ރައީސް އެދިވަޑައިގަތީ މޭޔަރު އިންތިޚާބުގައި ސަރުކާރަށް އެއްބާރުލުންދޭނެ ކެންޑިޑޭޓެއް ޚިޔާރުކުރެއްވުމަށް

ކުރިއަށްއޮތް މާލޭ މޭޔަރު ބައި-އިލެކްޝަންގައި ސަރުކާރަށް އެއްބާރުލުންދޭނެ، ކެންޑިޑޭޓެއް ޚިޔާރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލޭގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ މޭޔަރު ބައި-އިލެކްޝަނާ ގުޅޭގޮތުން ޗައިނާގައި ހުންނަވާ ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު، އޭރުގެ ސަރުކާރުން އެއްބާރުލުންނުދީގެން ވަރަށް ގިނަ ކަންތައްތަކެއް މާލޭގެ ރައްޔިތުންނަށް ނުވެފައިހުރި ކަމަށެވެ. އަދި މާޒީގައިވެސް ފެނިފައިވަނީ ސަރުކާރާއި ދެކޮޅު ކެންޑިޑޭޓަކު ހޮވައިފިނަމަ، މާލޭގެ ރައްޔިތުންނަށް ހިތި މަންޒަރުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ކަން ފާހަގަކުރައްވަމުން މި މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ސަރުކާރުން ވިސްނަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށާއި، އެހެންކަމުން މޭޔަރަކު އިންތިޚާބުކުރުމަށް ވޯޓުދެއްވާއިރު، ވިސްނަވާފާ ވޯޓު ދެއްވުމަކީ ވަރަށް މުހިންމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގެ ތަރައްޤީއަށްޓަކައި ރައްޔިތުން އެދިވަޑައިންނަވާ އެންމެ މުހިންމު ކަންކަން، ސަރުކާރާއި ގުޅިގެން، ސަރުކާރާއި ރައްޔިތުންގެ މެދުވެރިއަކަށްވާ ރައްޔިތުންގެ ފަރާތުން ހުންނަވާ، ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނާއި ގުޅިގެން ތަންފީޒްކޮށްދެއްވާނެ މޭޔަރަކު ހޮވުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންވާ ކަމެއްކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މޭޔަރު އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 3 އަލްއުސްތާޛާ ޢާޒިމާ ޝަކޫރަކީ އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތް ކެންޑިޑޭޓެއްކަމަށާއި، އެމަނިކުފާނު މާލޭގެ ސަރަޙައްދަށް ގެންގުޅުއްވާ ތަޞައްވުރު ތަންފީޒުކުރުމުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކެންޑިޑޭޓަކީވެސް ޢާޒިމާ ޝަކޫރުކަމަށް ރައީސް ވިދާޅުވިއެވެ.

މި މޭރުމުން ދެއްވި މެސެޖުގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ވަޢުދުވެވަޑައިގެންގޮތަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރައްވާފައިކަމަށާއި، ހުޅުމާލޭގައި އުޅޭ ރައްޔިތުންނަށްވެސް، ހުޅުމާލޭގައި ހުރި މައްސަލަތަކަށް ހައްލެއް ލިބިގެންދާނީ ސަރުކާރާއި އެއްކޮށް މަސައްކަތްކުރާނެ ކެންޑިޑޭޓެއް ހޮވިގެން ކަމަށެވެ.

ހަމައެހެންމެ، ވިލިމާލެއަށް ބަލައިލިނަމަވެސް، އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު، އޭރުގެ ސަރުކާރުން އެއްބާރުލުންނުދީގެން ނުކޮށްދެވި ހުރި ވަރަށް ގިނަ ކަންތައްތައް، ރައީސްކަމަށް ހޮވިވަޑައިގަތުމާއެކު ކޮށްދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ވިލިމާލޭ ފަޅުގައި އަޅާފައިހުރި ތެޔޮ ބޯޓުތައް ފަޅުން ނެރުމާއި، 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ވިލިމާލޭގައި އެޅުމުގެ އެއްބަސްވުމެއްގައި މިހާރު ސޮއިކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ވިލިމާލޭގެ ރައްޔިތުންވެސް، ވިލިމާލެއަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ތަންފީޒުކުރައްވާނެ މޭޔަރަކު ހޮވުމަކީ މުހިންމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށްއޮތް މާލޭ މޭޔަރު ބައި-އިލެކްޝަންގައި ސަރުކާރަށް އެއްބާރުލުންދޭނެ، ކެންޑިޑޭޓެއް ޚިޔާރުކުރެއްވުމަށް އެދި ވަޑައިގެން ފޮނުއްވި މެސެޖު ނިންމަވާލައްވަމުން، ރައީސް ވިދާޅުވީ، މާލޭގެ ރައްޔިތުން މޭޔަރަކު އިންތިޚާބު ކުރައްވާއިރު، ސަރުކާރަށް އެއްބާރުލުންދެއްވާނެ މާލެއަށް ފައިދާހުރި ކެންޑިޑޭޓަކު ހޮވައްވާނެކަމަށް އެމަނިކުފާނު ޔަޤީން ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނަށް މާލޭގެ ރައްޔިތުންގެ އިތުރުން ހުރިހާ ދިވެހި ރައްޔިތުން ކުރެއްވި އިތުބާރަށް ރައީސް ޑރ. މުޢިއްޒު ޝުކުރު އަދާކުރެއްވިއެވެ. ދިވެހި ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ އިސްސާފުވެރިކަމާއެކު ޚިދުމަތްކުރުމުގައި ދެމިހުންނަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *