Saturday, 22 June 2024

އެކެޑަމިކް ކަލަންޑަރަށް ބޮޑު ބަދަލެއް، ދިރާސީ އައު އަހަރު ފަށާނީ މެއި 26 ގައި

ރަމަޟާންމަހުގެ ފަހު 10 ބަންދުވުމާއެކު ސްކޫލްތައްވެސް އެދުވަސްތަކުގައި ބަންދުކުރުމަށް ނިންމައި، އެކަޑަމިކް ކަލަންޑަރަށް ބަދަލުތަކެއް ގެނައުމަށްފަހު އާއްމުކޮށްފިއެވެ.

އައު އެކެޑަމިކް ކަލަންޑަރުގައި ވާގޮތުން، ހިނގަމުންމިދާ 2023 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމޭ ތާރީޚާއި، 2024 އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭ ތާރީޚަށްވެސް ވަނީ ބަދަލުތަކެއް ގެންނަވާފައެވެ.

އެގޮތުން، މިމަހުގެ 7 ވަނަ ދުވަހު ކިޔެވުން ފެށުނު 2023 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ، 30 އޭޕްރީލް 2024 ގައެވެ. ކުރިން ދެވަނަ ޓާމުގެ ކިޔެވުން ނިމޭގޮތަށް އޮތީ 13 ޖޫން 2024 ގައެވެ.

ރަމަޟާންމަހުގެ ފަހު 10 ސަރުކާރު ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާގުޅިގެން ރަމަޟާންމަހުގެ ފަހު 10 ހިމެނޭހެން ފިޠުރު ޢީދު ބަންދު 3 ދުވަހާއެކު 31 މާރިޗު 2024 ފެށިގެން 12 އޭޕްރީލް 2024 އަށް މިޑް ޓާމް ބްރޭކެއް ދަރިވަރުންނާއި މުދައްރިސުންނަށް ލިބޭނެއެވެ.

މިބަދަލާއެކު، ދެވަނަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުން އަހަރީ ޗުއްޓީއަށްދާނީ 2 މެއި 2024 ގައެވެ. ކުރިން އަހަރީ ޗުއްޓީއަށްދާގޮތަށް އޮތީ 16 ޖޫން 2024 ގައެވެ. ގާތްގަނޑަކަށް 3 ހަފްތާގެ ޗުއްޓީއަކަށްފަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ޓީޗަރުން ސްކޫލްތަކަށް ރިޕޯޓްވާންޖެހޭނީ 22 މެއި 2024 ގައެވެ. އަދި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ 26 މެއި 2024 ގައެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ކުރިން ފަށާގޮތަށް އޮތީ 31 ޖުލައި 2024 ގައެވެ.

ކަލަންޑަރަށް ގެނެވުނު ބަދަލުތަކާއެކު ދެވަނަ ޓާމުގައި ދަރިވަރުން ކިޔަވާނީ ޖުމްލަ 78 ދުވަހުއެވެ. ކުރިން އޮތީ 108 ދުވަހު ކިޔަވާގޮތަށެވެ.

2024 ވަނަ އަހަރުގެ ވަގުތީ އެކެޑަމިކް ކަލަންޑަރު ތަޢުލީމީ ވުޒާރާއިން އާންމުކުރައްވާފައިވާއިރު، 2024 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ 26 މެއި 2024 އިން 26 ސެޕްޓެމްބަރު 2024 އަށެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ 06 އޮކްޓޯބަރު 2024 އިން ފެށިގެން 20 ފެބްރުއަރީ 2025 އަށެވެ. 2025 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ 9 މާރިޗު 2025 ގައެވެ. 2024 ވަނަ އަހަރު ދަރިވަރުން ކިޔަވާނީ ޖުމްލަ 180 ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު