7 ފެބުރުވަރީ 2025

ފަޅު ތެރޭގައި ފުުލޯޓިން ވިލާއެއް އަޅައި، "ކޭލަކުނު"ގައި އިކޯ ޓޫރިޒަމް ތަރައްޤީކުރަނީ

ފަޅު ތެރޭގައި ފުުލޯޓިން ވިލާއެއް އަޅައި، ގުދުރަތީގޮތުން ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ރަށް ކަމުގައިވާ ހދ. ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްޤީކުރަން ސަރުކާރުން ނިންމައިފި އެވެ.

ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް، ގައުމަށް ވަންނަ ފައިސާ އިތުރުކުރުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާ އަދި އެމަނިކުފާނު ޗެއާކުރައްވާ ވިޒިޓާ އިކޮނޮމީ ކައުންސިލުން މިކަން ނިންމަވާފައިވާކަން ހާމަކުރައްވައި، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި  ޕްރިންސިޕަލް އަންޑަ ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް ނާޒިމް އިބްރާހިމް ވިދާޅުވީ ރަށުގެ ގުދުރަތީ ވެއްޓަށް ގެއްލުން ކުޑަކުރުމުގެ ގޮތުން ސަރުކާރުން ވިސްނަނިީ ފަޅުތެރޭގައި ފްލޯޓިން ވިލާތައް އަޅަން ކަމަށެވެ.

"މި ރަށުގެ ފަރުތަކާއި މުރަކަތަކަށް އެއްވެސް ގެއްލުމެއް ނުވާނޭ ގޮތަށް މި ރަށަށް ޒިޔާރަތްކުރައްވާ ފަރާތްތަަކަށް ޚާއްސަކޮށްގެން ފްލޯޓިން ރޫމްސްތަކެއް އެޅޭނެ ގޮތެއް އޮއްތޯ ބަލައި، އެކަން ކުރެވޭނެ ގޮތެއް އޮއްތޯ ބަލައި ދިރާސާކުރަން ވިޒިޓާ އިކޮނޮމިކް ކައުންސިލުގެ މަޝްވަރާގައި ވަނީ ނިންމާފަ،" އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ، މި ރަށް ތަރައްގީކުރުމުގައި ސަރުކާރުން ރިއާޔަތްކުރާނެ ކަންކަން ނާޒިމް ވަނީ ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި ވިޒިޓާ ސެންޓަރެއް ގާއިމުކުރުމާއި އަދި ރަށުގެ ތާރީހާއި ރަށުގައި ހުރި ތާރީހީ ތަންތަނުގެ މައުލޫމާތު ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

ރަށުގެ ގުދުރަތީ ރީތިކަމާއި މޫދުގެ ދިރުންތަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ރަށް ތަރައްގީކުރެވޭނެ ގޮތެއް ދެނެގަތުމަށް ތަފްސީލު ދިރާސާއެއް ކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީ އާއި ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް ނާޒިމު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަންފީޛުކުރާ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސް ޞާލިޙުގެ ސަރުކާރުގެ ވަޢުދެކެވެ. މި ވައުދުގެ ދަށުން ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދު ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢިބްރާހީމް މުޙައްމަދު ޞާލިޙު ހަމަޖެއްސެވީ 25 ޑިސެމްބަރު 2018 ގައެވެ.

ގުދުރަތީގޮތުން ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ކޭލަކުނުގެ ބޮޑު ބަޔަކީ ޗަސްބިމެވެ. އެ ޗަސް ބިމުގައި މާސިންގާކޮށް ހެދިފައި ހުންނަ ބާވަތެއްގެ ގަހެއް ކަމަށްވާ އަވިސެނިއާ މެރީނާ ނުވަތަ ބަރު ގަސް ގިނަ އަދަދަކަށް ހުރެއެވެ. މީގެ އިތުރުން ކަނޑުލާއި ރަނޑޫފަދަ ގަސް ވެސް އެރަށުން ފެނެއެވެ. ގާތްގަނޑަކަށް 10 ހެކްޓަރުގެ ބޮޑު ކުޅިއެއްވެސް އެރަށުގައި އޮންނައިރު، ތަފާތު ދޫނީގެ އެކި ބާވަތްތައް ކޭލަކުނުން ފެނެއެވެ. އަދި ކޭލަކުނަކީ ވެލާ ބިސް އަޅަންވެސް އަރާ ރަށެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު