Friday, 11 October 2024

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ

ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށާއި، މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރަ އަލިވާނެކަމަށް ލަފާ ކުރެވެނީ އަންނަ އާދިއްތަ ދުވަހުކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހާރު ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކުރިއަށްއޮތް 3 ދުވަހު ވިއްސާރަކުރާނެ ކަމަށެވެ. އަދި މި 3 ދުވަހު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް އެ އިދާރާއިން ވިދަޅުވެއެވެ.

ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް މެޓް އޮފީހުން ވަނީ ހުދު ސަމާލުވެސް ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 11:30 އިން ފެށިގެން ހަވީރު 17:00 ގެ ނިޔަލަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ އިރުން މިހާރު އުފެދިފައިވާ ކޮޅިގަނޑު، ދަތުރުކުރަމުން ދަނީ ވަރަށް ލަސްކޮށްކަމަށާއި، އެހެންނަމަވެސް، އަންނަ އާދިއްތަދުވަހު މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށާއި، އުތުރާއި މެދުރާއްޖެތެރެއަށް މިއަދު ބޯކޮށް ވާރޭވެހޭނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެގޮތުން، އުތުރާއި މެދުރާއްޖެތެރެއަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނަކަށް ވައިޖެހޭނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އެހެންނަމަވެސް، ރާއްޖޭގެ ދެކުނަށް ވާއި އެހާ ގަދަނޫންކަމަށާއި، ދެކުނަށް ވައިޖެހޭނީ 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނަކަށްކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އުތުރާއި މެދުރާއްޖެ ތެރެއިން ރާޅު ބާނިތައް ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުކަމަށާއި، ރާއްޖޭގެ ދެކުނުން 2 ފޫޓާއި 4 ފޫޓާއި ދެމެދު ރާޅު ބާނިތައް ހުންނާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު