25 ޖަނަވަރީ 2025

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮންޓެނިގްރޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޚަރަދު އާންމުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް، މޮންޓެނިގްރޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 589،000 ރުފިޔާ ޚަރަދުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެ އޮފީހުން އާއްމުކުރައްވާފައިވާ ޚަރަދު ތަފްސީލުގައިވާ ގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 23 އިން 27 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި މި ދަތުރުފުޅަށް ޖުމްލަ 589،736 ރުފިޔާވަނީ ޚަރަދުވެފައެވެ.

ޚަރަދު ތަފްސީލުގައިވާ ގޮތުން، ބިޒްނަސް ކްލާހުގެ 5 ޓިކެޓަށް 492،746.10 ރުފިޔާ އަދި އެބޭފުޅުންގެ ޕޮކެޓް މަނީގެ ގޮތުގައި 64،638 ރުފިޔާވަނީ ޚަރަދުކޮށްފައެވެ. އަދި މޮންޓިނީގްރޯގައި ކެއުމުގެ ކަންކަމަށް 23،823.72 އަދި އިސްތަންބޫލުގައި ކެއުމަށް 7895.07 ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް ރަސްމީ ދަތުރުފުޅެއްކުރެއްވީ ޑިމޮކްރެޓިކް މޮންޓަނޭގްރޯގެ ރައީސް އެލެކްސާ ބެޗިޗްގެ ދަޢުވަތަކަށް އެ ޤައުމުގައި ބޭއްވި ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް ގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުމާއެކު ޤައުމުގެ މިސްރާބު ބައްޓަންކުރުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ގޮވާލައްވާފައެވެ.

ދިވެހިރާއްޖެއާއި މޮންޓަނޭގްރޯއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 24 ނޮވެންބަރު 2009 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު