20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަ ކުރުމުގެ ފޯމު ހުށައެޅުން 30 ޖެނުއަރީގައި ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
މަޖިލީސް އިންތިޚާބު މާޗު 17 ގައި ބާއްވަން ނިންމާފައިވާއިރު، އެ ދުވަސް ދިމާވަނީ، މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފުތާއާއެވެ.
މާޗު 17 ވާ އާދިއްތަ ދުވަހު މަޖިލީސް އިންތިޚާބު ބާއްވަން ނިންމީ ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރުގެ ބަންދު ދުވަސްތަކެއް ގޮތުގައި މިހާރު ސަރުކާރުން ކަނޑައަޅާފައިވާތީ އިދާރާތަކާއި ގުޅިގެން ނިންމަން ޖެހޭ މަސައްކަތްތައް ނިންމުމުގައި ދަތިތައް ކުރިމަތިވެދާތީކަމަށް އީސީއިން ވިދާޅުވެއެވެ.
ރޯދަ މަހުގެ ފަހުގެ ތާރީޚެއްގައި އިންތިޚާބު ބާއްވަން އިދާރީގޮތުން ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، ދިރާސީ ކަލަންޑަރުގައިވާގޮތުން ޢީދު ބަންދަށް ފަހު ފެށޭ ހަފުތާއަކީ ސްކޫލުތަކުގެ އިމްތިހާނު ދުވަސްތަކަކަށް ވާތީ، އެކަށިގެންވާ އަދަދަށް ވޯޓުލާ މަރުކަޒުތައް ހޯދުމުގައި ވެސް ދަތިތައް ކުރިމަތިވާނެކަމަށް އީސީން ވިދާޅުވެއެވެ.
މަޖިލީސް އިންތިހާބު ބާއްވާނެ ތާރީހު މިހާރު ކަނޑައަޅާފައިވީ ނަމަވެސް މިކަމުގައި އީސީގެ ވިސްނުމާއި، މަޖިލީހުގެ މިނިވަން މުއައްްސަސާތަކާ ބެހޭ ކޮމިޓީ ވިސްނުން ތަފާތުވެއެވެ.
މަޖިލިސް އިންތިހާބުގެ ވޯޓުލުން ރޯދަ މަހުގެ ފަހުން ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން، ކޮމިޓީއިން ފާސްކުރި ނަމަވެސް އިންތިހާބު ރޯދައަށްފަހު ބާއްވާނަމަ ދަތިތަކެއް ދިމާވާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިކަމާއި ގުޅިގެން ކޮމިޓީގައި ވިދާޅުވީ، އެ ކޮމިޝަނުން އެންމެ ފުރަތަމަ ވެސް އެދުނީ މަޖިލީހުން ގާނޫނު ބަދަލުކުރެވޭނެތޯ އަދި ގާނޫނަށް ބަދަލެއް ގެނެސް މަޖިލިސް އިންތިޚާބު އަވަސްކުރެވޭނެ ގޮތެއް އޮތްތޯކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި އެ ކޮމިޝަނުން ގާނޫނާ ހިލާފަށް ކަމެއް ކުރަން އުޅުން ނޫން ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ. ފުއާދުގެ މި ވާހަކައާއި ގުޅިގެން ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލިސް އިންތިހާބު އަވަސްކުރާނަމަ ކެންޑިޑޭޓުންނަށް ކެމްޕޭނުކުރުމަށް ލިބޭ ވަގުތު ކުޑަ ވާނެކަމަށެވެ.
ޤާނޫނު އަސާސީގައި ވާގޮތުން މަޖިލިސް މެންބަރުންގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަންޖެހެއެވެ. މިހާރު ކުރިއަށްދާ 19 ވަނަ މަޖިލިސް އިންތިހާބުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުއެވެ.