މި 5 އަހަރު ނިމޭއިރު މާލޭގައި ގެދޮރުގެ މައްސަލަ ހައްލުނުވާ އެންމެ ރައްޔިތަކުވެސް ނުހުންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް އަލްއުސްތާޒާ ޢާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން ޙަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގެދޮރުގެ މައްސަލަ އެންމެ ބޮޑީ މާލޭގައިކަމަށެވެ. މި މައްސަލަ ޙައްލުކުރެއްވުމަށް ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ދުވަހެއްވެސް ބޭކާރުކޮށްނުލައި މަސައްކަތް ފަށްޓަވައިގެން ކުރިއަށް ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. މި މައްސަލަ ޙައްލުކުރުމަށް ގުޅިފަޅާއި، ހުޅުމާލެއާއި، ގިރާވަޅުފަޅާއި އަދި ރަސްމާލެ ހިއްކަމުންދާކަން ރައީސް ފާހަގަކުރައްވަމުން، މި 4 ބިން ހިއްކާ ނިންމުމަށްފަހު ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއެކު މާލޭގައި ގެދޮރުގެ މައްސަލަ ހައްލުނުވާ އެކަކުވެސް ނުހުންނާނެކަމުގެ ސައްތައިންސައްތަ ޔަޤީންކަން ދެއްވާކަމަށާއި، ބޯހިޔާވަހިކަމަށް ސަރުކާރުން ގެންގުޅުއްވާ ތަސްވުރު ތަކުރާރުކުރައްވަމުން ރައީސް ވަނީ %5 އިންޓްރެސްޓް ރޭޓުގައި ދޫކުރާ ލޯނުތަކުން މިތަންތަނުގައި ގެދޮރު އިމާރާތްކުރުމަށް ފަސޭހަކަން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"މިދެންނެވި 4 ބިމުން ގޯތިލިބޭ ފަރާތްތަކަށް ވަރަށް އަވަހަށް އެތަންތަނުގައި ގެދޮރު ބިނާކުރުމުގެ ފުރުސަތު އެބަ ލިބިގެންދޭ. ނަތީޖާއަކަށް ވާނީ އަޅުގަނޑު 100 ޕަސެންޓް ޔަޤީންކަން އަބަދުވެސް ދޭކަމެއް. ހަމަ ޔަޤީންކަން މިރޭވެސް ދޭނީ ހަމަ 100 ޕަސެންޓަށް އަޅުގަނޑުމެންގެ މި ދައުރުގެ 5 އަހަރު ނިމުމުގެ ކުރީގައި މިދެންނެވި 4 ބިމުން އުފެދޭ ޖާގައާއި އެކީގައި ޖާގައިން އެލިބޭ ގޯއްޗާއި ފްލެޓް ލިބިގެންދިޔައީމަ މި މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލުނުވާ އެކަކުވެސް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ގޮތައް ތެދުވެރިކަމާއިއެކު ވަޢުދުތައް ފުއްދަވާނެކަމަށާއި، މާލޭގެ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލްގެ ދަށައް ބަދަލުކުރުމާއި، ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރެއްވުން ފަދަ ކަންކަން ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ކަންކަން އެ ގޮތުގައި ރައްޔިތުންނަށް ފުއްދަވައިދެއްވުމަށްޓަކައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ރޭވެސް ދެއްވާފައެވެ.