Saturday, 22 June 2024

ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެހެނީ

ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ދެއްކުމުގައި ކުރިއަށް އޮތް ފަސް އަހަރުތެރޭ ވީހާ ވެސް ލުއި ގޮތްތަކެއް ހޯދައިދޭނެ ކަމަށް ދެ ގައުމުގެ ދެމެދު އެއްބަސްވެފައިވާ ކަމަށާއި އެކަމާ ގުޅިގެން މަޝްވަރާތައް ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ތާރީޚީ ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ރައީސް ވިދާޅުވީ އެ ދަތުރުފުޅުގައި ޗައިނާއަށް ދައްކަންޖެހޭ ލޯނު ދެއްކުމަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ އަރިހުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު ޗައިނާއަށް ދައްކަންޖެހޭ ލޯނުތަކަކީ ޑައިރެކްޓް ލޯނުތަކެއް ކަމަށެވެ. އެއާއެކު ދެ ގައުމު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފަސް އަހަރު ދުވަހުގެ ތެރޭގައި ވީހާ ވެސް ލުއި ގޮތަކަށް އެ ލޯނުތަކުގެ ކަންތައް ހަމަޖެއްސޭނެ ގޮތްތަކެއް ދިރާސާކޮށް ކަނޑައެޅުމަށް ޓަކައި ވަރަށް އަވަހަށް ޗައިނާގެ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ވަރަށް އަވަހަށް އެ ތަނުގެ [ޗައިނާގެ] ފިނޭންސް މިނިސްޓްރީއާ ފިނޭންސް ދާއިރާގެ ޓެކްނިކަލް ޓީމެއް ފޮނުއްވަވާނެ. އެކަން ވެސް ހަމަޖެހިގެން ދިޔަ،" ރައީސް ވިދާޅުވިއެވެ.

އެކަމަށް އިޝާރަތްކުރައްވައި ރައީސް ވިދާޅުވީ، އޭގެ ސަބަބުން ލޯނު އަދާކުރުމަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ ކަމަށާއި، އެކަމަށް ދެ ގައުމުގެ ދެމެދުގައި އެންމެ މަތީ ލެވަލްގައި އެ ކަމުގެ މަޝްވަރާތައް ކުރެވުނު ކަމަށެވެ.

ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ދަރަނީގެ އަދަދަކީ 1.52 ބިލިއަން ޑޮލަރެވެ.

މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ހިމެނިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. އެ ބައްދަލުވުމަށްފަހު ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޗައިނާގެ ރައީސްގެ ދެކަނބަލުން ފުރަމާނަ ޖާފަތެއް ދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު