މަސްވެރިންގެ ގުންޒަރުގައި، ފައިލް ފޮޓޯ: ރައީސް އޮފީސް

ވަޢުދުވި ގޮތަށް، މަސްވެރިންނަށް 276 މިލިއަން ރުފިޔާ ދޫކޮށްފި

މި ސަރުކާރުން މަސްވެރިންނަށް ވި ވައުދާއި އެއްގޮތައް މަސްވެރިންނަށް ނުދެވި ހުރި 276 މިލިއަން ރުފިޔާ ދީ ހަލާސްކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބެއިޖިންގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، މަސްވެރިންނަށް ދޭންޖެހޭ 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދީ ހުރިކަމަށާއި، ނަމަވެސް ރައީސް ޑރ. މުޢިއްޒު އެންމެ މުހިންމު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަކީ މަސްވެރިންނަށް ނުދީ ހުރި ފައިސާ ވީހާވެސް އަވަހަކަށް ދީ ހަލާސްކުރުންކަމަށެވެ.

"ރައީސް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިހާތަނަށް މަސްވެރިންނަށް ދޫކުރެވިއްޖެ 276 މިލިއަން ރުފިޔާ. އަދިވެސް ނުދެވޭ ފައިސާ އެބަހުރި. އެންމެ ފަހުން މަސްވެރިންނަށް ފައިސާ ދޫކުރެވުމަށްފަހު ވަރަށް ގިނަ ދުވަސްވެއްޖެ ފައިސާ ނުދެވޭތާ. އެންމެ ފަހުން ފައިސާ ދެވިފައި މިއޮތީ 11 ނޮވެމްބަރާއި ހިސާބަށް. އެހެންވީމަ މިހާރު އަޅުގަނޑުމެންނަށް މި ހަލާސްކޮށްލެވެނީ 30 ނޮވެމްބަރާއި ހިސާބަށް. މާނައަކީ ނޮވެމްބަރ މަހާއި ހަމައަށް ދޭންޖެހޭ ފައިސާ." ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ވަޒީރު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ކެމްޕެއިންގެ ތެރެއިން މަހުގެ އަގަށް ވަރަށް ބޮޑު ބަދަލެއް ވަނީ ގެނެސްފައެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ދައުލަތުގެ ކޭޝް-ފްލޯ ވަރަށް ބޮޑަށް ދަށްވެފައިވާކަމަށެވެ. އެހެންނަމަވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަސްވެރިންނަށް ފައިސާ ދިނުން ހިމަނުއްވައިގެން ރައީސް އެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި،  ކުރީގައި 17 ރުފިޔާއަށް ވިއްކަމުން އައި މަހުގެ އަގު އޭރުގެ ސަރުކާރުން 25 ރުފިޔާއަށް ބަދަލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަގަށް މި ބަދަލު ގެންނެވީ ސަރުކާރަށް އާމްދަނީ ނުލިބި އަދި ހަމަ އެއާއިއެކު މިފްކޯގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ނުހޯދިކަމަށާއި މިއީ ދައުލަތައް އެކަމުގެ ބުރަ އުފުލަން ޖެހިފައިވާކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

"ދައުލަތުންވެސް ސަބްސިޑީގެ ގޮތުގައި މަސްވެރިންނަށް އެބަދޭ މިދިޔަ އަހަރު ބަޖެޓްކުރެވިފައި 250 މިލިއަން. އެހެންނަމަވެސް އެ ގެނެވުނު ބަދަލާއިއެކީގައި އިތުރު 250 މިލިއަނެއްހައި ރުފިޔާ އިތުރަށް ދޭންޖެހިފައި މިއޮތީ. އަންނަ އަހަރު 25 ރުފިޔާގައި އަގު ހުރެއްޖެނަމަ އަޅުގަނޑުމެންނަށް މި ގަބޫލުކުރެވެނީ ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ދޭންޖެހޭ. މިއީ އާމްދަނީ އިތުރުނުކޮށް ދައުލަތައް ކުރަން ވަރަށް އުނދަގޫ ކަމަކަށްވާނެ." ވަޒީރު ވިދާޅުވިއެވެ.

މަސްވެރިންނަށް ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ކޮށްދެއްވާނެ ސަރުކާރަކަށް މި ސަރުކާރު ވެގެންދާނެކަމަށާއި، މަސް ކިރުމަށްފަހު ވަގުތުން މަސްވެރިންނަށް ފައިސާ ދިނުމަކީ ރައީސްގެ ވައުދުފުޅެއްކަމަށާއި، އެ ވައުދުފުޅަކީ 5 އަހަރުގެ މި ދައުރުގައި އެމަނިކުފާނު ފުއްދަވާނެ ވައުދުފުޅެއްކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު