Thursday, 20 June 2024

ޗައިނާގެ ބެއިޖިންގގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާގެ ބެއިޖިންގގައި ދިރިއުޅޭ ދިވެހިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އެކަމާ އުފާ ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މިބައްދަލުކުރެއްވުމުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ބައިވެރިވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރިވަރުން ބޭރު ޤައުމެއްގައި ކިޔަވަމުންދާއިރު ކުރިމަތިވާ ދަތިތަކާއި، އެކުދިންގެ ތަޖުރިބާއާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ.

ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބޭރު ޤައުމުތަކުން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިބައްދަލުކުރެއްވުމުގައި ބައިވެރިވި ފަރާތްތަކުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޙައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު