Saturday, 15 June 2024

އިސްލާމިކް މިނިސްޓަރ، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުޙައްމަދު ޝަހީމް ޢަަލީ ސަޢީދު، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލް ހިޒްއެކްސެލެންސީ ޙުސައިން އިބްރާހީމް ޠާހާގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި ޑރ. ޝަހީމްވަނީ، ސަޢޫދީ ޢަރަބިއްޔާގެ ލީޑަރޝިޕްގައި އޯއައިސީ އިން އިސްލާމީ އުންމަތަށް ކޮށްދެއްވަމުންގެންދަވާ ޚިދުމަތަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ފަލަޞްޠީނުގެ ޙައްޤުގައި އޯއައިސީއިން ކުރަމުންދާ މަސައްކަތް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ. އަދި ޑރ މުއިއްޒުގެ ސަރުކާރުން އިސްލާމީ ކަންތައްތަކުގައި ކަނޑައަޅުއްވާފައިވާ މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި އޯއައިސީގެ ދަށުން ހިންގާ އިސްލާމީ މުއައްސަސާތަކުގެ އެހީތެެރިކަން ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ ފަތުވާކައުންސިލާއި ޒަކާތު ހައުސްއާއި އައުޤާފު އިންވެސްޓްމަންޓްސް ތަރައްޤީކުރުމަށް އޯއައިސީގެ ދަށުން ހިންގާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑިބީ)އާއި އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީއާއި އިސްލާމިކް ސޮލިޑަރިޓީ ފަންޑުގެ އެހީތެރިކަން މިނިސްޓްރީއަށް ލިބޭނެ ގޮތް ހޯދުމާމެދު މަޝްވަރާކުރެވުނެވެ. އަދި އިސްލާމޯފޯބިއާއި ކައުންޓަރ ޓެރަރިޒަމް ދާއިރާއިން ދެފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު ވެސް މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން އޯއައިސީގެ ދަށުގައި ހުރި ޔުނިވަރސިޓީތަކުން އިސްލާމީ ދާއިރާތަކުން ރާއްޖޭގެ އިލްމުވެރިންނާއި ޒުވާނުންނަށް މަތީ ތަޢުލީމުގެ ފަހި ފުރުޞަތު ހޯދުމަށް ވެސް މަޝްވަރާކުރެއްވިއެވެ.

އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ މިނިސްޓަރ ޑރ ޝަހީމް އޯއައިސީއަށް ޒިޔާރަތްކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ޑރ ޝަހީމް އޯއައިސީގައި ވަޒީފާ އަދާ ކުރެއްވި ދުވަސްވަރު ކޮށްދެއްވި އަގުހުރި ޚިދުމަަތަށް އޯއައިސީގެ ފަރާތުންވަނީ ޝުކުރު އަދާކުރެއްވިއެވެ. މިނިސްޓަރ ޑރ. ޝަހީމްވަނީ 2019-2021 އަށް އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަން ކުރައްވާފައެވެ. އަދި އޯއައިސީގެ ވޮއިސް އޮފް ވިޒްޑަމް ސެންޓަރުގެ އިންޗާޖުކަމާއި އޯއައިސީން ތައްޔާރުކުރި އިސްލާމިކް އިންސައިކޮލޮޕީޑިއާ އެކުލަވާލުމުގައި ވެސް ޑރ ޝަހީމްވަނީ ވިލަރެސްކުރައްވާފައެވެ.

އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި، ސަޢޫދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯއައިސީގެ ހެޑްކުއާޓަރގައި މިއަދު އޮތް މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީއާއި، ސަޢޫދީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިސް ބައެއް އޮފިޝަލުން ބައިވެވެވަޑައިގެންނެވިއެވެ. ޑރ. ޝަހީމް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވީ ހައްޖު މިނިސްޓަރުގެ ދަޢުވަތަކަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު