ޗައިނާއަކީ ރާއްޖެއާ ޚާރިޖީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ގާތް އެއް ޤައުމު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ޗައިނާގެ ފޫޖިއަންގައި ފެށި "އިންވެސްޓް ފޯރަމް"ގައި ސައީދު ވިދާޅުވީ، އާ ސަރުކާރުން މިކަހަލަ ފޯރަމްތައް ބާއްވަނީ، އަމިއްލަ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދޭން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ފޯރަމެއްގެ ނަތީޖާ ފެންނާނީ، ވިޔަފާރިތައް ފެށި، އަމަލީގޮތުން އެކަންކަން ފެންނަން ފެށުމުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ޗައިނާއަކީ ރާއްޖެއާ ހާރިޖީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ގާތް އެއް ޤައުމު ކަމަށާއި، ދެ ގައުމު ގުޅިގެން އިޤްތިސާދީ ގޮތުން އާ ހަރުފަތްތަކަށް ދެވޭނެ ކަމަށެވެ.
ސަރުކާރުން އަބަދުވެސް އީޖާދީ ވިސްނުންތަކަށް މަރުހަބާ ކިޔާ، ވިޔަފާރީގެ އާ ކަންކަމަށް އިސްކަންދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެ އިން އިންތިޒާމު ކޮށްގެން ޗައިނާގައި އިއްޔެ ފެށި އިންވެސްޓް ފޯރަމްގައި 300 އަށް ވުރެ އެކި ވިޔަފާރިތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި އޭވިއޭޝަނާއި ޓްރެވެލް ޓޫރިޒަމާއި ރިއަލް އެސްޓޭޓާއި އިންޖިނިއަރިން، ކާގޯ އެންޑް ލޮޖިސްޓިކްސް އާއި ބޭންކިން އެންޑް ފައިނޭންސިން އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވިޔަފާރިވެރިން ހިމެނެއެވެ.
މި ފޯރަމްގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޓް އެގްރިމެންޓުގެ މައްޗައް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެގެންދާނެކަމަށާއި، އަދި ޚާއްޞަކޮށް ރާއްޖެއިން މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާ މިންވަރު އިތުރުވެގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެންމެ އިސްކަމެއް ދީގެން ހާޞިލްކުރަން ބޭނުންފުޅުވާކަމަކީވެސް މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ހޯދުންކަމަށެވެ.
އެއް ދުވަހުގެ މުއްދަތަށް ބާއްވާ ފޯރަމަށް ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިން ވެސް ވަނީ ޗައިނާ އަށް ގޮސްފައެވެ.