ވަޒީރު ޑރ. ޝަހީމް މައްކާގައި ތިބި އުމްރާ ވެރިންނާ ބައްދަލުކުރައްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މައްކާގައި ތިބި ޙައްޖު ކޯޕަރޭޝަންގެ އުމްރާ ވެރިންނާއި ބައްދަލުކުރައްވައިފިއެވެ. ހައްޖު އެންޑް ޢުމްރާ ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަތުމަށާއި ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރެއްވުމަށް ރަސްމީދަތުރުފުޅެއްގައި ވަޑައިގެން ވަޒީރު ޑރ. ޝަހީމް މިވަގުތު ހުންނެވީ މައްކާގައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާގައި ތިއްބެވި ލޮބުވެތި އަޚުންނާއި އުޚުތުންނަށް ޒިޔާރަތްކުރުމަކީ ލިބުނު އުފަލެއް ކަމަށާއި، ހައްޖާއި ޢުމްރާ އަށް ދިއުމުގެ ޚިދުމަތް ތަރައްޤީކުރުމަކީ ރައީސް ޑރ މުއިއްޒު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމެއް ކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ވަޒީރު ޑރ. ޝަހީމްވަނީ އުމްރާވެރިންގެ ވާހަކަތައް ވަރަށް ގާތުން އަޑުއައްސަވައިފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ހައްޖާއި އުމްރާގެ ކަންކަން އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މި ބައްދަލުވުމުގައި މިނިސްޓްރީއާއި ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓާއި ހައްޖުކޯޕަރޭޝަންގެ އިސްބައެެއް ބޭފުޅުން ބައިވެރިވަޑައިގެންފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ