Saturday, 25 May 2024

އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ނުރަނގަޅު ގޮތަކީ ދެ ގައުމުގެ ގުޅުން ބޭއްވުމުގައި އޮންނަންޖެހޭ ހަމައެއް ނޫން: ރައީސް

އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ނުރަނގަޅު ގޮތް އެއީކީއެއް ދެ ގައުމުގެ ދޭތެރޭގަައި ގުޅުން ބޭއްވުމުގައި އޮންނަންޖެހޭ ހަމައެއް ނޫން ކަމަށް ރައީސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ތާރީޚީ ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ރައީސް ވިދާޅުވީ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ނުރަނގަޅު ގޮތް އެއީކީއެއް ދެ ގައުމުގެ ދޭތެރޭގަައި ގުޅުން ބޭއްވުމުގައި އޮންނަންޖެހޭ ހަމައެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެ – ޗައިނާ ގުޅުމުގެ މައިގަނޑު އެއް އަސާސަކީ 'ނޯ އިންޓަފިއަރެންސް އިން އިންޓާނަލް މެޓާސް' ކަމަށެވެ. އެގޮތުން، ރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކަށް ޗައިނާއިން ނުފޫޒު ނުފޯރުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނުސީދާކޮށް، އިންޑިއާއަށް އިޝާރާތްކުރައްވާ އެ މަނިކުފާނު ވިދާޅުވީ، ނިމުނު ސަރުކާރުގައި 'އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް އިށީނދެވެނީ' ވަކި ގައުމެއްގެ ރުހުން ހޯދައިގެން ކަމަށެވެ. އެކަމަކު، ދިވެހީން މިހާރު އެގޮތް ބޭނުންނުވާ ކަމަށާއި އެއް ގައުމު އަނެއް ގައުމުގައި ހިނގާ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރީގައި ދާދި ފަހަކާ ޖެހެންދެން ފެނުނީ، މިދިޔަ ސަރުކާރުގައި ދުވަސްވަރު ކަންނޭނގެ އެއްގޮނޑިން އިށީނދެ އަނެއް ގޮނޑީގައި އިށީނދެވެނީ ވެސް ވަކި ގައުމެއްގެ ކިބައިގެން ހުއްދަ ހޯދައިގެން. އެގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނުސީދާ ގޮތެއްގައި އިންޑިއާއަށް ފާޑު ވިދާޅުވެފައިވާއިރު، މި ފަހުން އިންޑިއާއިން ލަކްޝަދްވީޕުގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމާ އެކު ސަރުކާރުގެ ނައިބު ވަޒީރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރި މައްސަލައެއްގައި ދެ ގައުމުގެ ގުޅުމަށް ވަނީ އަސަރުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ހިމެނިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. އެ ބައްދަލުވުމަށްފަހު ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޗައިނާގެ ރައީސްގެ ދެކަނބަލުން ފުރަމާނަ ޖާފަތެއް ދެއްވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *