Saturday, 15 June 2024

ކައްކަނީ ސިޔާސީ ކެއްކުން ގަނޑެއް؛ ފޮނުއަރުވަނީ ފަތުރުވެރިކަން ނެތިދާތީއެއް ނޫން!

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިޔާގެ ދަށުގައި އޮންނަ ލަކްޝައްދީބުގެ ރަށަކަށް ޗުއްޓީ ހޭދަކުރައްވަން ވަޑައިގެން، އެރަށުގެ ދޮންވެލީގެ ރީތި ބީޗެއްގައި ހިންގަވަނިކޮށް ނަގާފައިވާ ފޮޓޯއެއް  އެކްސްގައި ޝެއަރ ކުރެއްވިއެވެ. މިކަން ބަޔަކަށް މާ ބޮޑުކަމަށް ވެއްޖެއެވެ. ސިޔާސީ ގޮތުން އެއްވެސް ކަމެއް ނެތިފައި ތިބި ދަނޑިވަޅެއްގައި މި ފޮޓޯގަނޑު ފެނުމުން، ވަރަށް މޮޅު ސިޔާސީ ކުޅިގަނޑެއް ކެއްކިދާނެ ކަމަށް ދެކުނެވެ. ސިޔާސީ ގޮތުން އެއްވެސް ހަކަތައެއް ނެތި ތިއްބާ މިއީ މާ ރަނގަޅު ފުރުޞަތަކަށް ވެއްޖެއެވެ. ފުރަތަމަ އެރުނީ ނޫސްވެރިއެއްގެ ބޮލަށެެވެ. ރާއްޖޭގެ ނޫސްވެރިއަކަށް ވިސްނައިދީ ދައްކަން ބޭނުންވި މަންޒަރަކީ، އެއީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ދިން ވަރަށް ވަރުގަދަ މެސެޖެއްގެ ގޮތުގައެވެ. ވަގުތުގެ ބޭނުން ހިފައި، އެ ނޫސްވެރިޔާއަށް ހިތްވަރުދިން ބަޔަކު ހިތްވަރު ދިނެެވެ. އެ ފޮޓޯގަނޑު އެއީ ވަރަށް ބޮޑު ފޮޓޯގަނޑަކަށް ހެދިއެވެ. އެއީ ރާއްޖެއަށް އެޅި އިންޒާރުގެ ރަނގަބީލަކަށް ހެދިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ޚާރިޖީ ސިޔާސަތަކީ "ޕްރޯމޯލްޑިވްސް" ސިޔާސަތެވެ. ޑރ. މުއިއްޒުގެ ޕްރޯ މޯލްޑިވްސް ޚާރިޖީ ސިޔާސަތަށް ތައުރީފް ވަނީ އޮހެން ފަށާފައެވެ. ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާ، އަދުގެ ސަރުކާރު ދެކޮޅެވެ. ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމަކީ ޤައުމީ ސަލާމަތަށް ނުރައްކަލަކަށް ވާ ސަބަބު، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެދެއްވާފައެވެ.

"އަހަރުމެންނަކީ ވަރަށް ކުޑަ ޤައުމެއް. އަހަރުމެންގެ މާ ބޮޑު އަސްކަރިއްޔާއެއް ނޯވޭ. އެއްވެސް ޤައުމެއްގެ އަސްކަރިއްޔާއެއް (މި) ފަސްގަނޑުގައި ތިބޭނަމަ، އަހަރުމެންނަށް ރައްކާތެރިކަމުގެ އިޙްސާސްއެއް ނުކުރެވޭނެ. އެ ސަބަބާ ހެދި، ބޭރުގެ އެއްވެސް ސިފައިންގެ ބަޔަކު ތިބެން އަހަރުމެން ނޭދެން." އެމަނިކުފާނު "އަލްޖަޒީރާ"އަށް ދެއްވި އިންޓަރވިޔުއެއްގައި ވިދާޅުވެފައިވެއެވެ.

މިކަމަކީ އިންޑިޔާއަށް ބަލައިގަނެވޭ ކަމަކަށް ނުވެއެވެ. ރާއްޖޭ އޮންނަ ތަނުގެ ސަބަބުން ރާއްޖެއަކީ ކޮންމެ ޤައުމަކަށްވެސް މުހިއްމު ޤައުމެކެވެ. އަދި އަމުދުން ރާއްޖެއަކީ އިންޑިޔާ ކަނޑުގައި އޮންނަ އިންޑިޔާގެ އަވައްޓެރި ޤައުމެއް ކަމުން، ރާއްޖެ، އިންޑިޔާއަށް މުހިއްމުވެއެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އަދި އާބާދީގެ ގޮތުންވެސް ބޮޑު ޤައުމަކަށްވާތީ، އިންޑިޔާގެ ވެރިން ދެކެނީ ރާއްޖެ އޮންނަންޖެހޭނީ އިންޑިޔާގެ މުށުތެރޭގައި ކަމުގައެވެ. އެކަން މިދަނީ އެނގި ހާމަވަމުންނެވެ. ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދަކީ، ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުންނަމަ 89 އެކެވެ. މިއަދަދަށް ސިފައިން ތިބިއިރު، އަދި ރާއްޖެއިން އެ މީހުން ބޭލުމަށް މަސައްކަތް ކުރަމުންދާއިރު، އިންޑިޔާއިން ގަދަފައި ވިއްދާފައި ތިބޭ ތިބުމުން، ރާއްޖޭގެ މައްޗަށް ބާރުފޯރުވައި، ހަންފަތުރަން ބޭނުންވާކަން އެގިގެންދެއެވެ.

މިކަންކަމާހެދި، ސިޔާސީ ވާދަވެރިންނަށް ލިބުނީ ސިޔާސީ ކެއްކުންގަނޑު ކައްކާން ރަނގަޅު ފުރުޞަތެކެވެ. އެ ނޫހުގައި ޝާއިޢުކުރި ލިޔުން ސިޔާސީ ވާދަވެރިންނަށް މާ ކަމުގޮސްފިއެވެ. ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރާން ރަނގަޅު ސިޔާސީ މަންތިރިއަކަށް ވެއްޖެއެވެ. އިންޑިޔާއިން، ދިވެހިރާއްޖެއާއި، ރާއްޖޭގެ ސަރުކާރާ މެދު ހިތްހަމަ ނުޖެހިއްޖެކަން ދަައްކަން މިޤައުމުގެ ބަތާނާއިން ސިޔާސީ ހެލުންގަނޑެއް ހަލުވާލައިފިއެވެ. މިކަން ކުރަނީ އެކި ސިފަސިފައިގައެވެ. ވަގުތުގެ ނާޖާއިޒު ފައިދާ ހޯދަން، ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރާ ވާހަކަވެސް އަނެއްކާ ދައްކަން ފެށީއެވެ.

ސޯޝަލް މީޑިއާގައި މޯދީގެ އެފޮޓޯގަނޑު ދައުރުކުރަމުން ކުރަމުން ހޫނުކުރަމުން ހޫނުކުރަމުން، ދެގައުމުގެ އެކްޓިވިސްޓުންތަކެއް އެއަށް ކޮމެންޓްކުރަމުން ދިޔައެވެ. ސިޔާސީ ވާދަވެރިން ތިބީ މިކަމަށް ދަރުއަޅާށެވެ. ރާއްޖޭގެ ސަރުކާރުގައި ތިއްބެވި ސިޔާސީ އިސް ބޭފުޅުންކޮޅެއް އިންޑިޔާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް ނެގެޓިވްކޮމެންޓްތަކެއް ކުރިއެވެ. މިކަމާ ގުޅިގެން އެމީހުންގެ މަގާމްތަކުން ވަގުތީގޮތުން އިއްޔެ މިވަނީ ސަސްޕެންޑްކޮށްފައެވެ. އެކި މީހުންގެ ޖޯޝް ހުންނާނީ އެކިވަރަށެވެ. އިންޑިޔާ ސިފައިން މި ޤައުމުން ނުފައިބައިގެން އެކަމުގެ އުދާސްގަނޑުގައި ތިއްބާ މިފަދަ ހެލުންގަނޑެއް ހެލުވުމުން، ކެތްތެރިކަން ކޮޅުންލީކަމަށް ބެލެވެއެވެ. އެކަން އެވީ އެންމެ ރަނގަޅަކަށޭ ބުނާކަށް ނެތީމެވެ.

މި ސިޔާސީ ޒުވާން ކުދިންކޮޅު ހަވަރަށްދޭން ގޮވާލިއިރު، މިކަމާ ކަންބޮޑުވެގެން މޯދީ ވެސް ޓްވީޓެއް ކޮށްލީއެއް ނޫނެވެ. އިންޑިޔާ ސަރުކާރުންވެސް ރަސްމީކޮށް އެއްޗެއް ބުނީކީ ނޫނެވެ. އިންޑިޔާގެ ދަށުގައި އޮންނަ ލަކްޝައްދީބުގެ ރަށްތަކުގައި ރިޒޯޓް ހަދާކަމަށް އަޑުތައް ފެތުރިފައިވީ ނަމަވެސް، މީގެކުރިން ފަތުރުވެރިކަމުގެ މަންޒިލަކަށްވެގެން މީހަކު ވާހަކަދައްކާ އުޅުނީކީވެސް ނޫނެވެ. އިންޑިޔާގެ ބޮޑުވަޒީރު އެޤައުމުގެ ރަށަކަށް ވަޑައިގެން ރާއްޖޭގެ ރަށެއް ކަހަލަ ރަށެއްވީމައި، އެތާނގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގުމުގެ ވާހަކައެއް ދެއްކުމުން ދިވެހިރާއްޖެއާއި އެކަމާ ގުޅުވައިގެން ސިޔާސީ ކެއްކުންގަނޑެއް ކައްކާ ޑިޕްލޮމެޓިކް ބޮޑު މައްސަލަގަނޑަކަށް ހަދަން ޖެހޭކަމަކަށް ނުދެކެމެވެ. އެ ޒުވާން ކުދިންނަށް ގުޅާލައިގެން ޓްވީޓް ޑިލީޓްކޮށްލަންވެސް ބުނެވިދާނެ ނޫންތޯއެވެ؟ ނަމަވެސް ތިމާމެން ބޭނުންވީމައި ޒުވާން ކުދިންނަށް ބޮޑެތި މަޤާމުތައް ދޭންވެސް ގޮވެލިފަތި ގޮވާނެއެވެ.

ހިތާމައަކީ، ރާއްޖޭގެ ބައެއް ސިޔާސީ ބޭބޭފުޅުން، އެ ކުދިންނަށް ފިޔަވަޅު އަޅަންވެސް ގޮވާލީ އިންޑިޔާ އެމްބެސީ ޓެގްކޮށްފައެވެ. އެ ޓްވީޓްތައް އެގޮތަށް ނުކޮށް، ރައީސް ޑރ. މުޢިއްޒުއަށް ނުވަތަ ސަރުކާރުގެ އިސް އޮފިޝަލަކަށް ގުޅުއްވާލައްވައި، އެ މައްސަލަ ރަނގަޅު ގޮތަކަށް ޙައްލުކުރަން މަސައްކަތް ކުރެވިދާނެ ކަަމަށްވެސް ދެކެމެވެ. ކޮންމެ ބޭފުޅަކު މަޝްހޫރުވާންވެގެން ކުރަނީ ޓްވީޓެކެވެ. ސޯޝަލް މީޑިޔާގައި ޙިއްސާކުރަނީ ޕޯސްޓެކެވެ. ވާއެއް ނުވާއެއް ބަލާލަނީކީއެއް ނޫނެވެ. ތިރީގައި އެވާލިންކުގައި ޝެއަރކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާފައިވާ ޕޯސްޓެއްވެސް ނޫނެވެ. އަލިފާންގަނޑަށް ދަރުއަޅަނީއެވެ. ތެޔޮއަޅާ ހޫނުކުރަނީއެވެ.

އިންޑިޔާ ސިފައިން ދިވެހިރާއްޖެއިން ގެންދިއުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތަކީ ގެއްލުން ބޮޑު ސިޔާސަތެއްކަމަށް ދިވެހިންނަށް ވިސްނައިދޭން އިދިކޮޅު ޕާޓީ، އެމްޑީޕީން މަަސައްކަތްކުރަމުންދެއެވެ. އިންޑިޔާ އެންމެ ރުހޭނީވެސް އެވާހަކަ ދައްކައިގެންތާއެވެ.

ދިވެހިރާއްޖެ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އޮންނާނަކަށް ދުނިޔޭގެ ބާރުގަދަ ޤައުމުތަކުން ބޭނުމެއް ނުވާނެއެވެ. ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާ ހެދި، އަދި މިޤައުމަށް ދުނިޔޭގެ ރަންވަނަ ލިބޭތީ ޙަސަދަވެރިވާ ކިތަންމެ ބަޔަކު އުޅެއެވެ. ދިވެހިރާއްޖެއަށް ފަތުރުވެރިން ނާންނަން ގޮވާ އަބަދުވެސް ހަދާނެއެވެ. މާޒީގައި ފެންނަން އޮތީ، އެހެންގޮވާ ބައެއް މަޝްހޫރު ތަރިން އެތަކެއް ފަހަރު ރާއްޖެއަށް ޒިޔާރަތްކޮށް ހެދި ތަނެވެ.

ރޯވެގެން އުޅޭ އަލިފާންގަނޑު ނިއްވާލުމަށް ސަރުކާރުން އެވަނީ ފިޔަވަޅު އަޅާފައެވެ. ސަރުކާރުގެ މަގާމެއްގައި ހުރެ އިންޑިޔާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް ބަދުބަސް ބުނެވިގެން ނުވާނެކަން ސަރުކާރުން ޤަބޫލުކުރެއްވުމުން، އެކަން ކުރެއްވި މުވައްޒަފުންނާމެދު އެވަނީ ފިޔަވަޅު އަޅުއްވާފައެވެ. އެކަމަކުވެސް ހަމަ ކައްކަނީއެވެ. ސިޔާސީ ހެލުވުންގަނޑު ހަމަ ހަލުވަނީއެވެ.

އިންޑިޔާ ސަރުކާރުގެ އިސް އޮފިޝަލުން މީގެ ކުރިން ރާއްޖެއާ މެދު ފާޅުކޮށްފައިވާ ޝުއޫރުތައް ކަމުނުގޮސްގެން ބަހެއްވެސް ބުނެލަން ނުކުރެނެވެ. ރާއްޖޭގެ އެތެރޭގައި ވާހަކަދައްކައިގެން ޙައްލުކުރެވެގެން އޮތްކަމެއް ހޫނުކުރަނީ، ވަކި ސިޔާސީ މަޤްޞަދެއް ޙާސިލުކުރަންކަން މިދަނީ ފާޅުވަމުންނެވެ. ޤައުމަށް ހެޔޮ އެދޭނަމަ ޤައުމުގެ މީހުން ކޮށައި މަށައި ހަވަރަށް ދިނުމުގެ ކުރިން ޤައުމުގެ ޢަދުއްވުންގެ ވާހަކަ ދެއްކުން މާ އައުލާކަން ބޮޑެވެ. ފަލަސްޠީނުގެ އެތަކެއް އަޚުންނާއި އުޚުތުން ޝަހީދުކޮށް އެތަން ސުންނާފަތިކޮށް ހަދަމުންދާއިރު، މިވާހަކަ އެވަރަށް ދައްކަން ނުކުރެނީ ކީއްވެތޯއެވެ؟ ނުވަތަ އެވާހަކަ ނުދައްކަނީ ކީއްވެތޯއެވެ؟ ބަޔާންތައް ނުނެރެނީ ކީއްވެތޯއެވެ؟

ސިޔާސީ ވަކި ބަޔަކު އަދި ބޭނުންވިޔަސް ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވަނީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަށެވެ. 1970 އިގެ އަހަރުތަކުން ފެށި، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ދުނިޔޭގެ އެންމެ މަގުބޫލު ތަނަކަށްވީ އިންޑިޔާގެ ސަބަބަކުން ނޫނެވެ. އިންޑިޔާއިން ތަށިބަރި ގެނޭތޯ ބަލަން ދިވެހިނެއް ނުތިބޭނެއެވެ. އިންޑިޔާގެ ޓީވީޝޯތަކުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ އަބުރު ކަތިލައި، ނުވިތާކަށް ރާއްޖެހިފަން ގޮވައި ދިވެހިންނަކީ ތިމަންނާމެން ބޭނުހާ ގޮތަކަށް މޮޑެން ގެންގުޅޭ ފުއްގަނޑަކަށް ހަދަން ފުރުޞަތެއް ނުދޭނެއެވެ.

ވިޔަފާރީގައި ގެއްލުން ވާނީ އެއްކޮޅަކަށް ނޫނެވެ. ދެކޮޅަށްވެސް ގެއްލުންވާނެކަން ދިވެހިންނަށް އެނގެއެވެ. ސިޔާސީ ވަކި ބަޔަކު ބޭނުންވާ މަޤްޞަދެއް ޙާސިލުކުރުމަށް ދިވެހިން އެ ޖާދޫގައި ޖައްސަން ކުރާ މަސައްކަތް ދާނީ ފަނުފުލުންނެވެ. އިންޑިޔާ އާއި ރާއްޖެއަކީ ވިޔަފާރީގެ ގޮތުން އެތައް ގޮތަކުން ގުޅިފައިވާ ދެ ޤައުމެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި ދިޔައިރު އެކަމުގައި އިންޑިޔާ ފަތުރުވެރިންގެ މާ ބޮޑު ހިއްސާއެއްނެތެވެ. އެހެންނަމަވެސް، އެ ޤައުމުގެ ބައެއް އިންވެސްޓަރުން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެއާއެކު، އެ ދާއިރާގައި މިހާރު ވެސް ގިނަ އަދަދެއްގެ އިންޑިޔާ ރައްޔިތުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން، ބޮއިކޮޓްކުރަން ގޮވުމަކީ އިންޑިޔާއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމެކެވެ.

ރާއްޖޭގެ ބުކިންތައް ކެންސަލްވެއްޖެއޭ ކިޔައި ނަގައި ސިޔާސީ ބަޔަކު އަޑީގައި ތިބެގެން މިފަތުރަނީ މުޅިން ޙަޤީޤީ ވާހަކައެއް ނޫނެވެ. މި ސަރުކާރު ބަލިކަށިކޮށް، އިޤްތިޞާދު ފުންވަޅުގަނޑަކަށް ވައްޓާލަން ސިޔާސީ ވާދަވެރިން މި ކުޅޭ ކުޅިގަނޑު ދިވެހިން ދަނެއެވެ. ބޮއިކޮޓް ބޯޑު އަޅުއްވައިގެން ނޫނީ އެކަމަށް ހިތްވަރުދީ މި އުޅެނީ ދިވެހީންގެ ތެރެއިން ޤައުމަށް ހެޔޮ އެދޭ ބައެއް ނޫނެވެ. ތިޔަ ކައްކާ ކެއްކުންގަނޑު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގައި ނިއްވާލާނެ ކަމާމެދު ޝައްކެތް ނުއުފެދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު