7 ފެބުރުވަރީ 2025

ދެޙަރަމްފުޅުގެ ޚާދިމްގެ މެހުމާންދާރީ ޕްރޮގްރާމުގެ ދަށުން، ދުނިޔޭގެ ކަންކޮޅުތަކުން އެއްހާސް ޢުމްރާވެރިންގެ މެހުމާންދާރީ ހަމަޖެހިއްޖެ

ރިޔާޟް: "އައްޝަރްޤުލް އައުސަޠު"
3 ޖެނުއަރީ 2024 މ. 20 ޖުމަދަލް އާޚިރާ 1445 ހ.

ދެ ޙަރަމްފުޅުގެ ޚާދިމުގެ މެހުމާނުންގެ ގޮތުގައި، ޙައްޖާއި ޢުމްރާއާއި ދެޙަރަމްފުޅަށް ޒިޔާރަތްކުރުމަށް ދެވޭ މެހުމާންދާރީ ޕްރޮގްރާމުގެ ދަށުން، 2024 ވަނައަހަރު، ދުނިޔޭގެ ކަންކޮޅުތަކުން އެއްހާސް ޢުމްރާވެރިންނަށް ޢުމުރާގެ މެހުމާންދާރީ ދެއްވުމަށް ކަނޑައެޅުނު ޕްރޮގްރާމަށް ރަސްގެފާނު ކިންގް ސަލްމާން ރުހުން ދެއްވައިފިއެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދަވާނީ، ސުޢޫދީ ޢަރަބިޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންނެވެ.

އެ މިނިސްޓްރީގެ ވަޒީރު، އައްޝައިޚު ޑޮކްޓަރ ޢަބްދުއްލަޠީފް އާލުއްޝައިޚް މި ޕްރޮގްރާމާ ބެހޭގޮތުން ވިދާޅުވެފައިވަނީ، ދުނިޔޭގެ ކަންކޮޅުތަކުން ހޮވާލެވޭ އިސްލާމީ ޢިލްމުވެރިންނާއި ޝޭޚުންނާއި ޔުނިވަރސިޓީތަކާއި އިނިސްޓިޓިއުޓްތަކުގެ އުސްތާޒުންނާއި އިސްލާމީ ދުނިޔޭގައި ނަންހިނގާ ޝަޚްޞިއްޔަތުތަކުގެ ތެރެއިން ހޮވައިލެވޭ އެއްހާސް ފަރާތްތަކަށް މި ޕްރޮގްރާމުގެ ދަށުން ޢުމްރާ ކުރުމާއި، މަސްޖިދުއްނަބަވީއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ދެވޭނެއެވެ.

އަދި، މި މޭރުމުން ވާހަކަދައްކަވަމުން، މުސްލިމުންނާއި އިސްލާމީ އުއްމަތަށް ޚިދުމަތްކުރުމަށް ތަފާތު ދާއިރާތަކުން ކުރެވޭ މުހިއްމު މަސައްކަތްތަކުގައި އެ ވުޒާރާއަށް ކެނޑިނޭޅި ލިބެމުންދާ އެހީތެރިކަމުގެ އަގު ވަޒަންކުރެއްވިއެވެ. އަދި މުސްލިމުންގެ ސަފުތައް އެއްބައިވަންތަކުރެއްވުމަށާއި އެންމެން އެއްގަލަކަށް އެރުވުމަށާއި، މި ރަށްތަކުގެ އަމާންކަމާއި ތަނަވަސްކަމަށްޓަކައި ސަލްމާން ރަސްގެފާނާއި ވަލީޢަހުދު، މުޙައްމަދު ބިން ސަލްމާން ކުރައްވާ ގިނަގުނަ މަސައްކަތަށް ހެޔޮ ޖަޒާ ދެއްވުންއެދި ﷲ އަށް ދުޢާ ދެންނެވިއެވެ. އަދި ޢުމްރާވެރިންގެ ޢުމްރާ ޤަބޫލުވެވި، ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފެވި، ސަލާމަތުން އެނބުރި  ވަޒަނަށް ދެވޭނެ ގޮތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދެންނެވިއެވެ.

ސުޢޫދީ ޢަރަބިޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްޕޭޖްގައި ވާގޮތުން މި ޕްރޮގްރާމުގެ ދަށުން ފުރުޞަތު ލިބުނު ފުރަތަމަ ގްރޫޕުގެ ވަފުދުތައް މި ޖެނުއަރީ ހަތަރުވަނަ ދުވަހު މަދީނާއަށް އަންނަން ފަށައިފިއެވެ. މި ގްރޫޕްގައި ހިމެނެނީ، އިރުމަތީ އޭޝިޔާގެ 14 ޤައުމަކުން ހޮވާލެވުނު 250 ޝަޚްޞިއްޔަތެވެ. އެ ޤައުމުތަކަކީ، މެލޭޝިޔާ، ފިލިޕީންސް، އިންޑޮނޭޝިޔާ، ތައިވާން، މިޔަންމާ، ވިއެޓްނާމް، ލާއޯސް، ހޮންކޮންގް، ޖަޕާން، ބުރްނާއީ، ތައިލެންޑް، ސައުތުކޮރެޔާ، ކެމްބޯޑިޔާ، މޮންގޯލިޔާ، މި ޤައުމުތަކެވެ.

ސުޢޫދީ ޢަރަބިޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ، އިސްލާމީ ދަޢުވަތު ފެތުރުމުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ތަފާ އެތަކެއް ޕްރޮގްރާމްތަކެއް ކެނޑިނޭޅި ހިންގަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު