Saturday, 25 May 2024

ސްޓެލްކޯގެ އަލިމަސް ޔޫބިލްގެ ހަރަކާތްތައް ޕީއެސްއެމް މެދުވެރިކޮށް ގެނެސްދެނީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއަށް 75 އަހަރުފުރޭ އަލިމަސް ޔޫބިލް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތައް ޕަބްލިކް ސަރވިސް މީޑިއާ މެދުވެރިކޮށް ގެނެސްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީއެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރުއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ޕީއެސްއެމްއާއެކު ވެވުނު މި އެއްބަސްވުމަކީ އެކުންފުންޏަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ އެކި ހަރަކާތަކާ ކުންފުނީގެ މަސައްކަތްތަކާ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ޕީއެސްއެމް މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ވެވެނު އެއްބަސްވުމެއްކަމަށެވެ.

މިފަދަ އެއްބަސްވުމެއްގެ މައިގަނޑު ބޭނުމަކީ ސްޓެލްކޯގެ މަސައްކަތްތާއި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ވީހާވެސް ބޮޑަށް ތިލަވާނެ ފަދަ ގޮތަކަށް ޕީއެސްއެމް މެދުވެރިކޮށް ގެނެސްދިނުންކަމަށް ކަމަށާއި، އަލިމަސް ޔޫބީލްގެ ހަރަކާތަކަށް ތައްޔާރުވުމުގެ ގޮތުން ކޮމިޓީއެއް އެކުލަވާލާ މިހާރު މަސައްކަތް ކުރަމުންދާކަމަށް ފަހުމީ ވިދާޅުވިއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ކުޑަ ކުދިންނަށާއި، ސުކޫލް ކުދިންގެ އިތުރުން އާންމު ރައްޔިތުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވޭ ހަރަކާތްތައް ހިމެނޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޕީ.އެސް.އެމްގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ އެންމެ ބޮޑު އަމާޒަކަށްވާނީ އަލިމަސް ޔޫބީލުގެ ހަރަކާތްތަކުގެ އިތުރުން ސްޓެލްކޯގެ ކުރިމަގާއި، ކުރިއަށް ރޭވިފައި ހުރި ކަންކަމުގެ މަޢުލޫމާތު ވީހާވެސް ތަފްޞީލުކޮށް އާންމުންނާ ހަމައަށްގެނެސްދިނުން ކަމަށާއި، ކަރަންޓުގެ މަސައްކަތަކީ ވަރަށް ތަފާތު މަސައްކަތްތަކެއް ކަން ފާހަގަކުރައްވަމުން މި މަސައްކަތުގެ ފަހަތުގައި މަސައްކަތް ކުރާ ހިތްވަރުގަދަ ޓީމުން މި ކުރާ މަސައްކަތަކީ ކޮބައިކަން އާންމުންނަށް އަންގައިދޭންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމަޒަކީ ޑޮކިއުމަންޓްރީ ސިފައިގައި އަދި ތަފާތު ޕްރޮގްރާމްތައް މެދުވެރިކޮށް ވީހާވެސް ރަނގަޅަށް ރައްޔިތުންނާއި ހަމަޔައް ވީޑިއޯއާއި މައުލޫމާތު ގެނެސްދިނުން" ޒީނާ ވިދާޅުވިއެެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *