Thursday, 25 July 2024

ރިކޯޑު މިންވަރަށް އިއްޔެ މާލެއަށް ވާރޭ ވެހުން، އެއީ 159 މިލިމީޓަރުގެ ވާރޭ

އިއްޔެ މުޅި ރާއްޖެއަށް ކުރި ވިއްސާރާގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.

މެޓް އޮފީހުން އާންމުކުރި މައުލޫމާތުގައި ވަނީ، އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ މާލެ ސަރަހައްދަށެވެ. އެގޮތުން އިއްޔެ މާލެއަށް 159.3 މިލިމީޓަރު, ހުޅުލެއަށް 143.4 މިލިމީޓަރު އަދި ހުޅުމާލެއަށް 105.4 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައިވެއެވެ.

މެޓް އޮފީހުން މީގެ ކުރިން ހާމަކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު، ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިއްޔެ މާލޭގައި ފެންބޮޑުވެފައިވާއިރު, ފަހުގެ ތާރީހެއްގައި އެންމެ ގިނައިން މާލެއަށް ވާރޭ ވެހުނީ މިދިޔަ ޑިސެމްބަރު 31، ގައެވެ. އެއީ 24 ގަޑިއިރު ތެރޭ މިހާތަނަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާ މިންވަރެވެ. އެ ދުވަހު ހުޅުލެއަށް 179.7 މިލިމީޓަރު އަދި މާލެއަށް 118.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ރިކޯޑުތައް ދައްކާގޮތުން، މާލެ, ހުޅުލެ އަދި ހުޅުމާލޭގެ އިތުރުން އިއްޔެ ދެން އެންމެ ގިނައިން ވާރޭ ވެހުނީ ކ. ކާށިދޫ, އދ. މާމިގިލި, އއ. ތޮއްދޫ އަދި ގދ. ތިނަދޫއަށެވެ. އެ ރަށްތަކަށް 68.3 މިލިމީޓަރާއި, 53.3 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ވާރޭ ވެހުނެވެ.

ހަމައެހެންމެ، އިއްޔެ ވެހުނު ވާރޭގައި މާލޭގެ އިތުރުން ތ. ގުރައިދޫ, ދިޔަމިގިލި, ލ. މާމެންދޫ އަދި ދ. ކުޑަހުވަދޫ ގައި ފެން ބޮޑުވިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ވިދާޅުވީ އިއްޔެގެ ވިއްސާރާގައި 144 ގެއަކުން އެހީއަށް އެދި ގުޅި ކަމަށެވެ. ފެން ބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނީ އަށް ގެއެއްގައި ދިރިއުޅޭ ޖުމްލަ 57 މީހުން ކަމަށްވާއިރު, އެންޑީއެމްއޭއިން ވަނީ އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ހަމަޖައްސައިދެއްވާފައެވެ.

މޫސޫން ގޯސްވެ، އިއްޔެ ރެއިން ފެށިގެން ރޭ ދަންވަރާ ހަމައަށް ހުއްޓުމެއް ނެތި މާލެ އާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ދިޔައީ ވާރޭ ވެހެމުން މާފަންނު އަވަށުގެ ބޮޑު ސަރަހައްދެއްގައި ވަރަށް ބޮޑަށް ފެން ބޮޑުވިއެވެ. އެހެންވެ އެ ސަރަހައްދުގެ މަގުތައް ވެސް ބަންދުކުރި އެވެ. އަދި މާލޭގެ އެހެން ބައެއް ސަރަހައްދުތަކާއި ބޮޑެތި މަގުތަކުގައި ވެސް ފެން ބޮޑުވިއެވެ.

ކުރަމުންދިޔަ ވިއްސާރައާ ގުޅިގެން އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތްފަށައި، މާލޭގައި ފެން ހިންދައި އާންމު ހާލަތަކަށް ގެނައީ، ފެން ހިންދަން އިތުރު ޕަންޕު ބޭނުންކޮށްގެންނެވެ. އެ މަސައްކަތުގައި، އަށް ސަރަހައްދެއްގައި 23 ޕަންޕު ބޭނުންކޮށްގެން އެމްއެންޑީއެފުން ވަނީ 27449 ޓަނުގެ ފެން ހިންދާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު