16 ފެބުރުވަރީ 2025

ވިލިމާލޭގެ ރައްޔިތުން އެދޭ ކަންކަން ފުރިހަމަކުރަން އެދޭނަމަ، އެކަމަށް އެންމެ ގާބިލް ކެންޑިޑޭޓަކީ އާޒިމާ: ރައީސް

ވިލިމާލޭގެ ރައްޔިތުން އެދޭ ފަދައިން ކަންކަން ހަރުދަނާގޮތެއްގައި ތަރުތީބުކޮށް ފުރިހަމަކުރަން އެދޭނަމަ، އެކަމަށް އެންމެ ގާބިލް ކެންޑިޑޭޓަކީ އާޒިމާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވިލިމާލޭގައި މިއަދު ކުރިއަށްދިޔަ ކެމްޕެއިން ޖަލްސާގައި މުހާތަބުކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ،  ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލެ ސިޓީ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ އައިޝަތު އާޒިމާ ޝަކޫރު ހޮވައިދެއްވައިފިނަމަ ވިލިމާލެ ރައްޔިތުން އެދޭގޮތަށް ކަންކަން ތަރުތީބުވާނެ ކަމަށެވެ.

މާލެ ސިޓީ މޭޔަރުކަމުގެ މަގާމަށް އާޒިމާ ހޮވައި ދެއްވައިފިނަމަ، ވިލިމާލެ ރައްޔިތުން އެދޭ ހުރިހާ ކަމެއް ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން ރައީސް ވިލިމާލެ ރައްޔިތުންނަށް އަރުއްވަމުން، މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން ނިންމާފައިވާ ސަރުކާރެއްކަމަށާއި ރައްޔިތުންގެ ބޭނުންތައް ހާސިލްކުރުމަށްޓަކައި ރައްޔިތުންނާ ސަރުކާރާއި ދެމެދު އެޅޭ ފާލަމަކީ ރައްޔިތުން ހޮވާ ކައުންސިލަރުންނާއި މަދޫބުންނާއި މޭޔަރުންކަން ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފިކުރުގައި ނެތް އެހެން ޕާޓީއެއްގެ މޭޔަރަކު ހޮވައިފިއްޔާ އަދި މޭޔަރު ކިތަންމެ ކަމެއް ކޮށްދޭން ބޭނުން ވިޔަސް އެ ބޭފުޅަކު އެ ނިސްބަތްވާ ޕާޓީން ކަންކަން ކުރާނެ ގޮތެއް ނޭނގޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތަރައްގީ ގެނައުމުގެ ކުޅަދާނަކަން ހުރި، ސަރުކާރު ހިންގާ ޕާޓީގެ ޓިކެޓު ލިބިފައިވާ ފަރާތެއް ކުރިމަތިލާފައިވާއިރު، ސަރުކާރުގެ ފިކުރާއި ނުބައްދަލު ކެންޑިޑޭޓަކަށް ވޯޓުލުމުން އޭގެ ނޭދެވޭއަސަރު ނިކުތުމަކީ ރާއްޖޭގެ ތާރީހުން ހެކިދޭ ކަމެއްކަމަށެވެ.

ސަރުކާރުގައި ކިތައްމެ ގާބިލުކަމެއް ހުރި ކަމުގައި ވީނަމަވެސް، ސަރުކާރުގެ ކަންކަމަށް ހުރަސްއަޅަން އިދިކޮޅު ފަރާތްތަކަށް ޖާގަދީފިނަމަ އޭގެ ނޭދެވޭ އަސަރު ނިކުންނާނެކަމަށާއި، ދިވެހިރާއްޖޭގެ ރައްިޔތުންގެ މަޖިލީހުން އެމަންޒަރު ފެނިގެންދާކަމަށާއި، ކުޅަދާނަ ކެންޑިޑޭޓެއް ސަރުކާރުން ނެރެފައިވާއިރު އެ ރިސްކު ނެގުމުގެ ބޭނުމެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު