Monday, 16 September 2024

ނަސްލެއް ނައްތާލަނީ، ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 23,000 އަށް މައްޗަށް

ޣައްޒާގެ ނަސްލު ނައްތާލުމަށްޓަކައި، އަނިޔާވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 23،708 އަށް އަރައިފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވިދާޅުވީ، މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 60،005 މީހުން ޒަހަމްވެފައިވާ ކަމަށެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 151 މީހުން ޝަހީދުކޮށްލި އިރު، 248 މީހުން ޒަހަމްކޮށްލާފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ހަމައެހެންމެ، މިހާތަނަށް އައިއިރު 7،000 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ އިރު، އެމީހުން ތިބީ އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައި ކަމަށްވެއެވެ.

މި އަނިޔާވެރި އުދުވާނާ ގުޅިގެން، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީންގެ އިސްތިޢުމާރީ ސިފައިން ޤަތުލުޢާންމެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ޔަހޫދީ ފައުޖުގެ ޢުދުވާންތައް ވަޤުތުން ހުއްޓައިލަން ޢަމުރު ކުރުމަށް ދެކުނު އެފްރިކާއިން އިންސާފާ ބެހޭ ބައިނަލްއަޤުވާމީ ކޯޓު (އައިސީޖޭ)އަށް ވަނީ ގޮވާލާފައެވެ. އައިސީޖޭއަކީ ދަޢުލަތްތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި ގޮތް ނިންމައި އިންސާފު ހޯދައިދިނުމަށް އުފައްދާފައިވާ އދގެ އެންމެ މަތީ ކޯޓެވެ. އެއީ ދުނިޔޭގެ ކޯޓުގެ ގޮތުގައި ބެލެވޭ ކޯޓެކެވެ.

އަނިޔާވެރި ޔަހޫދީން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނަކީ ޤަތުލުޢާންމެއް ކަމަށް ބުނެ އައިސީޖޭއަށް މައްސަލަ ވައްދަމުން ދެކުނު އެފްރިކާއިން ބުނީ 1948 ވަނަ އަހަރުގެ ޤަތުލުޢާންމާ ބެހޭ މުއާހަދާއާ ޔަހޫދީން ޚިލާފުވަމުންދާ ކަމުގައެވެ. އަޑުއެހުންތަކުގެ ފުރަތަމަ ދުވަހު ދެކުނު އެފްރިކާއިން ބުނީ ޔަހޫދީ ފައުޖުން ޣައްޒާއަށް ދެމުންދާ ވައިގެ ޙަމަލަތަކާއި އެއްގަމު މަގުން އަރައި ދެމުންދާ ޙަމަލާތަކަކީ ޣައްޒާގެ މުސްލިމުން ނައްތައިލަން ފަށާފައިވާ ލާއިންސާނީ ޢުދުވާނެއް ކަމުގައެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން ބަދަލުހިފުމަށް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުން ދެމުންދާ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތަކަށް ވެސް ވަނީ އަމާޒުކޮށްފައެވެ.

މީޑިޔާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވެފައިވާ ފަލަސްތީނުގެ މީހުންގެ 70 ޕަސެންޓަކީ ހަނގުރާމާގައި އެއްވެސް ބައިވެރިވުމެއް ނެތް ކުޑަކުދިންނާއި އަންހެނުން ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އަނިޔާވެރި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުންދާއިރު، މިހާތަނަށް ދީފައިވާ ހަމަލާތަކުގައި ޣައްޒާގެ އެތައްހާސް އިމާރާތްތަކެއް ބިމާހަމަވެ، އެއް މިނިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

ހަމައެހެންމެ، މިހާރު ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކަކީ ހަމާސް ޖަމާއަތް ނައްތާލުމަށް ދެމުންދާ ހަމަލާތަކެއް ކަމަށާއި އިސްރާއީލުން ދީފައިވާ ހަމަލާތައް އަމާޒުކޮށްފައި ވާނީ ހަމާސް ޖަމާއަތުން ބޭނުންކުރަމުންދާ ޓަނަލްތަކާ އޮޕަރޭޝަނަލް ކޮމާންޑް ސެންޓަރުތަކުގެ އިތުރުން ފަލަސްތީނުގައި ހަރަކާތްތެރި ވަމުންދާ އިސްލާމިކް ޖިހާދު ޖަމާއަތުން ބޭނުންކުރަމުންދާ އަސްކަރީ ކޮމްޕައުންޑްތަކާއި އޮބްޒަވޭޝަން ޕޯސްޓްތަކަށް ކަމަށް ވެސް ޔަހޫދީ އިސްރާއީލުން ވަނީ ހާމަކޮށްފައެވެ.

މި ހަމަލާތަކުގެ މައިގަނޑު އަމާޒަކީ ހަމާސް ޖަމާއަތާ ގުޅުންހުރި އިންފްރާސްޓްރަކްޗާތައް ކަމަށް އިސްރާއީލުން ބުނި ނަމަވެސް މިހާތަނަށް ގިނަ ހަމަލާތައް އަމާޒުވެފައި ވަނީ ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅެމުންދާ އިމާރާތްތަކަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު