Saturday, 15 June 2024

ދިރާސީ އަހަރަށް ބަދަލުގެނަޔަސް 9 އަދި 10ގެ ކިޔަވަމުންދާ ދަރިވަރުންނަށް ބަދަލެއް ނާންނާނެ

ދިރާސީ އަހަރުގެ ފެށޭ ދުވަހާއި ޗުއްޓީއަށް ބަދަލު ގެންނަން ނިންމެވި ނަމަވެސް މިހާރު ގްރޭޑް 9 އަދި 10 ގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

2025 ވަނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރުމަހު ދިނުމާއެކު 2026 ވަނަ އަހަރުގެ ޖެނުއަރީމަހު ތަޢުލީމީ އަހަރު ފަށާގޮތަށް އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައިވަނީ ނިންމަވާފައެވެ.

އެ ނިންމެވުމާ ގުޅޭގޮތުން ތަޢުލީމާ ބެހޭ ވުޒާރާއިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ މިބަދަލުގެ ސަބަބުން މިހާރު ގްރޭޑް 9 އަދި 10 ގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ކުރިންވެސް ރޭވިފައިވާ ގޮތަށް މިދަރިވަރުން އޯލެވެލް އިމްތިހާން ހަދާނީ މެއި/ ޖޫންގައި ކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މަންހަޖު ފުރިހަމަކުރުމުގައިވެސް އެއްވެސް ވަރަކަށް ކްލާސްރޫމް ލަރނިން ޓައިމް ގެއްލިގެން ނުދާނެ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

5 ސެމެސްޓަރަށް ބަހާލައިގެން ގެނެވޭ މިބަދަލުގެ ސަބަބުން ދިވެހިރާއްޖޭގެ ފިސްކަލް އަހަރާއި ތަޢުލީމީ އަހަރު އެލައިންކުރެވި އޭގެ މަންފާ ސްކޫލް ހިންގުމުގެ ނިޒާމަށް ލިބިގެންދާނެ ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ރަށުން ބޭރުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަހަރުގެ ތެރެއިން ލިބޭ ޗުއްޓީ މިހާރު ލިބެމުންދާ މިންވަރަށްވުރެ މަދުވެގެން ނުދާނެ ކަމަށްވެސް އެވުޒަރާޢިން ވިދާޅުވެއެވެ.

އެހެންކަމުން، މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އާއްމު ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު