Saturday, 12 October 2024

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިމެއް އޮންނަ ކަމެއްކަން މިއަދު ވިސްނިއްޖެ ނޫންތޯއެވެ؟

ސަރުކާރާ އިދިކޮޅު ފަރާތްތަކުން މީގެ ދެހަފުތާއެއްގެ ކުރިން ބުނަމުން ދިޔައީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ތަން މިނަށް ހުޅުވާލާފައި އޮންނަންޖެހޭނެ ކަމަށެވެ. މިއަދު ކަން މިދިމާވީ ދެއްކި ހުރިހާ ވާހަކައަކާ ދިމާ އިދިކޮޅަށެވެ.

ޚަައްސާސް މައްސަލައަކާ ޖެހުނީމައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ހައްދެއް އޮންނަން ޖެހޭ ކަމަށް ޤަބޫލުކުރެވިއްޖެއެވެ. ތެދެކެވެ. މިކަން ދިމާވީ، ސަރުކާރުގެ އިސް އޮފިޝަލުންތަކެއް މަޤާމުތަކުގައި ތިބެ އަވަށްޓެރި އިންޑިއާއަށް ކުޑައިމީސްވާގޮތަށް މީސްމީޑިއާގައި ޕޯސްޓްތަކެއް ކޮށްގެންނެވެ. އެކަމަކު ފާޅުކުރީ ހަމަ ޚިޔާލެވެ. އޭރުވެސް ހެޔޮ ވިސްނޭ މީހުން ބުނަމުންދިޔައީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންޖެހޭނީ ވަކި އިމެއްގެ ތެރޭގައި ކަމަށެވެ.

ރާއްޖޭގެ ރަޖިސްޓްރީ ނުކުރާ ދެ ނޫހެއްގައި މީހުންގެ އަބުރަށް އަރައިގަނެ، ބަދުނާމުކޮށް ލިއުންތައް ޝާއިޢުކުރަން ފެށުމުން ސަރުކާރުން އެ ދެ ވެބްސައިޓް ބްލޮކުރިއެވެ. އެކަންވީ އަލިފާނަށް ތެޔޮއެޅުން ކަހަލަ ކަމަކަށެވެ. ޚާއްސަކޮށް އެމްޑީޕީން އެކަމާާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ތަން މިނަށް އޮންނަންޖެހޭނެ ކަމަށް ބުނެ ބަޔާންތައް ނެރެމުންދިޔައެވެ.

އެހެންނަމަވެސް، އޭރުވެސް މިހާރުވެސް ޤަބޫލުކުރަންވީ ޙަޤީޤަތަކީ ކޮންމެ ކަމެއްގައިވެސް ވަކި ހައްދެއް، ވަކި އިންތަކެއް އޮންނަންޖެހޭނެ ކަމެވެ.

ކޮންމެއަކަސް، އެނގިފައިވާ ގޮތުގައި ސަރުކާރު އިސް މަޤާމުތަކުގައި ތިބެ އަވަށްޓެރި އިންޑިއާއަށް ކުޑައިމީސްވާގޮތަށް މީސްމީޑިއާގައި ޕޯސްޓް ކުރި ފަރާތްތައް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިންޑިޔާގެ ބޮޑުވަޒީރަށް ކުޑައިމީސްކޮށް އެކްސްގައި ކުރި ޕޯސްޓްތަކަކާ ގުޅިގެން ދެ ޤައުމުގެ ގުޅުމަށް ބުރުއަރާފަދަ ޙާލަތެއް މެދުވެރިވެފައިވާ މިދަނޑިވަޅުގައި، ބައިނަލްއަޤްވާމީ ގުޅުންތަކަށް ހީނަރުކަން އަންނަފަދަގޮތަށް ސޯޝަލް މީޑިއާގައި ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ފަސްނުޖެހޭނެކަމަށް ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ. ސަރުކާރުން މިހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާއަށް އިޙްތިރާމްކުޑަވާގޮތަށް ބައެއް ދިވެހިން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޚިޔާލުތަކާގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެ ބަޔާނުގައި ވިދާޅުވީ، ބޭރު ޤައުމުތަކުގެ ބައެއް ލީޑަރުންނާއި އޮފިޝަލުންނަށް އިޙްތިރާމްކުޑަވާގޮތަށް ސޯޝަލް މީޑިއާގައި އަމަލުކޮށްފައިވާކަން ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ އެ ފަރާތްތަކުގެ އަމިއްލަ ޚިޔާލާއި ވިސްނުންކަމަށާއި، އެއީ ދިވެހި ސަރުކާރުގެ ވިސްނުމެއް ނޫންކަމަށެވެ.

ސަރުކާރުން ގަބޫލުކުރައްވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަން ޖެހޭނީ ޒިންމާދާރުގޮތެއްގައި ކަމަށާއި، ނަފުރަތާއި ފިތުނަ އުފެއްދުމަށް ނުވަތަ ރާއްޖެއާއި އެހެން ޤައުމުތަކާ އޮންނަ ގުޅުމަށް ހީނަރުކަން އަންނަގޮތަށް ޢަމަލުނުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޤައުމުތަކުގެ ލީޑަރުންނާއި އޮފިޝަލުންނާމެދު އިޙްތިރާމްކުޑަވާގޮތަށް ސޯޝަލް މީޑިއާގައި ޢަމަލުކުރާ ފަރާތްތަކާމެދު ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުންވެސް ބުނަމުންދަނީ އެ އޮފިޝަލުންނާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. ވަކި ކަމަކާ ޖެހުނީމާ މިއޮތީ ފިޔަވަޅުވެސް އަޅަންޖެހިފައެވެ. އަނގަވެސް ބަންދުކުރާން ޖެހުނީއެވެ. ތެދެކެވެ. ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރެއް ކުރަންޏާ މަންޒަރު ބަލާކަށް ނުތިބެވޭނެއެވެ. ފިޔަވަޅު އަޅަންވެސް ވާނެއެވެ.

މިހާ ހިސާބުން ހިތުގައި އުފެދުނީ ބައިވަރު ސުވާލުތަކެކެވެ. އިންޑިޔާއާ ޖެހުނީމާ ދޫބަންދުކުރަންވީތޯއެވެ؟ ހަމަ އެމީހުންނަށް ފަތުރުވެރިން ރާއްޖެ ނާންނަން ގޮވޭނެ ތޯއެވެ؟ އެކަމަކު ގޮވީ ނޫންތޯއެވެ؟ އެކަން ބަލައިވެސް ނުގަނެވުނެއް ނޯންތޯއެވެ؟ އެއީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީއެވެ. އެކަމަކު މިނިވަންކަމާއެކު ޚިޔާލުފާޅު ކުރުން ކަމަކު ނުދިޔައެވެ.

ޑިމޮކްރެސީއަކީ ނަމެކެވެ. އެއީ ތިމާމެން ބޭނުންވާ ކަންކަން ކުރުމަށް ދައްކާ ޙުއްޖަތެކެވެ. ބޭނުން ކެނޑުނީމައި ޖާޑިއަށްލާ ފޮރުވާފައި އޮންނަ "ޖަވާހިރެ"ކެވެ.

އެހެންކަމުން، ޑިމޮކްރެސީއާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީވެސް ވަކި އިންތަކެއް އޮތް ކަމެއްކަން ސިޔާސީ ބޭބޭފުޅުންވެސް ދަސްކުރާންވެއްޖެއެވެ. އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަތާއި ސިޔާސީ މަންފާއަށްޓަކައި ތަންމިނަށް އަނގަ ހުޅުވުމަކީ ގޯހެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު