މިއަހަރުގެ ތެރޭގައި ސަރުކާރުގެ އޮފީސްތައް ހިންގުމަށް ބޮޑު އޮފީސް ޢިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އޮފީސްތައް ހިންގުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ބޮޑު އޮފީސް ޢިމާރާތެއް އެޅުމަށް ނިންމަވައި، މިކަމާ ގުޅޭގޮތުން އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވީ، ސަރުކާރުގެ އައު އޮފީސް ޢިމާރާތް އެޅުމަށްޓަކައި ބަޖެޓުގައިވެސް ހިމަނާފައިވާކަމަށެވެ. އަދި ބިމެއް ހޯދުމުގެ މަސައްކަތަށްފަހު ޢިމާރާތުގެ ޑިޒައިންގެ މަސައްކަތް ފަށްޓަވާނެކަމަށް ވަޒިރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، އިމާރާތުގެ މަސައްކަތް ފެށުމަށްފަހު ލަސްވެގެން 2 އަހަރުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށެވެ.
"ސަރުކާރުގެ އޮފީސްތައް ހިންގުމަށް އަހަރަކަށް 200 މިލިޔަން ރުފިޔާ އެބަ ޚަރަދުކުރޭ. މިހާރު އޮފީސްތައް ހިންގަމުންދާ ތަންތަން ހުސްކުރެވޭނީ އޮފީސް ޢިމާރަތެއް އަޅައިގެން. ބަޖެޓަށް ބުރަވާގޮތަށް ކުއްޔަށް ތަންތަން ނެގުމުގެ ވިސްނުމެއް ނެތް. މިހާރު ހުރި ތަންތަން މަރާމާތަށްފަހު މިވަގުތަށް ބޭނުންކުރާނީ." އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުރަވީ ބިލްޑިންގއާއި ޣާޒީ ބިލްޑިންގގައި ހިންގަމުން ދިޔައެވެ. ނަމަވެސް އެ ދެ ޢިމާރާތްތަކީ ގިނަ ދުވަސްވެފައިވާ ތަންތަނަށްވުމުން އެ ދެ ޢިމާރާތް ތަޅާލާ، އެތަންތަނުގައި ހިންގަމުން އައި އޮފީސްތައް ވަނީ އެހެނިހެން ތަންތަނަށް ބަދަލުކުރައްވާފައެވެ. އެހެންވެ، ސަރުކާރުން އޮފީސްތައް ހިންގުމަށް ތަންތަން ކުއްޔަށް ހިފާ ބޮޑު ކުލި ދައްކަންޖެހޭކަން ސަރުކާރުން ފާހަގަކުރައްވައެވެ.
ނިމިދިޔަ ސަރުކާރުން ސަރުކާރުގެ އޮފީސްތައް ހިންގުމަށް ކުރަންޖެހޭ ޚަރަދުކުޑަކުރުމުގެ ގޮތުން ހުޅުމާލޭގައި ޢިމާރާތެއް އެޅިއެވެ. ހުޅުމާލޭގައި ޤާއިމުކޮށްފައިވާ އެ ޢިމާރާތުގައި ސަރުކާރުގެ 3 ވުޒާރާއެއް އަންނަނީ ހިންގަވަމުންނެވެ.