Saturday, 25 May 2024

ބިންވެރިޔާ: ގޯތިލިބުނު ފަރާތްތަކަށް ބިން ދޫކުރުމުގެ މަސައްކަތް އަލުން ފަށައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތީގެ ރަޖިސްޓްރީ ޙަވާލުކޮށްފައިވާ ފަރާތްތަކަށް ބިން ކަނޑާ ޙަވާލުކުރުމުގެ މަސައްކަތް އަލުން ފަށައިފިއެވެ. މި މަސައްކަތް އަލުން ފަށާފައިވަނީ ރިޔާސީ އިންތިޚާބާއި ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހު، ގޯއްޗާއި ފުލެޓްގެ ލިޔުން މިހަފުތާގައި ދޫކުރައްވަން އަލުން ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނިކޮށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ނިމުނު ސަރުކާރުން ބިން ބައެއް ހަވާލުކޮށްފައިވަނީ، ބައެއް ފަރާތްތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ، ބިން އަދި ފްލެޓް ލިބުނު މީހުންނަށް އެމީހަކަށް ފްލެޓް އަދި ގޯތި ލިބުނު ތަނަކުން ދެއްވާނެކަމުގެ ޔަޤީންކަމެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި އަދި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ އެތަންތަން ހަވާލުކުރުމަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ހަވާލު ކުރައްވާނެ ކަމަށެވެ. އެހެންކަމުން ބިންވެރިޔާ ސްކީމުން ރަޖިސްޓްރީ ޙަވާލުކޮށްފައިވާ ފަރާތްތަކަށް މިހާރު މިވަނީ އަލުން ބިން ކަނޑާ ހަވާލުކުރުމުގެ މަސައްކަތް ފައްޓަވާފައެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ބިން ލިބުނު ފަރާތްތަކަށް އަލުން ބިން ހަވާލުކުރުމުގެ މަސައްކަތާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެ މިނިސްޓްރީ ޕޮލިޓިކަލް ޑިރެކްޓަރ އިސްމާއިލް އިނާޝް ސައީދު ވިދާޅުވީ، މިއަދު ހަވާލުކުރެވިގެން މިދިޔައީ 18 ބިމެއްކަމަށެވެ. އަދި ބިންތައް ސާފުކުރެވޭ ވަރަކުން އެގްރިމަންޓްގައި ސޮއިކޮށްފައިވާ އެންމެންނަށް ބިން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބުނު މީހުންނަށް އެންމެ ފުރަތަމަ ރަޖިސްޓްރީ ޙަވާލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ކުރީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވީ 19639 މީހުންނަށް ގޯތި ލިބުނެއެވެ. އެއީ 9001 ގޯއްޗެވެ.

މި ސްކީމުގެ ދަށުން، ހުޅުމާލެއިން 1351 ގޯތި، ގުޅިފަޅުން 2218 ގޯތި އަދި ގިރާވަރު ފަޅުން 5432 ގޯއްޗެވެ. މި ގޯތި ތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުންނެއެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރައްވާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *