12 ފެބުރުވަރީ 2025

މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ވަބާއަކީ މަސްތުވާތަކެތީގެ ވަބާ: ޚުޠުބާ

މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ވަބާއަކީ މަސްތުވާތަކެތީގެ ވަބާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މަޢުޟޫއަކީ "މަސްތުވާ ތަކެތީގެ ނުރައްކާ"އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި އިއްވި މިއަދުގެ ހުކުރު ހުތުބާގައިބުނީ މާތް ﷲ އުފެއްދެވިހާ މަޚްލުޤުންގެ ތެރެއިން އިންސާނާ މާތްކުރެއްވީ އެބައިމީހުންނަށް ބުއްދިއާއި ވިސްނުން ދެއްވުމުންކަމަށެވެ.

ބުއްދި ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެމުހިންމު މަޤްސަދުތަކުގެ ތެރޭގައި ލައްވަވާފައިވާ ކަމެއްކަން ބަޔާންކުރައްވައި އެކަމަށް ރައްކާތެރިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައިވެއެވެ.

މަސްތުވާ ތަކެއްޗަކީ ހަމަ ބުއްދިއާއި ހެޔޮ ވިސްނުމުން އިންސާނާ އެއްކިބާކޮށްލާ އެއްޗެއްކަން ފާހަގަކުރައްވައި ޚުތުބާގައި ވިދާޅުވެފައިވަނީ، މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ވަބާއަކީ މަސްތުވާތަކެތީގެ ވަބާކަން ރައްޔިތުންނަށް ހަނދާންކޮށްދެއްވާފައެވެ.

މަސްތުވާތަކެތި ބޭނުންކުރަން ފެށުމުން ހަށިގަނޑުގައިވާ އެންމެ ހިމަ ނާރުތަކަށް އޭގެ ވިހަ އަސަރުކުރާކަމާއި ފަހުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލި ނަމަވެސް، އީމާންކަން ބަލިކަށި މީހުން އަލުން އޭގެ ނުރައްކަލަށް ހުށަހެޅޭކަން ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު ދިވެހި މުޖުތަމައަށް ދިމާވެފައިވާ އެންމެ ބޮޑު ވަބާއަކީ މަސްތުވާތަކެތީގެ ވަބާކަން ހާމަކުރަމުން ހުތުބާގައިވަނީ މަސްތުވާތަކެއްޗަކީ ހުރިހާ ނުބައެއްގެ އަސްލުކަމަށް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ސަބަބުން ދިވެހި މުޖުތަމައުގައި ފޭރުމާއި، ވައްކަންކުރުން އިތުރުވެފައިވާކަމަށް ހުތުބާގައި ކިޔައިދެއްވިއެވެ. މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތަށް ހުރި ނުރައްކަލެއްކަމާއި މިރާއްޖޭގެ ގިނަ ޢަދަދެއްގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވުމަކީ އިންތިހާދަރަޖައަށް ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ޚުޠުބަގައި ވިދާޅުވެފައިވެއެވެ. މަސްތުވާތަކެތީގެ ނުރައްކަލުގެ ތެރެއަށް ވެއްޓުމަކީ އޭގެސަބަބުން އަމިއްލަ އަތުން އަމިއްލަ ހަށިގަނޑު ހަލާކުގެތެރެއަށް ވައްޓާލުންކަން ބަޔާންކުރައްވާފައިވެއެވެ. އަދި ތަކުރާރުކޮށް މިމަންޒަރު ރާއްޖޭގެ މުޖުތަމައުން ފެންނަކަމީ ހިތާމަހުރިކަމެއްކަމުގައި ވިދާޅުވެފައިވެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ހަމަކަށަވަރުން ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައިވާ ބުދުތަކާއި، ނަސީބު ހުރިގޮތް ބެލުމަށް ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިތާނާގެ އަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ. އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބިގަތުމަށްޓަކައެވެ. ޝައިތާނާ އެދޭކަން ކަށަވަރީ ރާއާއި، ޖުވާގެ ސަބަބުން ތިޔަބައިމީހުންގެ މެދުގައި އަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި ނަމާދުކުރުމަށް ހުރަސްއެޅުމަށެވެ. ފަހެ ތިޔަބައިމީހުން އެކަންތައްތައް ހުއްޓާލާށެވެ". ޚުޠުބާގައި ވިދާޅުވިއެވެ.

މަސްތުވާތަކެއްޗަކީ އެހެން ހުރިހާ ފާފައަކަށް އަރައިގަތުމުގެ އަސްލުކަން ބަޔާންކުރައްވައި ޚުޠުބާގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

"މަސްތުވާތަކެތި ބޭނުންކުރާ ބައެއް މީހުންނަކީ ވަޒީފާ އަދާކުރެވޭ ވަރުގެ ބައެއް ނޫނެވެ. އެމީހުންނަށް ވަޒީފާ ދިނުމަށްވެސް މީހުން ފަސްޖެހެއެވެ. އަދި އެއިން މީހަކަށް މަސައްކަތެއްކޮށްގެން ލިބޭ އެއްޗެއްވެސް ހޭދަކުރަން މިޖެހެނީ، ތިބާއާއިި ތިބާގެ އަނބިމީހާއާއި ދަރިންގެ ލަާބައާއި މަންފާގެ ބަދަލުގައި އަމިއްލަ ހަށިގަނޑުގެ ހަލާކަށެވެ. އެހެންކަމުން މަސްތުވާތަކެތީގެ އަވާގައި ޖެހުމަށްވުރެ ވަކިން ބޮޑު ނުރައްކަލެއް އޮންނާނެހެއްޔެވެ؟" ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ނިކުތުމަށާއި ރާއްޖެ ފަދަ ގައުމެއްގައި މަސްތުވާތަކެތީގެ ކަންކަމުގައި މަސްޣޫލުވާ މީހުންނަށް ހަރުކަށި އުޤޫބާތެއް ކަނޑައެޅުން މުހިންމުކަމަށެވެ. އެގޮތުން ތަފާތު ވަސީލަތްތައް ބޭނުންކޮށް އެންމެން ގުޅިގެން ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް މަސައްކަތްކުރަންޖެހޭކަމަށް ޚުތުބާގައި އިލްތިމާސްކުރެއްވިއެވެ.

""އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ގަތުލުނުކުރާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ރަޙީމްވަންތަ ރަސްކަލާނގެކަމުގައި ﷲ ވޮޑިގެންވެއެވެ". ޚުޠުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ ފައިދާހުރި ރަނގަޅުތަކެއްޗާއި ގެއްލުންހުރި ތަކެތި ދުނިޔެމަތީގައި ލައްވާފައިވަނީ މަތިވެރި ޙިކުމަތަކަށްޓަކައި ކަމަށާއި، އިންސާނާގެ ހަށިގަނޑަށް ގެއްލުންވާ ތަކެތީގެ ތެރެއިން ދިޔާ އެއްޗެއް، ހިކި އެއްޗެއް، ދުމެއް، އިނޖެކްޝަނެއް، ކެޕްސޫލެއް ނުވަތަ އެހެން ޒާތަކަށް ހުރި އެއްޗެއް ކަމުގައި ވިޔަސް އޭގެ ސަބަބުން އިންސާނާގެ ހަމަ ބުއްދި ފިލާ ދާ ކޮންމެ އެއްޗަކީ މަސްތުވާތަކެތިކަން ޚުތުބާގައި ބަޔާންކުރައްވާފައިވެއެވެ.

މަސްތުވާތަކެތީގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި އެތަކެތި ބޭނުންކުރާ މީހުންނަށް އެކަނި ނޫންކަމާއި އޭގެ ސަބަބުން އާއިލާއަށާއި މުޅި މުޖުތަމައަށާއި މުޅި އުންމަތަށް އެތައް ގެއްލުމަކާއި ނުރައްކަލެއް ކުރިމަތިވާކަން މިއަދުގެ ހުކުރު ޚުތުބާގައި ފާހަގަކުރައްވާފައިވެއެވެ.

ހުތުބާ ނިންމާލަމުން، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ވަރުގަދަ އަޒުމާއިއެކު އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެގެން މަސައްކަތްކުރުމަށް ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު