މަލަ ޗާލު ކުދި ޖަޒީރާއޭ މީ؛ މި ޙަޤީޤަތް ބަދަލުކުރެވޭކަށް ނެތް!

މިއީ ނަލަ ރީތި ސާފު މަންޒަރު ހިތާއި ރޫޙަށް ދިރުން ދޭ ދިވެހިރާއްޖެއެވެ. މިއީ ޤުދުރަތުގެ މަތިވެރި ހަދިޔާއެކެވެ. ފެންނަ ކޮންމެ މަންޒަރެއް ސިފަވާނީ، މަލަ ޗާލު ކުދި ޖަޒީރާއިން ހިތްތައް ފުރާލާ ބީދައިންނެވެ.
އިރުއަރާ އިރު އޮއްސޭ ހިނދު ހިތަށް ގެނުވާނީ އާދަޔާ ޚިލާފު އުފާވެރި އިޙްސާސްތަކެވެ. އިރު އުދަވަމުން ދާއިރު ފެންނާނީ ރަންރިހި ކުލައިގެ އުދަރެހެވެ.

މިއީ ހިމޭން މަންޒިލެވެ. ދިރުމާ އުފާ ލިބޭނެ މަންޒިލެވެ. ފެހި ޖަޒީރާ ހުދު ދޮންވެލީގެ ރީތި ގޮނޑުދޮށްތަކުން އިއްވައިދޭނީ ނާނާއެވެ. ހިމޭންކަމުގެ ރާޅުބާނި ބީހިލާ ނާނާއެވެ. އެއީ ހިތަށް އުފާވެރި ޝުޢޫރުތައް ގެނުވާ މިއުޒިކެވެ. ހިމޭންކަމުގެ މިއުޒިކެވެ.

ކުރިމަތިން ފެންނަ ވިލާއި މޫދާއި ކަނޑާއި ފަޅާއި ގިރިގިިރިއާއި ހާހަލުން ފެންނާނީ ނަލަ ރީތި ސާފު މަންޒަރެވެ. ރޫޙަށް ގެންނާނީ ދިރުމެވެ.

މަލަ ޗާލު ކުދި ޖަޒީރާ ރައްތަކުގެ ސާދާ ދިރިއުޅުމާއި ހިތްހެޔޮކަމުން އަންގައިދޭނީ، ހިތްތައް ފުރާލާ އިޙްސާސްތަކެވެ. އެކުވެރިކަމާއި އުޚުއްވަތްތެރިކަމެވެ. އެއްބައެއްވަންތަކަމެވެ. އެއްބައިވަންތަކަމެވެ. އެހީތެރިވާނީ ހެޔޮ ހިތުންނެވެ. ރަޙްމާއެކުގައެވެ. ވެރިވާނީ ޙަމްދަރުދީގެ ޝުޢޫރުތަކެވެ. އަންގައިދޭނީ ފުރިހަމަ ދިވެހި ގޮތާފޮތާއި ދިވެހީންގެ ނަލަ ސަގާފަތެވެ.

މަޑުމަޑު ރޯޅިއައިސް ބީހިލާނީ ކޯތާ ފަތުގައެވެ. އެކަމަކުވެސް އެ ވައި ރޯޅިން އެއަށްވުރެ މާ މުހިއްމު މެސެޖެއް އެބަ ދެއެވެ. އެއީތޯއެވެ؟ އެ ރޯޅިތައް ދިވެހި ދިދައިގައި ފިރުމާލަމުންދާއިރު، ސިފަކޮށްދޭނީ މިނިވަން ކަމުގެ އިޙްސާސެވެ. މިނިވަން ވަޔާއެކީގައި ވިހުރެމުން އެދާ ދިދައިން އަންގައިދޭނީ މިނިވަންކަމުން އަޅުވެތިކަމަށް ދާން ބޭނުން ނުވާ ވާހަކައެވެ. ޤައުމަށްޓަކައި އޮތް މަތިވެރި ލޯބީގެ ނިދާއެވެ. ޤައުމު ދިފާޢުކޮށްދޭނެ ކަމުގެ މަތިވެރި ޢަޒުމެވެ. ދިވެހި ތާރީޚުންވެސް ފެންނާން އޮތީ އަޖުދާދުންގެ މަތިވެރި ޖިހާދެވެ.

މިއީ ޖަޒީރާއެކެވެ. ހިތްތައް ފުރާލަދޭނެ ޖަޒީރާއެކެވެ. ޤުދުރަތުގެ ރަން ހާރެކެވެ. އުދުހޭ ބަޅިނދާއި ކޮކާތައް ބުނެދޭނީ އެންމެ ވާހަކައެއް ދެވާހަކައެއް ނޫނެވެ.

ރަށްރަށުގެ ވަށައިގެންވާ އެކި ކުލަކުލައިގެ މުރަކައިގެ ފަރުތަކުގެ ނަލަ ބަގީޗާއިން ރަމްޒުކޮށްދެނީ ނޫ އިޤްތިޞާދު ކުރިލާ ހެދޭނެ ކަމުގެ ހެކިތަކެވެ. އާވެ އާލާވާނީ ތިޔާގިކަމާއި މަތިވެރި ނިޢުމަތުގެ ޖައުހަރެވެ.

ތަރިތަކުގެ ބެބުޅުމާއެކު ރޭގަނޑުގެ ހަމަ ހިމޭންކަން ވެރިވާ ހިނދު ފެންނާނީ ހިތްގައިމުކަމެވެ. މަޑުމައިތިރި ކަމެވެ. ފަރި ސާއްބަ ހަނދުވަރާއެކު ސިފަވާނީ އަމާންކަމެވެ.

މިއީ މަލަ ޗާލު ކުދި ޖަޒީރާއެވެ.

މިއީ އާދަޔާ ޚިލާފު ތަނެކެވެ. ފީނާލަން، އަރާމުކޮށްލަން، ހިތް އުފާކޮށްލަން، ދަތުރުވެރިޔާގެ އައްސޭރިއަކަށް، ބަނދަރުކޮށްލަން މިއަށްވުރެ ފުރިހަމަ ތަނެއް ނެތްކަން އެހިތުގެ ވިންދުގެ އަސަރުތަކުން ބުނެދެއެވެ.

މިދީބާމެދު ހަސަދަވެރިވާ ބަޔަކު އެބަ ތިއްބެވެ. މި ސަބަބުތަކާ ހެދިއެވެ. ދީބުތައް ދައްކައި، ތިޔަ ދައްކަން އުޅޭ މަންޒަރު ސާފެވެ. އެކަމަކު މި ޙަޤީޤަތް ބަދަލުކުރެވޭ ކަށް ނެތެވެ. އަދި އަޅުދާސް ވެވޭ ކަށްވެސް ނެތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު