Monday, 07 October 2024

ލަކްޝަދީބަށް މީހުން ގިނައިން ޒިޔާރަތް ކުރަން ފައްޔާޒު ބާރުއަޅައިފި

އިންޑިޔާގެ ލަކްޝަދީބަކީ ފަތުރުވެރިން ގިނައިން ޒިޔާރަތްކުރާ ތަނަކަށް ހެދުމަށް ވަކާލާތުކުރައްވާނެ ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އިންޑިޔާގެ "ސީއެންއެން ނިއުސް-18″ ޗެނަލަށް ދެއްވި ބަސްދީގަތުމެއްގައި، ލަކްޝަދީބުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އެއްވެސް ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ގަބޫލު ކުރައްވާތޯ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު މިފަދައިން ވިދާޅުވީ އިންޑިޔާގެ ލަކްޝަދީބަކީ ފަތުރުވެރިން ގިނައިން ޒިޔާރަތްކުރާ ތަނަކަށް ހެދުމަށް ވަކާލާތުކުރައްވާނެ ކަމަށެވެ.

"އަހަރެން ލަކްޝަދީބު އަށްދާން ވަރަށް ބޭނުންވޭ. އަހަރެން އަބަދުވެސް ލަކްޝަދީބަށް ދާން ބޭނުންވޭ. އަދި އެތަނަކީ މީހުން ގިނައިން ޒިޔާރަތް ކުރާ ތަނަކަށް ހަދާން އަހަރެން ވަކާލާތުވެސް ކުރާނަން. ހަގީގަތުގައި އިންޑިޔާގެ ލަކްޝަދީބާއި ދިވެހިރާއްޖެއާއި ގުޅިގެން، މަސައްކަތް ކޮށްފިނަމަ އެ ދެ ތަނުގެ ފަތުރުވެރިކަން ބާރަށް ކުރިއަރާ މަންޒަރު އަހަރެންނަށް އެބަފެނޭ. އޭގެ ސަބަބުން ދެ ގައުމަށް ވެސް ބޮޑު ފައިދާތަކެއް ވާނެ." ކުރީގެ އިިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، ލަކްޝަދީބަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ސީދާ ނުރައްކަލެއް ނޫން ކަމަށާއި،  ސުލްހަވެރި ވާދަވެރި ކަމަކީ އޭނާވެސް މަރުހަބާ ކިޔާ ކަމެއް ކަމަށާއި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެތަނަށް ޒިޔާރަތްކޮށް އެތަން ޕްރޮމޯޓް ކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

މޯދީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓުތަކާ ގުޅިގެން ރާއްޖެ ބޮއިކޮޓުކޮށް، ރާއްޖޭގެ ފަތުރުވެރިކަމާއި އިޤުތިޞާދު ފުނޑައިލަން ގޮވައިލި އިންޑިއާ މީހުން އެފަދައިން ގޮވައިލީ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުންކަމަށް ސިފަކުރައްވައި، ފައްޔާޒު ވިދާޅުވީ އެކަމާއި ގުޅިވައި ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުން ކުރެއްވީވެސް ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި އެފަދައިން ކަން ކުރި ދިވެހިންނަކީ ގަމާރުންކަމަށާއި، "ކްލައުނުން" ތަކެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އޭގެ ސަބަބުން ފަތުރުވެރިކަމަށް ކުރާނެ ނޭދެވޭ އަސަރާމެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާ އެހެންނަމަވެސް އޭނާ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާމެދު ކަމަށެވެ.

ފައްޔާޒު މިހެން ވިދާޅުވިއރު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބުގައި ޓޫރިޒަމް ފައްކާ ކުރުމަށް އެތަނަށް ވަޑައިގެން ނެންގެވި ވީޑިއޯއަކާއެކު އިންޑިއާގެ ބައެއް އެކްޓިވިސްޓުން ވަނީ ރާއްޖޭ ޓޫރިޒަމް ބޮއިކޮޓިން ކެމްޕޭނެއް ފަށާފައެވެ. މި ކެމްޕޭންއާ ގުޅިގެން ރާއްޖޭގެ ސޯޝަލް މީޑިއާގައި ގަދަޔަށް އަނގަތަޅާ ގިނަ ބަޔަކު ވަނީ މޯދީ އާއި އިންޑިއާއަށް ވަރަށް ހުތުރު ބަހުން ސޯޝަލް މީޑިއާގައި ލިޔެފައެވެ. މިގޮތަށް ވާހަކަ ދެއްކި މީހުންގެ ތެރޭގައި ސަރުކާރުގެ އިސް އޮފިޝަލުން ވެސް ހިމެނެ އެވެ. މި މައްސަލަ ހޫނުވެ އެންމެފަހުން އިންޑިއާގެ މަޝްހޫރު ތަރިން ވެސް ވަނީ މި މައްސަލައިގެ ތެރެއަށް ވަދެ ލަކްޝަދީބު ޕްރޮމޯޓްކޮށް ރާއްޖެއާ ދުރަށް އިންޑިއާގެ ޓޫރިސްޓުން ގެންދިއުމުގެ މަސައްކަތުގައި ބައިވެރިވެފަ އެވެ.

ލަކްޝަދީބު އަކީ އިންޑިޔާގެ ޔުނިއަން ޓެރިޓަރީ ތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު