ކާޑުގެ ބާވަތްތަކާއި އަލުއި ފިޔަައި ފަދަ އަސާސީ މުދާ އެންމެ ޤައުމަކުން ގެނައުން ނިމުމަކަށް ގެނެސް އެހެނިހެން ޤައުމުތަކުން އެ ބާވަތްތަކުގެ މުދާ އެތެރެކުރުމުގެ އިންތިޒާމުތައް މިހާރު ހަމަޖައްސަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާއަށް ކުރެއްވި ތާރީޚީ ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ރައީސް ވިދާޅުވީ ކާޑުގެ ބާވަތްތައް ގެނައުމުގައި ރާއްޖެއިން އެންމެ ޤައުމަކަށް ބަރޯސާވާން ނުޖެހޭނެ ކަމަށެވެ. އެގޮތުން ކާޑުގެ ބައެއް ބާވަތްތައް ތުރުކީން ގެނައުމަށް އެޤައުމާއެކު އެއްބަސްވުމެއް ހަދާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ބޭސިކް ކޮމޮޑިޓީސް، ހަނޑޫ، ހަކުރު، ފުށް [އެތެރެ ކުރުމުގައި] އެންމެ ދިމާއަކަށް ބަރޯސާއެއް ނުވާނެ. އަޅުގަނޑުމެން ވާނީ ތުރުކީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ހަނޑުލާއި ހަކުރާއި ފުށާއި އެނޫންވެސް އެކި ބާވަތްތަކުގެ މުދާ ތުރުކީން އެއް އަހަރު ދުވަހަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް 10 އިންސައްތަ އިތުރަށް ގެނައުމަށް އެއްބަސްވެފައިވާކަމަށާއި، ހަނޑޫ ހަކުރު ފިޔައި އަލުވި އަދި ބިސް ފަދަ ބާވަތްތައް އެކި ޤައުމުތަކުން ގެނައުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ރައީސް ޑރ.މުޢިއްޒު މިއަދުވަނީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށް ވަކި ޤައުމަކަށް ހުރިހާ ކަމެއްގައި ބަރޯސާވާ މިންވަރު ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހާމަކުރައްވާފައެވެ.
އެހެންކަމުން، ރާއްޖެއަށް ބޭނުންވާ ބޭސް ވަކި ޤައުމަކުން ގެނައުން ހުއްޓައިލުމުގެ ގޮތުން ޔޫރަޕުގެ ބޭސް އުފައްދާ ކުންފުނިތަކުން ސީދާ ރާއްޖެއަށް ބޭސް ގަނެގެން އެތެރެކުރުމަށް ސަރުކާރުން ނިންމާފައިވުމާއި، ވަކި ޤައުމެއްގެ ޞިއްޙީ މަރުކަޒުތަކުން އެކަނި އާސަންދައިން ޚިދުމަތް ދިނުމުގެ ބަދަލުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭ އެހެން އާސަންދަ ފުޅާކުރަން ނިންމާފައިވާކަން ރައީސްވަނީ އިއުލާނުކުރައްވާފައެވެ.
މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ހިމެނިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. އެ ބައްދަލުވުމަށްފަހު ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޗައިނާގެ ރައީސްގެ ދެކަނބަލުން ފުރަމާނަ ޖާފަތެއް ދެއްވިއެވެ.