ރަމަޟާންމަހުގެ ފަހު 10 ބަންދުވުމާއެކު އެކަޑަމިކް ކަލަންޑަރަށް ބަދަލުތަކެއް އަންނާނެކަމަށާއި އަންނަ ބަދަލުތައް މިހަފްތާ ތެރޭ އާންމުކުރައްވާނެކަމަށް ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގެ ޗުއްޓީއަށްފަހު މިއަދު 2 ވަނަ ޓާމްގެ ކިޔެވުން ފަށާފައިވާއިރު، "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި، ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ، ކަރިކިއުލަމްގައިވާ ލަނޑުދަނޑިތައް ހާސިލްކުުރުމަށާއި ދެވަނަ ޓާމްގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެގެން ނުދާނެކަމަށެވެ. ވަޒީރު ވިދާޅުވީ ބައެއް ބިދޭސީ ޓީޗަރުން ޗުއްޓީއަށް ގޮސް ވަޒީފާއިން ކެނޑުނުކަމަށާއި، އެ މަޤާމަށްވެސް އައު މުދައްރިސުން ހަމަޖައްސާފައިވާކަމަށެވެ. އަދި ހަފްތާއެއްގެ ތެރޭގައި އެ މުދައްރިސުންވެސް ތަޢުލީމީ ޓީމާ ގުޅިވަޑައިގަންނަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރަމަޟާންމަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސެވުމާއެކު އެކަޑަމިކް ކަލަންޑަރަށް ބަދަލުތައް އަންނާނެކަމަށެވެ. އެހެންކަމުން، މި ހަފްތާގެ ތެރޭގައި އަންނަ ބަދަލުތައް ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންނަށްވެސް އަންގަވާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަމަޟާންމަހުގެ ފަހު 10 އަކީ ސަރުކާރުން ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.
ހަމައެހެންމެ، ދިރާސީ އަހަރުގެ ކިޔެވުން ފެށުން ޖެނުއަރީމަހަށް ބަދަލުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި، ރާއްޖޭގައި ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކޮށްފައިވަނީ، 2021 ވަނަ އަހަރެވެ. ކޯވިޑްގެ ޙާލަތުގައި އަހަރަކާއި ހަ މަހަށް، 2020 ވަނަ އަހަރުގެ ދިރާސީ އަހަރު ދިގު ދަންމާލުމަށްފަހުގައި، 2021 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށީ، އެ އަހަރު އޮގަސްޓް 10 ވަނަ ދުވަހުއެވެ.
ކުރީ ސަރުކާރުން ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރަން ނިންމީ، ސޯޓްތަކުގެ އޮފް-ސީޒަނާއި ދިމާކޮށް ޗުއްޓީ ލިބޭނެ ގޮތް ހެދުންވެސް ހިމެނެއެވެ. އެއިރުން ފެށިގެން ކޮންމެ އަހަރަކުވެސް ދިރާސީ އަހަރުގެ ކިޔެވުން ފަށަނީ އޯގަސްޓްމަހުގައެވެ.
މިހާރު އެކަޑަމިކް ކަލަންޑަރުގައި ކަނޑައަޅާފައިވަނީ، ދެވަނަ ސެމިސްޓަގެ ކިޔެވުން ނިމޭނީ މިއަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގައެވެ. އަދި 2024 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ 31 ޖުލައިގައެވެ.