ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދަވަން ކުރައްވާ މަސައްކަތަށް އެއްބާރުލުން ދެއްވާނެ ގާބިލް ބޭފުޅަކީ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަބްދުލްރަހީމް މިފަދައިން ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ގަލޮޅު ކަންމަތީގައި ބޭއްވި އާޒިމާގެ ކެމްޕެއިން ޖަލްސާގައެވެ.
ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ވައުދުތައް ފުއްދުމުގެ މަސައްކަތް ރަނުން ރަނަށް ކުރައްވާފައިކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. ނަމަވެސް ރައީސް މުއިއްޒުގެ މަސައްކަތްތަކަށް އެމްޑީޕީއިން ހުރަސް އަޅާކަމަށް ފާހަގަކޮށް، މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕަ މެޖޯރިޓީއަށް އަބްދުލްރަހީމް ފާޑު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވީ ފުށިދިއްގަރުފަޅު މަޝްރޫއުއެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ، ދައުލަތުގެ ބަޖެޓުގައި ހިމެނުމުން އެމްޑީޕީގެ މެޖޯރިޓީއިން އެ ފައިސާ އުނިކޮށްފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމްޑީޕިއަކީ ރައްޔިތުންނާއިމެދު ވިސްނާ ޕާޓީއެއް ނޫންކަމަށް ފާހަގަކޮށް އަބްދުލްރަހީމް ވިދާޅުވީ އެ ޕާޓީއިން ނެރޭ ކެންޑިޑޭޓަކަށް ވޯޓުދީގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނޯންނާނެކަމަށެވެ. ބަޖެޓު ނުދިނީކަމަށް ވިދާޅުވެ އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަކީ ރައީސް މުއިއްޒުއަށް އޮތް ޗޮއިސްއެއް ނަމަވެސް، އެމަނިކުފާނުގެ އޮތީ އިހުލާސްތެރި ނިޔަތެއްކަމަށް ވިދާޅުވިއެވެ. އަބްދުލްރަހީމް ވިދާޅުވި ގޮތުގައި އެއީ ރައްޔިތުންނަށް ހިދުމަތް ކުރުމެވެ.