Saturday, 15 June 2024

ގްރޭޑް 8ގެ ދަރިވަރުންނަށް ގެންނަން ނިންމީ ރަނގަޅު ބަދަލެއް، ނަތީޖާ ނެރެވޭނެ: ޑރ. ޙަސަން ޙަމީދު

މި އަހަރު ގްރޭޑް އަށެއްގައި ކިޔަވާ ދަރިވަރުން އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި އޯ ލެވެލް ހަދަން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ޙަސަން ޙަމީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު، އަހަރުގެ މެދު ތެރެއިން ކިޔެވުން ފަށާ ގޮތަށް މިހާރު އޮތް އޮތުން ބަދަލުކޮށް 2026 އިން ފެށިގެން ދިރާސީ އަހަރު ޖެނުއަރީގައި ފަށަން މި ސަޔުކާރުން ވަނީ ނިންމައިފައެވެ. މިގޮތަށް ބަދަލުކުރާތީ ގްރޭޑް 8 ގައި ކިޔަވާ ކުދިން، އަންނަ ހަފުތާ އިން ފެށިގެން އޯލެވެލް ސިލަބަސް ކިޔަވަން ފަށާއިރު، އަންނަ އަހަރު ފަހުކޮޅު އޯ ލެވެލް އިމްތިހާނު ވެސް ހަދާނެއެވެ.

ޑރ. ހަސަން ޙަމީދު "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޯލެވެލް އަކީ ދެ އަހަރު ދުވަހުގެ ކޯހެއް ކަމަށާއި، ކުދިން ކިޔެވުމަށް ދެ އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ލިބުނު ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށެވެ.

"އެކަމަކު ޖެހޭނެ ތަންކޮޅެއް އިންޓެންސިވްކޮށް ޖައްސަން. އަޅުގަނޑު އެހެން މި ދަންނަވާ ސަބަބަކީ ބޭރު ގައުމުތަކުގައި ބައެއް ގައުމުތަކުގައި އެބަހުރި 11 މާއްދާ 15 މާއްދާ ހަދާ ކުދިން ވެސް. އެ ކުދިންނަށް ދެ އަހަރުން އެވަރަށް މާއްދާ ހަދާ ކަމަށް ވާ ނަމަ، ރާއްޖޭގައި މި ހަދަނީ އަށް މާއްދާ. އަށް މާއްދާ ހަދަން މާ މަދު ދުވަސްކޮޅެއް ދާނީ،" "މިހާރު" ނޫހަށް ޑރ. ހަސަން ވިދާޅުވިއެވެ.

އެ ދުވަސްތަކުގައި ކުދިންނަށް ކިޔަވައިދޭން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އެ ބަދަލުން ކުދިންނަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި، މި ބަދަލުން ފެންނަނީ ދުރު މުސްތަގުބަލަށް ވިސްނާއިރު ކުދިންނަށާއި ބެލެނިވެރިންނާއި ގައުމަށް ވާނެ ފައިދާ ކަމަށް ޑރ. ޙަސަން ވިދާޅުވިއެވެ.

"ކުޑަކުދިންގެ ސިކުނޑިއަކީ ފޯނުގެ މެމޮރީ ފުރޭގޮތަށް އޮންނަ އެއްޗެއް ނޫން. އެހެންވެ ހަމަ ކިޔަވާ ވަރަކަށް އިތުރަށް އެއްޗެހި ދަސްވަމުން ދާނީ. އަޅުގަނޑު މި ބަދަލަށް ތާއީދު ކުރަން. އަޅުގަނޑުގެ ނަޒަރުގައި މިއީ ވަރަށް ރަނގަޅު ބަދަލެއް ކަމަށް ފެނޭ. އޭގެ ސަބަބުން ކުދިންނަށް [8ގެ ދަރިވަރުންނަށް] މާބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑަށް ސާބިތުކޮށްދެވިދާނެ މީގެން ކުދިންނަށް މާބޮޑު އަސަރެއް ނުކުރާނެ ކަން." "މިހާރު" ނޫހަށް ޑރ. ހަސަން ވިދާޅުވިއެވެ.

ދިރާސާ ރިޕޯޓްތައް ލިޔުއްވަމުން ގެންދަވާ ހަސަން ވިދާޅުވީ މި ބަދަލާއެކު މާއްދާތައް އެ ނިންމަން އޮންނަ ދުވަހަށް ނިންމުން އޭގެ ނަތީޖާ ނެރެވޭނެ ކަމަށާއި ރަނގަޅަށް ކިޔަވައިދީފިނަމަ އެކަން ކާމިޔާބުވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު