މުދަލު ޒަކާތުގެ ނިސާބު ދަށްވެއްޖެ

މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރަށް ކަނޑައެޅި މުދަލު ޒަކާތުގެ ނިސާބު ދަށްވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އެ މިނިސްޓްރީން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 7،140ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅާފައިވާ އިރު، މިދިޔަ މެއި މަހު ނިސާބު ކަނޑައެޅީ 7،312.55ރ. އަށެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެ އެވެ. ޕަސެންޓްގެ ގޮތުން ބަލާ ނަމަ އެއީ 2.5 ޕަސެންޓެވެ.

ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. އަދި މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށް މިނިސްޓްރީން ކުރިން ހާމަކުރައްވާފައިވެއެވެ،

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ޖުމްލަ ފައިސާގެ އަދަދު މިނިސްޓްރީން އަދި ހާމަނުކުރިޔަސް، މިދިޔަ ޖުލައި މަހު އެ ފައިސާގެ ތެރެއިން 26.8 މިލިއަން ރުފިޔާ ވަނީ ބަހައިފައެވެ. އެއީ ފަގީރުންގެ ލިސްޓުގައި ހިމެނޭ 7،657 މީހަކަށް، ބޮލަކަށް 3،500ރ. ގެ މަގުން ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިސަރުކަރުން ވަނީ ޒަކާތުގެ އެންމެ ޙައްޤުވެރިންނަށް ޙައްޤު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް އާ ސަރުކާރުން ވަނީ އުފައްދައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު