ޔޫއޭއީއާއި ތައިލެންޑުން އާސަންދަ ލިބޭގޮތް ހަދަން ރައީސް ނިންމަވައިފި

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާއި ތައިލޭންޑުން އާސަންދަ ލިބޭގޮތް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް އެ މަނިކުފާނު ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑިއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ރައީސް ވިދާޅުވީ، މިހާރު އާސަންދަ ލިބޭ ގައުމުތަކަށް ވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަން މަސައްކަތްކުރައްވާނެ ކަމަށާއި، އެހެންކަމުން ޔޫއޭއީއާއި ތައިލޭންޑުން އާސަންދަ ލިބޭގޮތް ހަމަޖައްސާނެ ކަމަށެވެ.

"ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެންގެ އާސަންދައަކީ ހަމައެކަނި ވަކި ދިމާލަކުން ހުންނަ، ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކުން އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނުހަދައި އެއަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް ޔޫއޭއީއަށާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އަމާޒަކީ އެ ތަންތަނަށް ދަތުރުކުރާއިރު ހުރުމަށްދާ ޚަރަދު ވެސް އާސަންދައިގެ ތެރެއިން ކަވަރުކުރުން ކަމަށެވެ.

"މި ގައުމުގެ ހެލްތު ފެސިލިޓީ ތަރައްގީ ވަންދެން ދާނީ މިހާރު އެ ދާ ތަންތަނަށް ވުރެ މާ ފެންވަރު ރަނގަޅު، ދުބާއީ ކަހަލަ ބެންކޮކްގައި ހުންނަ ކަހަލަ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް. އެކަމަޑޭޝަން އެކްސްޕެންސަސް ލިބިގެން އާސަންދައިން ކަވަރުވެގެން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އެތެރެކުރާ ބޭސް ވެސް ޔޫރަޕުންނާއި އެމެރިކާއިން އެތެރެކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މާ ލަސްތަކެއް ނުވެ، ޔޫރަޕުގެ ބޭސް އެތެރެކުރަން ފެށޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ އަރުވައިފައެވެ.

މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ހިމެނިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. އެ ބައްދަލުވުމަށްފަހު ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޗައިނާގެ ރައީސްގެ ދެކަނބަލުން ފުރަމާނަ ޖާފަތެއް ދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *