Saturday, 22 June 2024

ތިޔަހެން ނަހައްދަވާށެ އިނގޭތޯ ވެރީ ސޮރީ؛ ތިބާގެ އުނގުގައި އޮވެވޭކަށްނެތް

މިއީ ދިވެހިރާއްޖޭގެ ދުލުން ބުނެދޭ ނިދާއެވެ. އަހަރެންނަކީ ނަލަ ރީތި ސާފު މަންޒަރު ހިތާއި ރޫޙަށް ދިރުން ދޭ ދިވެހިރާއްޖެއެވެ. އަހަރެންނަކީ ތިބާއަށްވެސް ޤުދުރަތުގެ މަތިވެރި ހަދިޔާއެކެވެ. އަހަރެންގެ ފުށުން ފެންނަ ކޮންމެ މަންޒަރެއް ސިފަވާނީ، މަލަ ޗާލު ކުދި ޖަޒީރާއިން ހިތްތައް ފުރާލާ ބީދައިންނެވެ. އިރުއަރާ އިރު އޮއްސޭ ހިނދު ހިތަށް ގެނުވާނީ އާދަޔާ ޚިލާފު އުފާވެރި އިޙްސާސްތަކެވެ. އިރު އުދަވަމުން ދާއިރު ފެންނާނީ ރަންރިހި ކުލައިގެ އުދަރެހެވެ. މިއީ ހިމޭން މަންޒިލެވެ. ދިރުމާ އުފާ ލިބޭނެ މަންޒިލެވެ. ފެހި ޖަޒީރާ ހުދު ދޮންވެލީގެ ރީތި ގޮނޑުދޮށްތަކުން އިއްވައިދޭނީ ނާނާއެވެ. ހިމޭންކަމުގެ ރާޅުބާނި ބީހިލާ ނާނާއެވެ. އެއީ ހިތަށް އުފާވެރި ޝުޢޫރުތައް ގެނުވާ މިއުޒިކެވެ. ހިމޭންކަމުގެ މިއުޒިކެވެ.

އަހަރެން މިއީ އެހާވެސް ހިތްފަސޭހަތަނެކެވެ. ތިބާވެސް އަހަރެންގެ ދާނުން ހިތްއުފާ ހާސިލުކުރެވިދާނެއެވެ. އެކަމަކު ވަކި ހުދޫދެއް ވެއެވެ. އެ ހުދޫދުގައި ތިބާ އުޅެން ބޭނުން ނުވަނީ ކީއްވެ ހެއްޔެވެ؟

އާނ! އަހަރެންނަށް މިހާރު ވިސްނިއްޖެއެވެ. އެކި ފަރާތްތަކުން ބުނަމުންދާ ވާހަކަތަކުގެ އަޑު އަހަރެންނަށް ތަކުރާރުކޮށް އިވިއްޖެއެވެ. ތިބާ ތިޔަ އުޅެނީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. އަހަރެންގެވެސް ސިޔާސަތެއްވެއެވެ. ދާޚިލީ ހަމަތަކެއް ވެއެވެ. ގެންގުޅޭ އުސޫލުތަކެއް ވެއެވެ. އަހަރެން ގެންގުޅޭ ދާޚިލީ ސިޔާސީ އަދި މުއައްސަސީ އިންތިޒާމުތަކާ ބެހި، އަހަރެންގެ ހަމަޖެހުން ނަގައިލުމަށް ތިބާ މަސައްކަތްކުރަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. ތިބާ ތިޔަ ބާރުއަޅަމުން ދަނީ އަހަރެންގެ ކަންކަމުގެ ތެރެއަށް ވަދެގަތުމުގެ ވިސްނުމަކަށް ކަން މިއަދު ޔަޤީންވާ ހިސާބަށް ކަންކަން ގޮސްފިއެވެ.

ތިބާގެ ބާރު އޮންނަ މީޑިއާތައް މެދުވެރިކޮށް، އަހަރެންނާއި އަހަރެން ލޯބިވާ މީހުންނަށް ބިރުވެރިކަމާއި ނާމާންކަން އުފެއްދުމަށް މަސައްކަތް ކުރާކަން މިދަނީ ހާމަވަމުންނެވެ. އަހަރެންނާމެދު އަސްކަރީ ފިޔަވަޅުއެޅުމަށް ގޮވަލަމުންދަނީ ތިބާއަށް ނިސްބަތްވާ އެތައް ބައެކެވެ. ބާރު ހުރި ފަރާތްތަކެވެ. ތިބާ ބާރު ހިނގާ ޓީވީތަކަށް ބާރު ހުރި ފަރާތްތައް އަރުވައިގެން އަހަރެންނާ މެދު އަސްކަރީ ފިޔަވަޅުއެޅުމަށް ގޮވައިލަނީ މަދެއްކޮށް ނޫނެވެ. ތިބާ ތިޔަ ދައްކަނީ ހަމަ ބިރެވެ. ތިޔަ ބިރަށް އަހަރެން ހަމަ ސިހެންވީ ހެއްޔެވެ؟

ތިބާގެ ބެލުމުގެ ދަށުގައި އޮންނަ މަނަވަރުތަކާއި އަސްކަރީ ބޯޓުފަހަރު ބޭނުންކޮށްގެން، ކަނޑުގެ މަގުން އަހަރެންގެ އަތްފައި ބަނދެ އަޅުވެތިކުރަން ޕެނަލިސްޓުން މެދުވެރިކޮށް ގޮވާލަމުންދާއިރު، އަހަރެންނަކީވެސް މިނިވަނެއްކަން ތިބާއަށް ނޭނގުމަކީ ހާދަހާވާ ދެރަކަމެކެވެ. ތިބާ ޚަރަދުކޮށްގެން ހިންގާ ޗެނަލުތަކުންވެސް ފެންނަނީ އެ ނާތަހުޒީބު މަންޒަރުތަކެވެ. އިވެނީ ގޮތެއް ނެތް ވާހަކަތަކެވެ.

އަހަރެންނަށްވެސް އަހަރެން ބޭނުންވާ މީހަކާ ވާހަކަ ދެއްކެން ވާނެއެވެ. ގުޅުން ބޭއްވެންވާނެއެވެ. އެހެން މީހުންނާ އަބަދު ރުޅި ހަދައިގެން އުޅޭނީ ކިހިނެތް ހެއްޔެވެ؟ އަހަރެންނާ ތިބާ މަޝްވަރާކުރަން ބޭނުންނުވާ ސަބަބެއް އަޅެ ބުނެބަލާށެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި، އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ޙައްލުކުރެވޭނީ ވާހަކަ ދައްކައިގެންނެވެ. އަހަރެން އަބަދުވެސް ބުނަމުން މިދަނީ އަހަރެންނާ މެދު އަބަދުވެސް ގުޅުން ބޭއްވޭނެ ކަމުގައެވެ. އެކަމަކު އަހަރެން ހިފަހައްޓަމުންދާ އަސާސްތަކަށް ތިބާވެސް އިޙްތިރާމް ކުރަންވާނެއެވެ.

ތިބާ އަހަރެންގެ ބޮލުގައި ތިޔަ އަޅުވާ ތުހުމަތުތަކަށް އަހަރެން އިންކާރުކުރަމެވެ. އަހަރެންނަކީ އަހަރެންނެވެ. އަހަރެންނަކީ ހަމަ މި ދީބެވެ. އެކަމަށް ބަދަލެއް ނާންނާނެއެވެ. ތިބާގެ ބާރާއި ނުފޫޒުން މިހާރު ބައިނަލްއަޤްވާމީ މީޑިޔާގައި އަހަރެން ސިފަކުރަމުން ތިޔަ ދަނީ މުޅިން ރޯ ގޯސްކޮށެވެ. ތިޔަ އޮޅުވާލަނީއެވެ. އަހަރެންނަކީ "ޕްރޯ ޗައިނާ" އެއް ނޫނެވެ. ޝައްކުގެ ނަޒަރުން ތިޔަ ބަލަނީ ކާކުގެ އިޝާރާތަކަށް ބާއޭ ހިތަށް އަރައެވެ. ހަނދާން ބަހައްޓާށެވެ. ގާތްވި ވަރަކަށް ގާތްވާން އަހަރެންނަށްވެސް އެނގޭނެއެވެ. އެހެންނަމަވެސް އެ ގާތްކަމަކީ އަހަރެންގެ އަސާސްތައް ދޫކޮށް ތިބާގެ އުނގުގައި އޮންނަންޖެހޭ ސަބަބެއް ނޫނެވެ.

ތިބާއަށް އަހަރެންނަށް އެހީތެރިވެވިދާނެއެވެ. އެހެންނަމަވެސް އެ އެހީތެރިކަމަކީ އަހަރެން ތިބާއަށް އަޅުދާސްކުރާ ކަމަކަށް ހަދައިގެން ނުވާނެއެވެ. އަހަރެންނަށްވެސް ހިންދެމިލެވެން ޖެހޭނެއެވެ. މިނިވަންކަމާއެކު ހަމަ ނޭވާއެއް ލެވެންޖެހޭނެއެވެ. އަހަރެންގެ ކަރުގައި ހިފައި ނޭވާ ހާސްކުރަން ތިޔަ ކުރާ މަސައްކަތް ހުއްޓާލާށެވެ. ކިތަންމެ ވަރަކަށް ބިރު ދެއްކިއަށް އެދޭ ކޮންމެ ކަމެއް ތިބާއަކަސް ކޮށްދެވޭކަށް ނެތެވެ.

ސާފު ދިވެހި ބަހުން ބުނަަމެވެ. ދިވެހިރާއްޖެއަކީވެސް މިނިވަން މުސްތަޤިއްލު ޤައުމެކެވެ. އިންޑިޔާ ބުނާހާ ގޮތަކަށް ރިހަ ކެއްކޭކަށް ނެތެވެ. ރަހަތައް ހެޔޮވަރުކުރެވޭކަށް ނެތެވެ. ދިވެހިން ތިބެންޖެހޭނީ އިންޑިޔާގެ ދަށުގައޭ ބުނެ ތިޔަ އިއްވަނީ ނާތަހުޒީބު މިއުޒިކެކެވެ. ތިޔަ މިއުޒިކުގައި އަސަރެއް ނެތެވެ. އުފެދެނީ ނަފުރަތެވެ. އިންޑިޔާއަށް ވުރެ ދިވެހިރާއްޖެ ކުޑަޔަސް ބުނާ ކޮންމެ ކަމެއް ކުރަން އިންޑިޔާގެ އުނގުގައި އޮވެވޭކަށް ނެތެވެ. ތިޔަހެން ނަހައްދަވާށެ އިނގޭތޯ ވެރީ ސޮރީ!

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު