯސް ވެގެންދާނީ އާމްދަނީ ލިބޭނެ ވަސީލަތަކަށް: ޔޫތު މިނިސްޓްރީ

ޒުވާނުންނަށް ހާއްސަކޮށް މޯލްޑިވްސް ޕޮލީޓެކްނިކް އާއި ޔޫތު މިނިސްޓްރީއާ ގުޅިގެން ފެށުމަށް ހަމަޖެހިފައިވާ އަރޓްސް ސެޓްފިކެޓް3 ގެ ކޯސް ވެގެންދާނީ އާމްދަނީ ލިބޭނެ ވަސީލަތަކަށް ކަމަށް ޔޫތު މިނިސްޓްރީގެ ސީނިއާ ލީގަލް އޮފިސަރ ޖައިލަމް ތައުފީގު ވިދާޅުވެއްޖެއެވެ.

މި ކޯހާ ބެހޭގޮތުން ބުރާސްފަތި ދުވަހުގެރޭ ވީޓީވީ "ފަސްމަންޒަރު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޖައިލަމް ވިދާޅުވީ، މި ކޯސް ފުރިހަމަކުރާ ފަރާތްތަކަކީ ދިރިއުޅުމުގެ މައިދާނުގައި ވެސް އޭގެ ބޭނުން ވަރަށް ފުރިހަމައަށް ކުރެވޭނެ ފަރާތްތަކެއް ކަމަށެވެ.

މި ހުނަރަކީ އާމްދަނީ ލިބޭ ވަސީލަތަކަށް ވެގެންދާނެ ކަމަށާއި މިގޮތުން އަންހެން ބޭފުޅުން ގޭގައި ތިބިގެން ކުރެވިދާނެ މަސައްކަތްތައް މި ކޯހުގެ ތެރޭގައި ދަސްކޮށްދެވިގެންދާނެ ކަމަށް ޖައިލަމް ވިދާޅުވިއެވެ.

ހަމައެހެންމެ މިއަދު މިތަރައްޤީވެގެން އަންނަ ލޯކަލް ޓުއަރިޒަމްއަށް ވެސް ވަރަށް ބޮޑަށް ފޯކަސް ކުރެވިގެން، ދިވެހިންގެ ދިރިއުޅުމާއި ދިވެހިންގެ ވައްޓަފާޅި ވަރަށް ބޮޑަށް މި ކޯހުގެ ތެރޭގައި ކުރިއެރުވިގެންދާނެ ކަމަށް ވެސް ޖައިލަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދިވެހިންގެ ދިރިއުޅުމާއި މި ކޯހާއި ވެސް ވަރަށް ބޮޑަށް ގުޅި ލާމެހިފަ މިވަނީ، މިއީ އޭގެ ޒާތުގައި ވެސް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމެއް، ހަމައެކަނި އަޅުގަނޑުމެން މި ކޯހުގެ ފަރާތުން ކޮށްދޭ ކަމަކީ ހަމައެކަނި އެއްޗެއް ކިޔަވައިދިނުމެއް ނޫން، އެބޭފުޅުން ގޮވައިގެން، އެބޭފުޅުން މާކެޓިން ކޮށްދިނުމުގެ ބައެއް ކަންތައްތައް އަޅުގަނޑުމެންގެ ތެރެއިން ކުރިއަށް ގެންދެވޭނެ." ޔޫތު މިނިސްޓްރީގެ ސީނިއާ އޮފިސަރ ޖައިލަމް ތައުފީގު

ޖައިލަމް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ވަޒީފާތައް އުފެއްދުން ކަމަށާއި މި ކޯހުގެ މައިގަނޑު މަގުސަދު ވެގެންދާނީ މި ކޯސް ހަދާފައިވާ ފަރާތްތަކަކީ ވަޒީފާ އުފައްދާ ފަރާތްތަކެއް ކަމުގައި ވުން ކަމަށެވެ.

"މި ކޯސް ހަދައި ކޮންމެ ބައިވެރިއަކީ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ އެފަދަ ގާބިލު ހުރި، ތިމާގެ ކިބައިގަ ހުރި ހުނަރުތައް އިތުރަށް ފުޅާކުރެވި، އެހުނަރުތައް  އެއީ ލާރިއަށް ހެދޭނެ ފަދަ ކޯހަކަށް މި ކޯސް ވެގެން ދާނީ." ޔޫތު މިނިސްޓްރީގެ ސީނިއާ އޮފިސަރ ޖައިލަމް ތައުފީގު ވިދާޅުވިއެވެ.

ޖައިލަމް ވިދާޅުވީ، ލެވެލް 3 އިން މި ކޯސް ފެށިނަމަވެސް މި ކޯހަކީ އެއަށްވުރެ މަތީ މަރުހަލާއަކަށް ދާނެ ކޯހެއް ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

އަރޓްސް ސެޓްފިކެޓް 3 ގެ މި ކޯހަކީ ހިލޭ ހިންގާ ކޯހަކަށްވާއިރު މި ކޯސް ކުރިއަށްދާނީ ތަފާތު މޮޑިއުލްތަކަށް ބެހިގެންވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި ކޯސް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ދިވެހި ޓީޗަރުންނެވެ. އޭގެ ތެރޭގައި ދިވެހިންގެ ތެރެއިން ނަން މަޝްހޫރު، ތަޖުރިބާކާރު ޓީޗަރުން ތިއްބަވާނެ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

މި ކޯސް ޖެނުއަރީ މަހުގެ ފަހުކޮޅު ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ޒޫޝާން ވަނީ ވިދާޅުވެފައެވެ. މި ކޯސް ކުރިއަށްދާނީ ހަ މަސް ދުވަހުގެ މުއްދަތަށެވެ. މި ކޯހުގައި ބައިވެރިވުމަށް އޮންލައިންކޮށް ފޯމު ފުރުއްވަން ބޭނުންފުޅުވާނަމަ https://forms.gle/zxKatztEZNBAwHfA6 މި ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. މީގެ އިތުރުން ޕޮލީޓެކްނިކަށް ވަޑައިގެން ވެސް ރަޖިސްޓްރީ ކޮށްލެވޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *